ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް
1. ޖަލްސާގެ ދަޢުވަތު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް ދަޢުވަތު އަރުވަމެވެ. ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 މޭ 2021 ވާ ހޯމަ ދުވަހުގެ 16:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ.
2. ޖަލްސާގެ އެޖެންޑާ
- ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
- ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އެހުން؛
2.1. 30 އޮގަސްޓް 2020 ވީ އާދިއްތަ ދުވަހު ބޭއްވި މި ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ.
2.2. 2020 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް.
2.3. 2020 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ކުންފުނީގެ މާލީ ހިސާބުތައް.
2.4. ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ.
2.5. 2021 ވަނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން.
2.6. ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން ޢައްޔަންކުރުން.
3. ވޯޓުގެ ނަތީޖާ އިޢުލާންކުރުން.
4. ފާއިތުވި އަހަރު ކުންފުނީގެ ޕަރފޯމަންސް ރިޕޯޓް ހުށަހެޅުން.
5. ހިއްސާދާރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބުދެއްވުން.
6. ޖަލްސާ ނިންމުން.
3. ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް
ޖަލްސާގައި ބައިވެރިވެވޭނީ 16 މޭ 2021 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމުގައި، 04 މޭ 2021 ގައި ޝާއިޢުކޮށްފައިވާ މި ކުންފުނީގެ ނަންބަރު 60-CS/2021/97 އިޢުލާނުން ވަނީ އެންގިފައެވެ.
4. އަހަރީ އާންމު ޖަލްސާ 2020 އަށް ރަޖިސްޓަރީކުރުން
- އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، އެސްޓީއޯގެ ވެބްސައިޓްގައި ހޮސްޓުކޮށްފައިވާ agm.sto.mv ޕޭޖު މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ދަންނަވަމެވެ.
- މިގޮތުން، ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 މޭ 2021 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން މި ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
- މި ކުންފުނީގެ ހިންގާ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާގޮތަށް، ކޮންމެ ހިއްސާދާރަކަށް އޭނާގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ، ވޯޓު ދިނުމަށް ޢައްޔަން ކުރެވޭނީ 1 (އެކެއް) ޕްރޮކްސީއެވެ. އެކަކަށްވުރެ އިތުރު ފަރާތްތަކަށް ޕްރޮސީ ދީފައިވާ ޙާލަތުގައި، ހުށަހަޅާފައިވާ ހުރިހާ ޕްރޮކްސީއެއް ބާޠިލް ކުރެވޭނެއެވެ.
- ޕްރޮކްސީ ޤަބޫލްކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 (ސަތޭކަ) މެންބަރުންގެ ޕްރޮކްސީއެވެ.
- ޕްރޮކްސީ ޢައްޔަން ކުރާއިރު، ކުންފުނީގެ ހިންގާ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުޞޫލުން ޢައްޔަން ކުރުމަށް އެދެމެވެ.
- 18 އަހަރުން ދަށުގެ ހިއްސާދާރުން ޖަލްސާއަށް ރަޖިސްޓަރީ ކުރާއިރު ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ.ކާޑު ހުށަހަޅަން ވާނެއެވެ. ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ ކާޑު ހިމަނާފައި ނުވާނަމަ، ރަޖިސްޓްރޭޝަން ބާޠިލް ކުރެވޭނެއެވެ.
- ކުންފުންޏަކުންނަމަ، ކުންފުނީގެ ބޯޑުން ވަކި ފަރާތަކަށް ޕްރޮކްސީ ހަވާލުކުރަން ނިންމާފައިވާ ކަމުގެ ބޯޑު ރިޒޮލިއުޝަނަކާއެކު، ކުންފުނީގެ ރަޖިސްޓްރޭޝަންގެ ކޮޕީއަކާއި ޕްރޮސީގެ ގޮތުގައި ޢައްޔަންކުރާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ޕްރޮކްސީގެ ގޮތުގައި ޢައްޔަންކުރާ ފަރާތަކީ ހިއްސާދާރަކަށްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، މި ކުންފުނީގެ ބޯޑުގެ ޑިރެކްޓަރަކަށް ޕްރޮކްސީ ޙަވާލެއް ނުކުރެވޭނެއެވެ.
- ރަޖިސްޓަރީކުރުމުގައި ހުށަހަޅާފައިވާ މަޢުލޫމާތެއް، ޖަލްސާ ފެށުމުގެ 24 ގަޑިއިރު ކުރިން، ކުންފުންޏަށް ޔަޤީން ނުކުރެވިއްޖެނަމަ ނުވަތަ ސާފުނުވާނަމަ ނުވަތަ ފުރިހަމަ ކޮށްފައި ނުވާނަމަ ނުވަތަ ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ، ރަޖިސްޓްރޭޝަން ބާޠިލްކުރުމުގެ އިޙްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
- އަހަރީ އާންމު ޖަލްސާ އަދި ރަޖިސްޓަރީކުރުމާއިގުޅޭ އިތުރު މަޢުލޫމާތު agm.sto.mv ވެބްސައިޓުން ލިބެންހުންނާނެއެވެ.
5. ޕްރޮކްސީ ބާޠިލްކުރުން
ޕްރޮކްސީއެއް ބާޠިލްކުރަން ބޭނުންވާ ހިއްސާދާރުން 31 މޭ 2021 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން "ޕްރޮކްސީ ބާޠިލްކުރަން އެދޭ ފޯމު" މެދުވެރިކޮށް [email protected] އީމެއިލް އެޑްރެހަށް އަންގަން ވާނެއެވެ. މި ފޯމް ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
6. ޖަލްސާގައި ބައިވެރިވުން
ޖަލްސާއަށް ރަޖިސްޓަރީކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ތަމްސީލްކުރާ ފަރާތްތަކަށް، ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ އިރުޝާދުތައް އެސް.އެމް.އެސް އަކުން ފޮނުވޭނެއެވެ. އެގޮތުން، 31 މޭ 2021 ވަނަ ދުވަހުގެ 15:30 އާއި 15:55 އާއި ދެމެދު، އެސް.އެމް.އެސްގައި ބަޔާންކުރާ ލިންކުން އެސްޓީއޯގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށް login ކުރަންވާނެއެވެ. ޖަލްސާގައި ބައިވެރިވާ މެންބަރުންކަމަށް ބަލާނީ އެ ދުވަހުގެ 15:55 ގެ ނިޔަލަށް ލޮގްއިން ކޮށްފައިވާ މެންބަރުންނެވެ.
7. 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ
30 އޮގަސްޓް 2020 ވީ އާދިއްތަ ދުވަހު ބޭއްވި މި ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު ވަނީ 12 މޭ 2021 ވީ ބުދަ ދުވަހު ހުޅުވާލެވިފައެވެ. މި ޔައުމިއްޔާއަށް އެއްވެސް އިސްލާޙެއް ހުށަހަޅުއްވަން ބޭނުންވާނަމަ، 27 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.
8. 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް
ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް، 15 މެއި 2021 ވަނަ ދުވަހު މި ކުންފުނީގެ ވެބްސައިޓްގައި، ވާނީ ޝާއިޢުކުރެވިފައެވެ.
9. ކުންފުނީގެ ފައިދާއިން 2020 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ޢަދަދު
ކުންފުނީގެ ފައިދާއިން 2020 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ، ހިއްސާއަކަށް 60ރ (ފަސްދޮޅަސް ރުފިޔާ) އެވެ. ހިއްސާގެ ފައިދާ ލިބޭނީ 16 މޭ 2021 ގެ ނިޔަލަށް ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ފަރާތްތަކަށް ކަމުގައި، 04 މޭ 2021 ގައި ޝާއިޢުކުރި މި ކުންފުނީގެ ނަންބަރު 60-CS/2021/97 އިޢުލާންގައި ބަޔާންކޮށްފައި ވާނެއެވެ.
ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީ ކޮށްފައިނުވާ ފަރާތްތަކުން، "ބޭންކަށް ޖަމާކުރަން އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލްކުރުމުން، ހިއްސާގެ ފައިދާ ބޭންކަށް ޖަމާކޮށްދެވޭނެއެވެ. މި ފޯމް، ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
10. 2021 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު
2021 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮޑިޓް ފަރމްތަކުން އަގު ހުށަހެޅުމަށް އެދުމުން، އަގު ލިބިފައިވަނީ ތިރީގައިވާ ފަރާތްތަކުންނެވެ.
އޮޑިޓް ފަރމް |
އަގު ޔޫއެސް ޑޮލަރުން |
ފާއިތުވި އަހަރު އެސްޓީއޯއަށް ދިން ޚިދުމަތް |
ޕްރައިސްވޯޓަރހައުސްކޫޕަރސް |
57,876.00 |
ފާއިތުވި އަހަރުވެސް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން |
އަރނެސްޓް އެންޑް ޔަންގް |
61,215.00 |
- |
މި ދެ ފަރާތުގެ ތެރެއިން 2021 ވަނަ އަހަރު ކުންފުނި އޮޑިޓްކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާ ފަރާތަކީ 57,876.00 ޔޫއެސް ޑޮލަރަށް ޕްރައިސްވޯޓަރހައުސްކޫޕަރސްއެވެ.
11. ކުރިޔަށް އޮތް ދައުރަށް ޑިރެކްޓަރުން ޢައްޔަންކުރުން އަދި އިންތިޚާބުކުރުން
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނަށް ބަދަލެއް ނުގެންނަކަމަށް، 25 މާރިޗް 2021 ގައި ލިބުނު މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 454/60/2021/2 ސިޓީއިން ވަނީ އަންގަވާފައެވެ. މިވަގުތު ކުންފުނީގައި ސަރުކާރު ތަމްސީލުކުރާ ބޯޑު ޑިރެކްޓަރުންނަކީ؛
- އަލްފާޟިލް ޙާމިދު ނަޝީދު މުޙައްމަދު / މއ. ޗަނބޭލީމާގެ
- އަލްފާޟިލް ޙުސެއިން ޢަމްރޫ މުޙައްމަދު ރަޝާދު / ގ. ހައްދުންމަތީ ދެކުނުގެ
- އަލްފާޟިލް މުޙައްމަދު ނިޒާމް / ނަސީމީ ހައުސް، ހއ. ހޯރަފުށި
- އަލްފާޟިލް ޝިމާދު އިބްރާހިމް / ދިލްޝާދުގެ، ގއ. ދެއްވަދޫ
- އަލްފާޟިލް އިސްމާޢީލް ޒުމައިލް ރަޝީދު / މ. އައިޝަތު މަންޒިލް
- އަލްފާޟިލް ޤައިސް އިސްމާޢީލް / އަންޑާޕޫލްގެ، ގއ. ދާންދޫ
މި ފަރާތްތަކުގެ ވަނަވަރު، agm.sto.mv އިން ފެންނަން ހުންނާނެއެވެ.
2022-2021 ވަނަ އަހަރަށް ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 4 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. މި މަޤާމަށް ނަން ހުށަހެޅުއްވި ފަރާތްތަކުން ހުށަހެޅުއްވި ޑޮކިއުމަންޓްތަކާއި، ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ކުރެއްވި އިންޓަވިއުއަށް ރިޢާޔަތްކޮށް، އެ ކޮމިޓީން ހުށަހެޅުއްވި ރެކޮމެންޑޭޝަންއާއި އެއްގޮތަށް، އަހަރީ އާންމު ޖަލްސާގައި އިންތިޚާބްކުރުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ 3 ފަރާތަކީ؛
- އަލްފާޟިލް އާދަމް މުޢިއްޒު / ހ.ބޯވެލިގެ
- އަލްފާޟިލް އަބްދުﷲ ސަޢީދު / ވ.ޝެހެނާޒް މަންޒިލް
- އަލްފާޟިލާ އާމިނަތު ރުޝްމާ / ހ.މޮސްކޯގެ
މި ފަރާތްތަކުގެ ވަނަވަރުވެސް، agm.sto.mv އިން ފެންނަން ހުންނާނެއެވެ.
12. އަހަރީ އާންމު ޖަލްސާގައި ވޯޓު ދިނުން
- ކުންފުނީގެ އާންމު ޖަލްސާގައި ފާސްކުރާ ކޮންމެ ޤަރާރެއްވެސް ފާސްކުރާނީ މެންބަރުންގެ ވޯޓަށް އަހައިގެންނެވެ.
- އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ޖަލްސާގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓެވެ.
- ކުންފުނީގެ ރައުސްމާލުގެ ހިއްސާގެ 10% (ދިހައެއް އިންސައްތަ) ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ، ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ، ކޮންމެ މެންބަރަކަށް އެ މެންބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް) ވޯޓު ދެވޭނެއެވެ.
- 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، "އެސްޓީއޯ އޭ.ޖީ.އޭމް ޕޯޓަލް" މެދުވެރިކޮށް، އޮންލައިންކޮށެވެ.
- އެގޮތުން، ޖަލްސާގައި ބައިވެރިވުމަށާއި، ވޯޓިންގ ޕޯޓަލްއަށް ލޮގްއިން ކުރުމަށް ބޭނުންވާ އިރުޝާދުތައް، ޖަލްސާއަށް ރަޖިސްޓަރީ ކުރާއިރު ހިއްސާދާރުން ރަޖިސްޓަރީ ކުރާ ފޯނު ނަންބަރަށް، އެސް.އެމް.އެސް އެއްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.
- ކޮންމެ އައިޓަމަކަށްވެސް ވޯޓު ދެވޭނީ 1 (އެކެއް) ފަހަރުއެވެ. އަދި ވޯޓު ދިނުމަށްފަހު ވޯޓު ބަދަލެއް ނުކުރެވޭނެއެވެ.
- "އެސްޓީއޯ އޭ.ޖީ.އޭމް ޕޯޓަލް" އަކީ މީގެ ކުރީ އަހަރުތަކުގައިވެސް އެސްޓީއޯއިން އަހަރީ އާންމު ޖަލްސާގައި ވޯޓު ނަގަން ބޭނުންކުރި ސިސްޓަމެވެ.
- ޖަލްސާގައި ފާސްކުރާ އައިޓަމްތަކަށް ވޯޓު ދިނުމަށް ވަގުތެއް ކަނޑައެޅޭނެއެވެ. އެގޮތުން ކަނޑައެޅޭ ވަގުތުގެ ތެރޭގައި ވޯޓު ދީ ނިންމަންވާނެއެވެ.
- ކުންފުނީގެ ހިންގާ ޤަވާއިދުގެ 46 ވަނަ މާއްދާގައި ވާގޮތުގެ މަތީން، އެއްވެސް އައިޓަމެއްގެ ވޯޓު އެއްވަރު ވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއަރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަނަށް ދެވިދާނެއެވެ.
- އަދި ހިންގާ ޤަވާއިދުގެ 45 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން، މިފަދަ ޖަލްސާއެއްގައި ނެގޭ ވޯޓުގެ ޞައްޙަ ކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.
13. ޑިރެކްޓަރުންނާއި ކުރަން ބޭނުންވާ ސުވާލުތައް ނުވަތަ ކުންފުނީގެ ކަންކަން ރަނގަޅުކުރުމަށް ދޭން ބޭނުންވާ ޚިޔާލުތައް
މި އަހަރު، ކުންފުނީގެ އެކި ކަންކަމާމެދު ޑިރެކްޓަރުންގެ ބޯޑާ ކުރަން ބޭނުންވާ ސުވާލުތައް ނުވަތަ ދޭން ބޭނުންވާ ޚިޔާލުތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ "އެސްޓީއޯ އޭ.ޖީ.އޭމް ޕޯޓަލް" މެދުވެރިކޮށެވެ. މި ސިސްޓަމް މެދުވެރިކޮށް ސުވާލު ހުށަހެޅޭނީ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ. އަދި ހުށަހަޅާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދޭނީ އަހަރީ އާންމު ޖަލްސާގައެވެ. މީގެ އިތުރުން، ޖަލްސާގައި ބައިވެރި ނުވިނަމަވެސް ސުވާލެއް ނުވަތަ ޚިޔާލެއް ހުށަހަޅަން ބޭނުންވާ ހިއްސާދާރުންނަށް، ރެޖިސްޓްރޭޝަން މުއްދަތު ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލް ކުރެވިދާނެއެވެ. މިހެން ހުށަހަޅާނަމަ ހިއްސާދާރުގެ އައި.ޑީ.ކާޑުގެ ކޮޕީއެއް އީމެއިލްއާއެކު ހިމަނަންވާނެއެވެ. އަދި އައި.ޑީ.ކާޑު ކޮޕީ ހިމަނާފައި ނުވާނަމަ، އެ ސުވާލާއި ޚިޔާލު ބަލައިގަނެވުނުނަމަވެސް، އަހަރީ އާންމު ޖަލްސާއަކަށް ހުށައެއްނޭޅޭނެއެވެ.