ދިވެހިރާއްޖެ
17 އޭޕްރީލް 2021 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށްޓަށް ހޯމް ކަރަންޓީންވުމަށް އަންނަ ފަރާތްތައް ހޯމްކަރަންޓީން ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މިކަމާ ގުޅުންހުރި އުޞޫލު ކަމުގައިވާ "ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި (ޓްރެވެލް ރިލޭޓަޑް) ކަރަންޓީނުކުރުމާއި ކަރަންޓީންނުކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ދަންނަވަމެވެ. އެހެންކަމުން ކަރަންޓީންވާންޖެހޭ ފަދަ ތަނަކުން ކުޅުދުއްފުށްޓަށް ދަތުރުކުރާ ފަރާތްތަކުން ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.
- ހޯމް ކަރަންޓީން ވުމަށް ދަތުރު ކުރުމުގެ ކުރިން ދަތުރު ކުރަން ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން ރަސްމީ 03 ދުވަސް ކުރިން ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ދަތުރުކުރުމަށް އެދިލެއްވުން.
- ދަތުރު ކުރުމުގެ ކުރިން އެޗް.ޕީ.އޭ ގެ ލީގަލް ޑޮކިއުމަންޓް ހާލުބެލުން ޕޯޓަލްއިން ލިބިފައިވާކަން ކަށަވަރު ކުރުން.
- ރަށަށް އައުމަށްފަހު ހޯމް ކަރަންޓީންވުމަށް ހަމަޖެހިފައިވާ ތަނަށް ދިއުމުގެ އިންތިޒާމް ދުރާލާ އަމިއްލައަށް ހަމަޖެއްސުން
- ހޯމް ކަރަންޓީން ވުމަށް ހަމަޖެހިފައިވާ ތަނަށް ދިއުމަށް ޕިކް-އަޕް ފަދަ ގައިދުރުކަން ޔަގީން ކުރެވޭ އުޅަނދެއް ހިޔާރުކުރުމަށް އިސްކަންދިނުމާއި، ހުރިހާ ވަގުތެއްގައިވެސް މާސްކު ބޭނުން ކުރުމާއި، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުން.
- ރަށަށް އައުމަށްފަހު އިތުރު އެއްވެސް ފަރާތަކާއި ބައްދަލު ނުކުރުމާއި، ލަސްކުރުމަކާ ނުލާ ކަރަންޓީން ވުމަށް ހަމަޖެހިފައިވާ ތަނަށް ދިއުން.
- ކަރަންޓީންގައި ހުންނަ މުއްދަތުގައި އެޗް.ޕީ.އޭގެ އުޞޫލުގައިވާ ގޮތުގެ މަތިން ކަރަންޓީން ވެފައިވާ ފަރާތްތަކުގެ ހާލުބެލުމަށް ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ގުޅުމުން މަޢުލޫމާތު ހިއްސާކޮށް އެއްބާރުލުން ދިނުން
- ކަރަންޓީންގައި ހުންނަ ވަގުތުގައި އަދި ދަތުރު ކުރުމުގައި އެޗް.ޕީ.އޭ އަދި ޞިއްޙީ އެހެން އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލެބުން
ކަރަންޓީން ވުމަށް ރަށަށް އަންނަ ފަރާތްތައް ކަރަންޓީންވާ ތަންތަނަށް ގެންދިއުމަށް ޙަރަކާތްތެރިވާ ފަރާތްތަކުން މާސްކު ބޭނުން ކުރުމާއި، އަދި އެޗް.ޕީ.އޭގެ މިންގަޑުތަކާއި އުޞޫލުތަކަށް ބޯލެބުމަށް މި ފުރުޞަތުގައި އިލްތިމާސް ކުރަމެވެ. އަދި ކަރަންޓީންވާން ޖެހޭ ފަދަ ތަނަކުން ދަތުރުކުރާ ފަރާތްތަކުން ދުރާލާ އެޗް.ޕީ.އޭގެ އުޞޫލުތަކާ އެއްގޮތަށް ހުއްދަ ހޯއްދެވުމަށް ނަސޭޙަތްތެރިވަމެވެ. ދަތުރު ކުރުމުގެ އަދި ކަރަންޓީން އުޞޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން މެދުވެރިކޮށް ފިޔަވަޅު އެޅޭނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.
އަދި މިފުރުޞަތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ކުޅުދުއްފުށި ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި ނުހަނު އިޚްލާސްތެރިކާމާއެކު ޝުކުރު ދަންނަވަމަވެ.