ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-I/INDIV/2014/2
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2014
ޕަބްލިޝްކުރި ގަޑި: 17:48
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހިސްޕިޑް ބީޓްލް ފެތުރުން ހުއްޓުވުމާބެހޭ

ރާއްޖެއަށް 1999 ވަނަ އަހަރުގައި ތައާރަފު ވެގެން ދިޔަ ހިސްޕިޑް ބީޓަލް ވަނީ އުތުރުގެ ގިނަ ރަށްތަކުގެ ރުއްތަކަށް ފެތުރިފައެވެ. އަދި އެކަމުގެ ސަބަބުން ރުއްތައް ދަނީ ވަރަށް ބޮޑަށް ހަލާކުވަމުންނެވެ. މި މަޑިއަކީ އެހާ ދުރަށް އުދުހެވޭ މަޑިއެއް ނޫންކަމުން، އެއްރަށުން އަނެއްރަށަށް މި މަޑި ފެތުރެން ދިމާވާ ސަބަބެއް ކަމަށް ބެލެވެނީ މި މަޑިއުޅޭ ރުކާއި ރުކުގެ ބައިތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުން ކަމުގައި ބެލެވެއެވެ.

ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ވ) ގެ ދަށުން ގަސްގަހަށް ޖެހޭ މިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި އެބަލި އުޅޭ ސަރަހައްދުތައް ކަރަންޓީނު ކުރުމަކީ މިނިސްޓްރީއަށް ލިބިގެންވާ ބާރެކެވެ. މިހެންކަމުން، މި މަޑި ކޮންޓްރޯލް ކުރުމަށްޓަކައި ރުކުމަޑި ހުރިކަމަށް މިހާތަނަށް ރިކޯޑުކުރެވިފައިވާ އަތޮޅުތައް ކަމަށްވާ ނ، ރ، ކ، އއ، އދ ގެ އަތޮޅުތަކުގެ ރަށްތައްވަނީ ކަރަންޓީނުކުރެވިފައެވެ. އަދި މިހާރު މިމަޑިވަނީ ހދ. ހަނިމާދޫގެ ރުއްތަކުންވެސް ފެނިފައެވެ. އެހެންކަމުން މިރަށްތަކުން ރުކާއި ރުކުގެ އެއްވެސް ބައެއް ބޭރުކުރުމަކީ މަނާކަމެކެވެ. އަދި މަޑިއުޅޭ ރުކުގެ އެއްވެސް ބައެއް އެއްލާލަން ޖެހިއްޖެނަމަ ނުވަތަ ކުނީގެ ގޮތުގައި އުކާލަންޖެހިއްޖެނަމަ، އެބައެއް އަންދާލައިގެން ނައްތާލުންވެސް މިފުރުޞަތުގައި އިލްތިމާސްކުރަމެވެ. މީގެއިތުރުން، މި ރަށްތަކުން ކާށި އަދި ކުރުނބާ ބޭރުކުރުމަށް ބޭނުންވާނަމަ އެރަށެއްގެ ރަށު ކައުންސިލުން ބަލައި ފާސްކުރުމަށް ފަހު ރަށު ކައުންސިލްގެ ހުއްދައާއެކު ބޭރުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މީގެ އިތުރުން، މި މަޑި އުޅޭ ރަށްރަށުގައި މި މަޑި ކޮންޓްރޯލްކުރުމަށްޓަކައި މި މަޑި އުޅޭކަމުގެ އެއްވެސް އަލާމާތެއް ރުކަކުން ފެނިއްޖެނަމަ ނުވަތަ މި މަޑި އުޅޭކަން ޝައްކު ކުރެވިއްޖެނަމަ، މިނިސްޓްރީއަށް އެކަން އަންގަވައިދެއްވުން އެދެމެވެ.

ޝުކުރިއްޔާ

21 ރަޖަބު 1435

20 މޭ 2014