ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/26
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 17:09
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ކަންކަން އަލުން ފެށުމާއި އިންތިޚާބު ބާއްވާނެ ތާރީޚާ ގުޅޭ

ނަންބަރު :IUL)38-CA/38/2021/26) 

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

އިންތިޚާބުގެ ކަންކަން އަލުން ފެށުމާއި އިންތިޚާބު ބާއްވާނެ ތާރީޚާ ގުޅޭ

 

މި ކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2020/4  (18 މާރިޗު 2020) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ކޮވިޑް-19 މުޖުތަމަޢުގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީއާއި، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމުކުރެވެންދެން، ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން މި އިންތިޚާބު ފަސްކުރެވިފައިވީ ނަމަވެސް، ޤާނޫނު ނަންބަރު 1/2021 (ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަލުން ބޭއްވުމަށްޓަކައި މި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް 2021 ޖަނަވަރީ 29 ވާ ހުކުރު ދުވަހު ފަށާ ގޮތަށާއި، މި އިންތިޚާބުގެ ވޯޓުލުން، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް މި ކޮމިޝަނުން ނިންމައިފީމެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ގެ 07:00 އިން 17:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ވަގުތުކޮޅެއް ދިނުމަށްފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 އެޕްރީލް 24 ވާ ހޮނިހިރު ދުވަހުގައެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

      13 ޖުމާދަލްއާޚިރާ 1442

 

26 ޖަނަވަރީ 2021