ދިވެހިރާއްޖެ
ނަންބަރު: (IUL)30-B1/30/2021/12
މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަ ނެގުމާއިގުޅޭ
ޤާނޫނު ނަންބަރު 14/2019، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ [މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދު] )ނަންބަރު 2020/R-91) ގެ ދަށުން އަންނަނިވި މަސްވެރިކަމާއި ގުޅުން ހުރި ޙަރަކާތްތައް ހިންގުމަށް އިސްވެދެންނެވުނު ގަވާއިދުގެ ދަށުން ހުއްދައެއް ނަގަންޖެހެއެވެ.
- މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫޢުތައް
- ގޭދޮށު މަސްފެކްޓަރީ ޤާއިމް ކުރުމުގެ މަޝްރޫޢުތައް
- މަސްވެރިންގެ އަތުން މަސްގަނެ މަސްފިނިކޮށް، ގަނޑުކޮށް، ރައްކައުކުރުމަށް ހިންގާ މަޝްރޫޢުތައް
- މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ޤާއިމް ކުރުން.
- ފާނަކޮށި އެޅުން ނުވަތަ ކޮށިއަޅައިގެން މަސްގެންގުޅުމަށް ހިންގާ މަޝްރޫޢުތައް
- އެކުއަކަލްޗަރ ކުރުމާއި އެކުއަކަލްޗަރއާ ގުޅުންހުރި މަޝްރޫޢުތައް
- ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫޢުތައް
- އެކްސްޕޯޓްކުރުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް މޫދުގައި އުޅޭ އެކުއޭރިއަމް ފިޝް ނުވަތަ ދިރޭ ކުދިމަސް ބަންދުކުރުމަށް ފެސިލިޓީ ޤާއިމްކުރުމަށް ހިންގާ މަޝްރޫޢުތައް
- ކަނޑުގެ ދިރުންތައް ނުވަތަ މަސްވެރިކަމާ ގުޅޭ ދިރުންތައް އާލާކުރުމަށް ހިންގޭ މަޝްރޫޢުތައް
އިސްވެދެންނެވުނު ގަވާއިދުގެ ދަށުން މަސްވެރިކަމުގެ މަޝްރޫޢުތައް ފެށުމުގެ ކުރިން އެކަމަށް ހުއްދައެއް ހޯދުމާއި، މަޝްރޫޢެއްގެ މަސައްކަތް ފެށޭ ހިސާބުން މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީން އެއްކޮށް ބަލަހައްޓަމުން ދިއުމަށް ކަނޑައަޅާފައިވާ މުހިއްމު އެއް މަޤްޞަދަކީ، އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް ރާވާ މަޝްރޫޢުތަކަކީ، މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ މަޝްރޫޢުއެއް ކަމުގެ ޔަޤީންކަން އެމަޝްރޫޢު ރާވައި ކުރިއަށް ގެންދާ ފަރާތަށް ދިނުމެވެ. އަދި އެހެންމެ، މަސްވެރިކަމުގެ އުމުރާނީ ވަސީލަތްތައް ޤާއިމް ކުރުމަށް ސަރުކާރުގެ ފަރާތުންނާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއްބާވަތެއްގެ މަޝްރޫޢުތައް އެއް ސަރަޙައްދަކަށް އަމާޒުވެ އެމަޝްރޫޢުތަކަށް އިންވެސްޓްކުރާ ފަރާތްތަކުން ކުރިން އަންދާޒާ ކުރިގޮތާ ޚިލާފަށް ނަފާ ނުލިބި މަޝްރޫޢު ހުއްޓާލަން ޖެހުންފަދަ ހާލަތްތައް މެދުވެރިވުން ހުއްޓުވުމަކީވެސް މިގަވާއިދު އެކުލަވާލުމުގެ މުހިއްމު އެއް މަޤްޞަދެވެ.
އެހެންކަމުން، މަސްވެރިކަމާއި ގުޅުންހުރި ޙަރަކާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ފެތޭ މަސްވެރިކަމުގެ މަޝްރޫޢުއެއް ފެށުމަށް ޤަސްދުކުރާ ފަރާތްތަކުން އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން [މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު]ގެ ދަށުން ހުއްދަ ނަގައިގެން ޢަމަލީ މަސައްކަތް ފެށުމަށް އިލްތިމާސްކުރަމެވެ. މަސްވެރިކަމުގެ މަޝްރޫޢު ޤާއިމްކުރުމުގެ ހުއްދައަށް އެދޭ ފޯމާއި ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ މަޝްރޫޢުތަކަށް އެ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތު ބަޔާންކުރާ ގައިޑްލައިން މިމިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމުގައި ދަންނަވަމެވެ.
11 ޖުމާދަލް އާޚިރާ 1442
24 ޖެނުއަރީ 2021