ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)448-ASS/1/2021/1
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:18
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގުޅޭ ކޯޕަރަޓައިޒޭޝަން ޗާޓަރ

ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގުޅޭ

ކޯޕަރަޓައިޒޭޝަން ޗާޓަރ

10 ޖަނަވަރީ 2021

 

ތަޢާރަފު

މި ކޯޕަރަޓައިޒޭޝަން ޗާޓަރަކީ، ދިވެހިރާއްޖޭގެ ސަރަޙައްދީ އެއަރޕޯޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި އުޞޫލުން ހިންގުމުގެ ބޭނުމަށްޓަކައި، އެ ސަރަޙައްދީ އެއަރޕޯޓްތައް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދަށުން ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން ނިންމަވާފައިވާ ނިންމެވުމާއި ގުޅިގެން، ޤާނޫނު ނަންބަރު 3/2013 (ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިއްސާދާރެއްގެ ހައިސިއްޔަތުން ދިވެހި ސަރުކާރު ތަމްޞީލްކުރުމުގެ މަސްޢޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓަރ އޮފް ފިނޭންސަށް ލިބިދީފައިވާ ބާރުގެ ދަށުން، ދަޢުލަތުގެ މަސްޢޫލު އިދާރާއެއްގެ ގޮތުގައި ހިންގަމުން އަންނަ 'ރީޖަނަލް އެއަރޕޯޓްސް' ކޯޕަރަޓައިޒްކުރުމަށް ނިންމަވާ އެކަން 6 ޖަނަވަރީ 2021 ގައި ރީޖަނަލް އެއަރޕޯޓްސް އަށް އަންގާފައިވާތީ، ބަޔާންކުރެވުނު ނިންމެވުމާއި ގުޅިގެން ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވި ޝާއިޢުކުރެވޭ ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރުމާއި ގުޅޭ ކޯޕަރަޓައިޒޭޝަން ޗާޓަރެވެ.

ކޯޕަރަޓައިޒްކުރުމަށް ހަމަޖެހިފައިވާ ގޮތް

މި ޗާޓަރުގައި ބަޔާންކުރެވިފައިވާ ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރުމަށް ހަމަޖެހިފައިވަނީ، މިވަގުތު ރީޖަނަލް އެއަރޕޯޓްސް ގެ ބެލުމުގެ ދަށުން ކުރެވޭ އެންމެހައި މަސައްކަތްތަކާއި، ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި އެންމެހައި ސަރަޙައްދީ އެއަރޕޯޓްތަކާއި، އެތަންތަނުގައި ހުރި އެންމެހައި ވަސީލަތްތަކާއި، ހަރުމުދަލާއި، ނުއުފުލޭ މުދަލާއި، މުވައްޒަފުންނާއި، އެ ތަންތަނާއި ގުޅޭ އެންމެހައި އެއްބަސްވުންތަކާއި އަދި އެނޫންވެސް އެތަންތަނާއި ގުޅޭގޮތުން އުފެދިފައިވާ އެންމެހައި ޤާނޫނީ ހައްޤުތަކާއި އިލްތިޒާމްތައް ރީޖަނަލް އެއަރޕޯޓްސްގެ ކިބައިން ވަކިކޮށް، ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2020/05 (ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އުފެއްދުމާބެހޭ ޤަރާރު) ގެ ދަށުން އުފައްދަވާފައިވާ ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C00452021) ދަށަށް ބަދަލުކޮށްގެންނެވެ.

 

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރުމުގެ ބޭނުމަށް އުފައްދާފައިވާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅި، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްސާ އެކުލެވޭ އަދި އެކުންފުނީގެ ހުއްދަކުރެވިފައިވާ ރައުސްމާލުގެ ގޮތުގައި 2,000,000,000.00ރ (ދެ ބިލިއަން ރުފިޔާ) ކަނޑައެޅި އަދި ހިއްސާއަކަށް 10.00ރ (ދިހަ ރުފިޔާ) ގެ ނިސްބަތުން 200,000,000 (ދުއިސައްތަ މިލިއަން) ހިއްސާ އެކަށައެޅިފައިވާ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ދިވެހި ސަރުކާރާއި ވަކިން 30 ސެޕްޓެމްބަރ 2020 ގައި އުފެއްދިފައިވާ ކުންފުންޏެކެވެ.

ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރު ހިމެނޭ ގޮތުން 7 މެންބަރުންގެ މައްޗަށެވެ.

ކުންފުނި ހިންގުމާއި ގުޅޭ މައިގަނޑު އަސާސްތައް

  1. 1.      ކުންފުނީގެ އަމާޒުތައް

ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާ އަމާޒުތައް ކަނޑައަޅާނީ، ކުންފުނީގެ އަސާސީ ޤަވާއިދުގައި ބަޔާންކުރެވިފައިވާ ކުންފުނީގެ މަޤްޞަދުތަކުގެ މައްޗަށް ބިނާކޮށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ މަޝްވަރާ އާއި ލަފާގެ މަތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. މިގޮތުން ކުންފުނީގެ އަސާސީ ޤަވާއިދުގައި ބަޔާންކުރެވިފައިވާ ކުންފުނީގެ މައިގަނޑު މަޤްޞަދުތަކަކީ:

(ހ)   ދިވެހިރާއްޖޭގައި ހިމެނޭ ކުންފުންޏާއި ޙަވާލުކުރެވޭ ސަރަޙައްދީ އެއަރޕޯޓުތައް ހަރުދަނާ ގޮތެއްގައި، އޭވިއޭޝަންގެ ދާއިރާއާއި ގުޅޭ ބައިނައްލަޤްވާމީ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގައި އޮޕަރޭޓްކުރުން؛

(ށ)   ސަރަޙައްދީ އެއަރޕޯޓުތަކުގެ ހިންގުމާއި އޮޕަރޭޓްކުރުން ހަރުދަނާ ކުރުމާއި، އަދި އެއަރޕޯޓްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، އިންފްރާސްޓްރަކްޗަރާއި އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ވިލަރެސްކޮށް ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަރައްޤީކޮށް ކުރިއެރުވުން؛ އަދި

(ނ)  ކުންފުނީގެ މަޤްޞަދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށާއި އެ ކަންތައްތަކާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ބޭނުންވާ ފައިސާ، ދަރަންޏަށާއި އެހެނިހެން ގޮތްގޮތުން ހޯދުން.

 

  1. 2.      ހިންގުމުގެ މިނިވަންކަމާއި ބާރުވެރިކަން ލިބިދިނުން

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ، ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކުންފުނީގެ ހިއްސާދާރުކަމުގައިވާ ދިވެހި ސަރުކާރާއި ވަކިން އުފެދޭ ވަކި ޤާނޫނީ ޝަޙްސެކެވެ. އަދި މިކުންފުންޏަކީ، ޤާނޫނު ނަންބަރު 3/2013 (ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގެ ދަށުން އުފެއްދިފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އިޙްތިސާސް އެކުންފުންޏެއްގެ މައްޗަށް ހިނގާ، އަދި އެ ބޯޑުން އެކުލަވާލާފައިވާ އުޞޫލުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުން ލާޒިމްވާ ކުންފުންޏެކެވެ.

  1. 3.      ޒިންމާ އުފުލުން

ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވިޔަފާރީގެ އަމާޒުތަކާއި ކުންފުންޏާއި މުހިންމު ނިންމުންތައް ނިންމުމުގެ މަސްޢޫލިއްޔަތު ކުންފުނީގެ ހިންގާ ޤަވާއިދުގެ ދަށުން އުފުލަންޖެހޭ ފަރާތަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑެވެ. އަދި މިގޮތުން ކުންފުނީގެ މަސްލަޙަތާއި ގުޅިފައިވާ އެންމެހައި ކަންކަމުގައި ކުންފުނީގެ ފަރާތުން ހިއްސާދާރަށް ޖަވާބުދާރީވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. ކުންފުނީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި ކުންފުނީގެ ހިންގުމުގެ އެންމެހައި ކަންކަމެއް ވިލަރެސްކޮށް ބައްޓަންކުރާނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

  1. 4.      ވާދަވެރި މާޙައުލެއްގައި އިތުރު އިސްކަމެށް، ނުވަތަ ހާއްސަ ކަމެށް ނުދިނުން

ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެއް ނަމަވެސް، ދިވެހިރާއްޖޭގައި އޮޕަރޭޓް ކުރެވޭ އަމިއްލަ އެއަރޕޯޓްތައް ހިންގާ ކުންފުނިތަކެކޭ އެއްގޮތަށް ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ވެސް ތަބާވާންޖެހޭނީ އެއް ޤާނޫނީ އަދި އޮޕަރޭޝަނަލް މިންގަނޑުތަކަކަށެވެ. އަދި ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހިންގާ އެއަރޕޯޓްތަކުގެ ސެޓިފިކޭޝަންތަކާއި އަދި ޤާނޫނާއި ޤަވާއިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމުގައި ވަކި ހާއްސަ ކޮންސެޝަނަލް އެރޭންޖްމެންޓްތަކެއް ހެދިފައެއް ނުވެއެވެ.


ކޯޕަރަޓައިޒްކުރުމުގެ ސަބަބުން މުދަލާއި މިލްކިއްޔާތު ބަދަލުކުރުމުގެ މަރުހަލާ

ރީޖަނަލް އެއަރޕޯޓްސް ގެ ބެލުމުގެ ދަށުގައިވާ އެންމެހައި ސަރަޙައްދީ އެއަރޕޯޓްތަކާއި، އެތަންތަނުގައި ހުރި އެންމެހައި ވަސީލަތްތަކާއި، ހަރުމުދަލާއި، ނުއުފުލޭ މުދަލާއި، މުވައްޒަފުންނާއި، އެ ތަންތަނާއި ގުޅޭ އެންމެހައި އެއްބަސްވުންތަކާއި އަދި އެނޫންވެސް އެތަންތަނާއި ގުޅޭގޮތުން އުފެދިފައިވާ އެންމެހައި ޤާނޫނީ ހައްޤުތަކާއި އިލްތިޒާމްތައް ބަދަލުކުރުމުގައި ޢަމަލުކުރެވޭނޭ އުޞޫލު ތިރީގައި ތަފްޞީލްކުރެވިފައި އެވަނީއެވެ.

  1. 1.      މިލްކިއްޔާތު ބަދަލުކުރުން

ރީޖަނަލް އެއަރޕޯޓްސް ގެ ބެލުމުގެ ދަށުގައިވާ އެންމެހައި ސަރަޙައްދީ އެއަރޕޯޓްތަކާއި، އެތަންތަނުގައި ހުރި އެންމެހައި ވަސީލަތްތަކާއި، ހަރުމުދަލާއި، ނުއުފުލޭ މުދާ ބަދަލުކުރުމުގެ ކުރިން ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން މިވަޤުތު ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެ ދަށުގައި ހުރި އެންމެހައި އެއަރޕޯޓްތަކެއްގައި ހުރި ހަރުމުދަލުގެ ޑީޓެއިލްޑް އިންވެންޓަރީއެއް ނެގިގެންދާނެއެވެ. އަދި މިގޮތުން އިންވެންޓަރީ ނެގުމަށްފަހު، ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ސަރަޙައްދީ އެއަރޕޯޓްތަކާއި، އެތަންތަނުގައި ހުރި އެންމެހައި ވަސީލަތްތަކާއި، ހަރުމުދަލާއި، ނުއުފުލޭ މުދާ ބަދަލުކުރެވޭއިރު، އެ ބަދަލުކުރެވޭ މުދާތައް ވެގެންދާނީ ސަރުކާރުގެ ފަރާތުން ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަށް، މިނިސްޓްރީ އޮފް ފިނޭންސް އަދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގެ މަތިން ކެޕިޓަލްގެ ގޮތުގައި ދެވޭ އެސެޓްތަކެއްގެ ގޮތުގައެވެ. އެހެންކަމުން މިއެސެޓްތަކުގެ މުޤާބިލުގައި ރީޖަނަލް އެއަރޕޯޓްސް ކުންފުނިން މިއެސެޓްތަކަށް އަގު އަދާކުރުމުގެ ބަދަލުގައި މިއެސެޓްތަށް ދާނީ ކެޕިޓަލައިޒް ކުރެވިގެންނެވެ.

 

  1. 2.      އެއްބަސްވުންތަކާއި، ޤާނޫނީ ހައްޤުތަކާއި އިލްތިޒާމްތައް ބަދަލުވުން

ރީޖަނަލް އެއަރޕޯޓްސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ އެންމެހައި ކަންކަމާއި ގުޅިގެން އެކި ފަރާތްތަކާއި އެކު ވެވިފައިވާ އެންމެހައި އެއްބަސްވުންތަކުގެ ދަށުން ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން އުފުލަންޖެހޭ އެންމެހައި ޒިންމާތަކާއި އިލްތިޒާމްތައް، ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރުމުގެ ކަންކަން ކޯޕަރަޓައިޒްކުރުމުގެ މަރުހަލާގެ ތެރޭގައި ކުރެވިގެންދާނެއެވެ.

 

  1. 3.      މުވައްޒަފުން ބަދަލުވެގެން ދިޔުން

ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރެވި އަދި ރީޖަނަލް އެއަރޕޯޓްސްގެ ދަށުން މަސައްކަތް ކުރަމުން ގެންދިޔަ އެންމެހައި މުވައްޒަފުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާއަށް ބަދަލުވުމުގެ ފުރުޞަތު ދެވިގެންދާނެއެވެ. އަދި މިގޮތުގެ މަތިން މުވައްޒަފުން ބަދަލުވުމުގެ މަރުހަލާގައި، ކޮންމެ މުވައްޒަފަކަށްވެސް ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން، އެފަރާތުން ރީޖަނަލް އެއަރޕޯޓްސްގެ އިދާރާގައި އަދާކުރި ވަޒީފާގެ ބަދަލުގައި އައު ވަޒީފާގެ އެއްބަސްވުމެށް ހުށަހެޅޭނެއެވެ. ނަމަވެސް، އެފަދަ އެއްބަސްވުމެއްގެ ދަށުން ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި މަސައްކަތްކުރަން ބޭނުން ނުވާ މުވައްޒަފުންނަށް އެފުރުޞަތު ދޫކޮށްލުމުގެ އިޙްތިޔާރު ލިބިގެންވެއެވެ. އަދި ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުވާ އެންމެހައި މުވައްޒަފުން ބެލޭނީ އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންގެ ގޮތުގައެވެ.

13 ޖަނަވަރީ 2021