ދެންނެވުން
ނަންބަރު: 2021/4
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:45
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ސިވިލް ސަރވިސްގެ އިދާރާތަކުން ޢަމަލުކުރަންވީ ގޮތާ ގުޅޭ

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ގަވާއިދު ނަންބަރު 2019/R-1067 "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" އަށް 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް ފަށާފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކާއި، ވަޒީފާގެ ކުރިއެރުމަށް އެދި ހުށަހަޅާ ލިޔުންތަކާއި، މި ނޫން ވެސް ވަޒީފާއާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާއަކަށް ހުށަހަޅާ އެއްވެސް ލިޔުމެއްގައި، ސިވިލް ސަރވިސްގެ އިދާރާތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ އިސްވެ ދެންނެވި ގަވާއިދުގެ ދަށުން މަނާކަމެއް ކަމުގައި ދެންނެވީމެވެ. ވީމާ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާ ގުޅޭގޮތުން 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަންވީ ގޮތްތައް ތިރީގައި މި ދަންނަވަނީއެވެ.

  1. އިސްވެ ދެންނެވި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ގަވާއިދަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 ގެ 6.2 ވަނަ ނަންބަރުގެ (ރ) ޢަމަލުކުރުން ހުއްޓާލުން.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ނުޖަހައި އެޕްލިކޭޝަން ފޯމާއެކީ ލިޔުންތައް ހުށަހަޅާގޮތަށް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 ގައި ކަނޑައަޅާފައި އޮތް ނަމަވެސް، އެ ވަޒީފާއަކަށް ހޮވޭ ފަރާތުން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ގަވާއިދާ އެއްގޮތަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ލިޔުންތައް އެ އިދާރާއަކުން އަންގާ ތާރީޚަކަށް އެ އިދާރާއަކަށް ހުށަހެޅުން.
  3. މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތައް ސިވިލް ސަރވިސްގެ އިދާރާތަކަށް ހުށަހަޅާ ނަމަ، އެ ސަނަދުތައް އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން.
  4. ވަޒީފާގެ ކުރިއެރުން ހޯދުމަށް ނުވަތަ އެ ނޫންވެސް ބޭނުމަކަށް އަސްލާ އެއްގޮތްކަމުގެ ލިޔުން ހުށަހަޅަންޖެހޭ ޙާލަތްތަކުގައި، ސިވިލް ސަރވިސްގެ އިދާރާތަކަށް ބަލައިގަންނަ ލިޔުމަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ގަވާއިދާ އެއްގޮތަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއްކަން ކަށަވަރުކުރުން.
  5. 2020 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް" އާ އެއްގޮތްވާ ގޮތުގެމަތިން ސިވިލް ސަރވިސްގެ އިދާރާއަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ލިޔުމެއް ސީއެސްވިއުގައަށް އަޕްލޯޑްކޮށްފައިވާ ނަމަ، އަލުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް ސީއެސްވިއުގައަށް އަޕްލޯޑުކުރުމުގެ ބަދަލުގައި، ސީއެސްވިއުގައިގެ ރެކޯޑުތަކުގައި ހުރި ލިޔުން ބޭނުންކޮށްގެން ވަޒީފާއަށް މީހުން ހަމަޖެއްސުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި، އެލަވަންސްތައް ހަމަޖައްސައިދިނުން.
  6. 2020 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް" އާ އެއްގޮތްވާ ގޮތުގެމަތިން ސިވިލް ސަރވިސްގެ ކޮންމެ އިދާރާއަކުން ވިޔަސް އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ލިޔުމެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިވާ ނަމަ، ވަޒީފާއާ ގުޅޭ ކަންކަމުގެ ބޭނުމަށް އެއީ އަސްލާ އެއްގޮތްކަމުގެ ލިޔުމެއްގެ ގޮތުގައި ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކުން ބަލައިގަތުން.
  7. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 94 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައިފައިވާ ލިޔުމުގެ ކޮޕީއަކީ އަސްލާ އެއްގޮތްކަމުގެ ލިޔުންކަމުގައި ނުވާތީ، އެ ފަދަ ލިޔުމެއް އެއީ އަސްލާ އެއްގޮތްކަމުގެ ލިޔުންކަމުގައި އިދާރާތަކުން ބަލައިނުގަތުން. 
12 ޖަނަވަރީ 2021