ދެންނެވުން
ނަންބަރު: 2021/2
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 16:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ތަމްރީނުތަކަށް ޕޭލީވް އަދި ނޯޕޭލީވް ދީފައިވާ މުވައްޒަފުންގެ ތެރެއިން، ތަމްރީނުތަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުން އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމާ ގުޅޭ

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ތަމްރީނުތަކަށް ވީއްލާ މުވައްޒަފުންގެ ތެރެއިން، އެ ތަމްރީނަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުންނާ ގުޅޭގޮތުން ތިރީގައި މިވާ ގޮތަށް ޢަމަލުކުރަމުން ގެންދިއުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

  1. ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެ ނަމަ، ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަނުކޮށްފި ނަމަ، ޤާނޫނާއި ގަވާއިދާ އެއްގޮތަށް އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށާއި، މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ޚަރަދުކުރެވުނު ފައިސާ އަނބުރާ ހޯދުން.
  2. ވަޒީފާގެ ވާޖިބުތަކާ ގުޅުމެއްނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަނުކުރާ މުވައްޒަފުން ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ މުވައްޒަފުން، ކުރިން އަދާކުރަމުންދިޔަ މަޤާމަށް ރުޖޫޢަކުރުން.
  3. މަތީ މަޤާމެއް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން، ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލި އިރު ހުރި މަޤާމަށް ވަޒީފާ ހަމަޖެއްސުމަށާއި، އަދި އެ މަޤާމަށް މީހަކު އައްޔަންކޮށްފައިވާ ނަމަ، އެ މަޤާމާ އެއް ރޭންކެއްގެ މަޤާމަކަށް ވަޒީފާ ހަމަޖެއްސުން.

މަތީގައިވާ ދެވަނަ އަދި ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ މުވައްޒަފަކަށް އިދާރާތަކުން ކޮށްފައިވާ ފައިސާގެ ޚަރަދު އަނބުރާ އިދާރާތަކަށް ހޯދުމާ ގުޅޭގޮތުން ޢަމަލުކުރާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.

 4. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރައާއި ސަރވިސް އެލަވަންސް ލިބޭގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއް ނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ޚަރަދުކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ޚަރަދުކުރި މުއްދަތަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްއަށް ޚިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، އެ މުއްދަތަށް ޚިދުމަތްކުރާ ގޮތަށް ހަމަޖެއްސުން.

  5. 4 ވަނަ ނަންބަރުގައިވާ ފައިސާގެ އިތުރުން، ތަމްރީނަކާ ނުވަތަ ކޯހަކާ ގުޅިގެން ކޮށްފައިވާ އިތުރު ޚަރަދުތަކަށްވާ ފައިސާ އެ މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދުމަށާއި، އެ ގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، ފައިސާ ހޯދުން.

 

07 ޖަނަވަރީ 2021