ނޫސްބަޔާން
ނަންބަރު: 480/IUL/2020/45
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:41
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ނޫސް ބަޔާން

     ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތަކީ ޤާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫންވެސް އެފަދަ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށާއި، ލިޔުމެއްގައި ސޮއިކޮށްފައިވަނީ ނޯޓަރައިޒްކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ނޯޓަރައިޒްކޮށްދޭ ލިޔުންތަކުގައި ސޮއިކުރަންވާނީ، ނޯޓަރައިޒްކޮށްދޭ ވަކީލުގެ ހާޒިރުގައި ކަމަށް ގަވާއިދު ނަންބަރު: 1066-އާރު/2019 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ޕަބްލިކް ނޯޓަރީން ދޭ ޚިދުމަތުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭފަދަ އެއްވެސް ޢަމަލެއް ކޮށްގެންނުވާނެ ކަމަށް އެ ގަވާއިދުގައި ވަނީ ބަޔާންކުރެވިފައެވެ.

     ނަމަވެސް، ޕަބްލިކް ނޯޓަރީންގެ މަސައްކަތްކުރާ ބައެއް ފަރާތްތަކުން، މަތީގައި ބަޔާންކުރެވުނު އުސޫލާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށާއި އަދި ނޯޓަރައިޒްކުރުމުގެ މަސައްކަތް އޮންލައިންކޮށް ކުރަމުން ގެންދާކަމުގެ ޝަކުވާ ބާ ކައުންސިލަށް ލިބެމުންދިއުމާއެކު، މިއީ ގަވާއިދު ތަންދޭ ކަމަކަށް ނުވާތީ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ، މަތީގައި ބަޔާންކުރެވުނު ގަވާއިދުގައި މި ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަނިކަން، ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

28 ޑިސެންބަރު 2020