ދެންނެވުން
ނަންބަރު: 2020/35
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:56
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާއާބެހޭ މަޢުލޫމާތުތައް ބަލަހައްޓާ ސޮފްޓްވެއަރ "ސީއެސް ވިއުގަ" އޮންލައިންކުރުމާ ގުޅޭ

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަޢުލޫމާތުތައް ބަލަހައްޓާ "ސީއެސް ވިއުގަ" ސޮފްޓްވެއަރ 2021 ޖަނަވަރީ 3 ވަނަ ދުވަހުން ފެށިގެން އޮންލައިން ކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ބަދަލާ ގުޅިގެން، އީ-ފާސް އެކައުންޓު މެދުވެރިކޮށް ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށް، "ސީއެސް ވިއުގަ" އޮންލައިން މެދުވެރިކޮށް އެ ފަރާތެއްގެ ވަޒީފާއާ ގުޅޭ މަޢުލޫމާތުތައް ބަލައި، އޭގެ ޞައްޙަކަން ކަށަވަރުކޮށް، އެއްވެސް މައްސަލައެއް ފާހަގަކުރެވޭ ނަމަ، އެ މައްސަލައެއް އެ ފަރާތުން ވަޒީފާ އަދާކުރާ އިދާރާގެ ސަމާލުކަމަށް ގެނައުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.

މި ބަދަލާ ގުޅިގެން ސަރުކާރުގެ ނެޓްވޯރކް މެދުވެރިކޮށް ޚިދުމަތް ދެމުންއައި އިރު، "ސީއެސް ވިއުގަ" ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވި އިދާރާތަކަށް އެ ކަންކަމުގެ ހައްލު ލިބި، އޮންލައިންކޮށް ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަށް ސީއެސް ވިއުގައިގެ ޚިދުމަތްތައް ލިބިގެންދާނެއެވެ.  

އީ-ފާސް އެކައުންޓު މެދުވެރިކޮށް ސީއެސް ވިއުގަ އޮންލައިން ބޭނުންކުރައްވާނީ http://www.myaccount.csc.gov.mv ލިންކުންނެވެ. އަދި އީ-ފާސް އެކައުންޓެއް ނެތް ނަމަ، މަތީގައިވާ ލިންކު މެދުވެރިކޮށް އީ-ފާސް އެކައުންޓު ހުޅުވާނެގޮތުގެ މަޢުލޫމާތު ލިބިގެންދާނެއެވެ.

"ސީއެސް ވިއުގަ" އޮންލައިންކުރުމުގެ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް، 2020 ޑިސެންބަރު 29 ވަނަ ދުވަހުގެ 15:00 ން ފެށިގެން 2021 ޖަނަވަރީ 2 ވަނަ ދުވަހުގެ ނިޔަލަށް ސީއެސް ވިއުގައިގެ ޚިދުމަތްތައް މެދުކަނޑައިލެވޭނެ ކަމުގައި ދަންނަވަމެވެ. ވީމާ، އިދާރާތަކުން ސީއެސް ވިއުގަ މެދުވެރިކޮށް ކުރައްވަންޖެހޭ މުހިންމުކަމެއް އޮތް ނަމަ، މި ދެންނެވި މުއްދަތުގެ ކުރިން، އެ ކަންކަން ނިންމެވުމަށް ދަންނަވަމެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ އަމާޒަކީ، ރައްޔިތުންނާއި އިދާރާތަކާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ކުރިއަށް އޮތްތަނުގައި ސީއެސް ވިއުގައިގެ ޚިދުމަތްތައް ފުޅާކޮށް އޮންލައިންކުރުމެވެ. 

27 ޑިސެންބަރު 2020