ދެންނެވުން
ނަންބަރު: 2020/34
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:33
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި ބޭނުންކުރާ ޝަރުޠުތަކާއި، އުޞޫލުތަކާއި، ގައިޑްލައިންތައް މުރާޖަޢާކޮށް އާންމުކުރުން

ސިވިލް ސަރވިސްގެ އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި ޢައްޔަންކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ވަޒީފާއަށް އައްޔަންކުރުމުގެ މަރުހަލާތައް އިތުރަށް ތަފްޞީލުކޮށް ދިނުމުގެ ގޮތުން، އަމަލުކުރަމުންދާ ތިރީގައިވާ އުޞޫލުތަކާއި މިންގަނޑުތައް އިޞްލާޙުކޮށް، ގައިޑްލައިންތައް އެކުލަވާލައި، މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.

  1. ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަޤާމުތަކުގެ އަސާސީ ޝަރުޠު (7 ވަނަ އިޞްލާޙު)
  2. ސިވިލް ސަރވިސްގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުޞޫލު
  3. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021
  4. ސިވިލް ސަރވިސްގެ ވަޒީފާތަކަށް އެސެސްމަންޓް ތައްޔާރުކުރާނެގޮތުގެ ގައިޑްލައިން

މި އުޞޫލުތަކާއި، މިންގަނޑުތަކާއި، ގައިޑްލައިންތަކަށް ޢަމަލުކުރަން ފަށާނީ، 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ސަރކިއުލަރ ޢާންމުކުރުމާ ގުޅިގެން، 2020 ޑިސެންބަރު 23 ވަނަ ދުވަހުން ފެށިގެން 2020 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ސަރވިސްގެ ވަޒީފާތަކަށް އިޢުލާނުކުރުން ހުއްޓާލުމަށާއި، 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021" އާ އެއްގޮތަށް އިދާރާތަކުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް އިޢުލާނުކުރައްވަމުން ގެންދަވާ ގޮތަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި، 2020 ޑިސެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް އިދާރާތަކުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކޮށްފައިވާ އިޢުލާނުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މަރުހަލާތައް ކުރިއަށްގެންދާނީ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2018" އާ އެއްގޮތަށެވެ.

ވުމާއެކު، ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުން މި ސަރކިއުލަރއާއެކު ޢާންމުކޮށްފައިވާ އުޞޫލުތަކާއި، މިންގަނޑުތަކާއި، ގައިޑްލައިންތަކަށް ފުރިހަމައަށް އަހުލުވެރިވެ، މި އުޞޫލުތަކާއި، މިންގަނޑުތަކާއި، ގައިޑްލައިންތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމަށާއި، މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވެ، އެއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

 

16 ޑިސެންބަރު 2020