ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)407/407/2020/1
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 30 ސެޕްޓެންބަރު 2020 00:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ވަގުތީބިން ދޫކުރުމުގެ އުސޫލު

ދަނޑުވެރިކަން ކުރުމަށް ވަގުތީބިން ދޫކުރުމުގެ އުސޫލު

ގއ. ވިލިނގިލި

          މިއީ، ހުވަދުއަތޮޅު އުތުރުބުރި ވިލިނގިލިން ދަނޑުވެރިކަން ކުރުމަށް ވަގުތީ ބިން ދޫކުރުމާއިބެހޭ ގޮތުން އެކުލަވާލެވޭ އުސޫލެކެވެ. މިގޮތުން މިއުސޫލުގައި ހިމެނޭ ކަންތައްތަކަކީ؛

ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުން

1.1 ގއ. ވިލިނގިލިން ދަނޑުވެރިކަން ކުރުމަށް ބިންކަނޑައަޅައި ބިން ދޫކުރާނީ ގއ. ވިލިނގިލި ކައުންސިލް އިދާރާ އިންނެވެ.

1.2 ދަނޑުބިމަށް އެދި ހުށަހަޅަން ވާނީ ކައުންސިލް އިދާރާ އިން ދޫކުރާ " ވަގުތީ ދަޑުބިމަށް އެދި ހުށަހަޅާ ފޯމް " އިންނެވެ.  

1.3 ދަނޑުވެރިކަން ކުރުމަށް ވަގުތީ ދަނޑުބިން ދޫކުރާނީ ވިލިނގިލީގައި އިމާރާތާއި ގޯތީގެ ރެޖިސްޓްރީ އޮތް ދިރިއުޅޭ ފެންވަރަށް އިމާރާތް ކުރެވިފައިވާ ގެއެއްގެ ނަމުގައި، އެގޭގެ ވެރިފަރާތަށް ނުވަތަ އެގޭގެ ރަށްވެހިންގެ ރެޖިސްޓްރީގައި ހިމެނިފައިވާ ކޮންމެވެސް އެއްފަރާތަކަށް އަދި އެފަރާތަކީ ވިލިނގިލީގައި ދިރިއުޅޭ ފަރާތަކަށް ވާންޖެހޭނެއެވެ.

1.4 ވަގުތީ ދަނޑުބިމުގެ ގޮތުގައި ބިން ދޫކުރާނީ އެކަމަށް އެދި ކައުންސިލުން ދޫކުރާ ފޯމު ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

1.5 ދަނޑުވެރިކަން ކުރުމަށް ވަގުތީ ދަނޑުބިން  ދޫކުރާނީ 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަކާއި ނުލައެވެ.

1.6 ފުރަތަމަ ދޫކުރާ 1 އަހަރު ދުވަހުގެ މުއްދަތު ހަމަވާއިރު ކޮވިޑް 19 ބަލިމަޑުކަމުގެ ހާލަތުން އަރައިނުގަނެވޭނަމަ ބިމުގެ މުއްދަތު އިތުރުކުރުމަށް އެދޭފަަރާތްތަކަށް އެހާލަތަށް ބަލާ ކައުންސިލުން ކަޑައަޅާ ގޮތެއްގެމަތީން މުއްދަތު އިތުރު ކުރެވިދާނެއެވެ.

1.7 ވަގުތީ ދަނޑުބިމުގެ ގޮތުގައި ދޫކުރެވޭނީ 2000 އަކަފުޓާއި 5000 އަކަފޫޓާއި ދެމެދުގެ ބިމެވެ.

1.8 އެއް ބިމަކަށް އެއް ފަރާތައްވުރެ ގިނަފަރާތުން އެދިއްޖެނަމަ ދަނޑުބިން ލިބޭ ފަރާތް ކަނޑައަޅާނީ އެ ދަނޑުބިމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. އަދި ގުރުއަތު ލުމުގެ ކުރިން ދަނޑުބިންތަކަކީ ކޮބައިކަން އެނގޭނެގޮތަށް ކައުންސިލް އިދާރާ އިން އާއްމުކުރަން ވާނެއެވެ.  

1.9 ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމެއް، ކައުންސިލުން ބިން ހަވާލު ކުރާ ފަރާތުން އެހެން ފަރާތަކަށް އެބިން ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ނަމަވެސް ނުދެވޭނެއެވެ.

1.10 ދަނޑުވެރިކަން ކުރުމަށް ހަވާލު ކުރާ ބިމުގައި އިމާރާތްއަޅައި ދާއިމީ ބިނާ ހަދައިގެން ނުވާނެއެވެ. ނަމަވެސް ދަނޑުވެރިކަމުގެ މަސައްތަށް ބޭނުންވާ ތަކެތި ރައްކާކުރުންފަދަ ކަންކަމަށް ކޮންމެހެއް ތަނެއް އަޅަން ޖެހިއްޖެ ނަމަ އެފަދަ ވަގުތީ ތަނެއް އެޅިދާނެއެވެ. އަދި އެފަދަ ތަނެއް އެޅިނަމަވެސް އެއްވެސް ސަބަބަކާއި ހުރެ ބިން ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ މުއްދަތު ހަމަވެގެން ނުވަތަ އެހެންސަބަބަކާހުރެ ނަމަވެސް ކައުންސިލުން ބިން އަބުރާ އަތުލާ ހާލަތުގައި އެފަދަ ތަންތަނަށް ބަދަލު ނުދެވޭނެއެވެ.

1.11 ދަނޑުބިން ދޫކުރުމަށް ފަހު ރަސްމީ 7 ދުވަސް ތެރޭގައި ބިން ދޫކުރެވުނު ފަރާތާއި ކައުންސިލާއި ދެމެދު އެއްބަސްވުމެއް ހަދަންވާނެއެވެ.

 

2. ދަނޑުވެރިކަން ކުރުން

2.1  ދަނޑުވެރިކަން ކުރާ ކަމަށް ބެލެވޭނީ ތިރީގައި މިދަންނަވާ ތަކެތި ހައްދާ ނަމައެވެ.

(ހ)  ފަލަމަޑީގެ ބާވަތްތައް

(ށ)  ތަރުކާރީ އަށް ނިސްބަތްވާ ބާވަތްތައް

(ނ)  މޭވާ އަށް ނިސްބަތްވާ ބާވަތްތައް

(ރ)  ފަތްޕިލާވެލީގެ ބާވަތްތައް

 

3.  ދަނޑުބިމުގައި ހެއްދުން މަނާ ތަކެތި

3.1  ލަކުޑިއަށް ނިސްބަތްވާ ބާވަތް ތަކުގެ ގަސްތައް

3.2  ދިވެހި ރުއް

3.3  ގިނަ ދުވަހުން މޭވާ އާއި ތަރުކާރީ ލިބޭ ބާވަތްތަކުގެ ގަސްތައް

3.4  ވަގުތީ ދަޑުބިން ހަވާލު ކުރާއިރު އެބިމުގައި ހެދިފައި ހުރި މިފަދަ ތަކެތި މީގެތެރޭގައި ނުހިމެނޭނެއެވެ.

 

4. ހައްދާ ބާވަތްތަކުގެ ހިސާބު ބެލެހެއްޓުން

4.1  ހައްދާ ބާވަތްތަކުގެ ތަފްސީލާއި، ލިބޭ އާމުދަނީގެ ތަފްސީލް މީލާދީން ކޮންމެ 3 މަހަކުން 1 ފަހަރު ކައުންސިލަށް ލިޔުމުން ހުށަހަޅަމުން ގެންދަން ވާނެއެވެ.

 

5.  ދަނޑުބިން ހަވާލުކުރެވޭ ފަތާތުން ކުރުން މަނާ ކަންކަން

5.1  ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިމުން ބޭރުގައި އެއްވެސް އެއްޗެއް އިންދާ ހެއްދުން

5.2  އިމުން ބޭރުގައި ތަކެތި ބެހެއްޓުން

5.3  އިމުން ބޭރުގައި ވަޅުކޮނުމާއި، ހުސްބިންތަކުންނާއި އެނޫން ވެސް ތަންތަނުން ވެލިނަގައި ( ކަޅުފަސް ) އެ ވެލި ބޭނުން ކުރުން.  

5.4  ދަނޑުވަށައިގެންވާ މަގުތައް ސާފުނުކޮށް ބޭއްވުމާއި، 3 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެއް ދަނޑުގޮވާން ނުކޮށް  ބޭއްވުން.

 

6. ހިފައި ގެންގުޅޭ ތަކެތި ގެންދިއުން

6.1  މިއުސޫލާއި ޚިލާފުވެގެން ނުވަތަ ވެވޭ އެއްބަސްވުމާއި ޚިލާފުވެގެން ނުވަތަ މުއްދަތު ހަމަވެގެން އަތުލެވޭ ބިން ނުވަތަ އަމިއްލަ އަށް ދޫކޮށްލާ ބިންތަކުގައި ހައްދާފައިވާ ނުވަތަ އަޅާފައިވާ ނުވަތަ ކޮށްފައިވާ އެއްވެސް މަސައްކަތަކަށް ބަދަލެއް ނުދެވޭނެއެވެ.

6.2  ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިމުގައި ދަނޑުވެރިކަން ކުރުމުގެ ގޮތުން އިންދާފައިވާ ތަކެއްޗާއި، ހިފާގެންގުޅޭ ސާމާނާއި، ތަނުގައި އިމާރާތް ކުރެވޭ ތަންތަން ބިން ދޫކޮށްފައި ދާއިރު އެބިމުގައި ދަނޑުވެރިކަން ކުރި ފަރާތަށް ގެންދެވިދާނެއެވެ. އަދި މިފަދަ ތަކެތި  ތަން ދޫކުރުމަށް ފަހު 15 ދުވަހުގެ ތެރޭގައި ގެންދަން ވާނެއެވެ. އެއްވެސް ސަބަބަކާހުރެ މި މުއްދަތުގައި ނުގެންގޮސްފިނަމަ، އެ ތަކެއްޗަކީ ބޭނުމެއްނެތި ދޫކޮށްފައިވާ ތަކެތި ކަމުގައި ބެލެވޭނެއެވެ.

 

7. އުސޫލާއި ޚިލާފުވުން

7.1  މި އުސޫލާއި ޚިލާފަށް އަމަލުކޮށްފިނަމަ ދަނޑުވެރިކަން ކުރުމަށް ބިން ޙަވާލު ކުރި ފަރާތަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ތެރިވުމަށް ފަހު، ތަކުރާރުކޮށްފިނަމަ އެ ކުރި ކަމެއްގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ފުރަތަމަ ފަހަރަށް 500 ރުފިޔާ އާއި 1500 ރުފިޔާ އާއި ދެމެދުގެ ޖުރުމަނާ އެއް ކުރެވިދާނެއެވެ. އިތުރަށް ތަކުރާރުކޮށްފިނަމަ އިތުރު އެންގުމަކާއި ނުލައި ދަނޑުބިން ވަކި ކުރުމަށްފަހު ދަނޑުވެރިންގެ ދަފުތަރުން 1 އަހަރު ދުވަހަށް ސަސްޕެންޑް ކުރެވޭނެއެވެ.

 

8. އުސޫލަށް އަމަލު ކުރަން ފެށުން

8.1  މި އުސޫލަށް އަމަލު ކުރަން ފަށާނީ، މި އުސޫލު ކައުންސިލުން ފާސްކޮށް އާއްމު ކުރާ ދުވަހުން ފެށިގެންނެވެ.

 

9. ބަދަލު ގެނައުން.

9.1  މި އުސޫލުގެ އެއްވެސް މާއްދާއަކަށް ނުވަތަ މާއްދާއެއްގެ އަދަދަކަށް ނުވަތަ އަކުރަކަށް ނުވަތަ ފިއްޔަކަސް

ވިޔަސް ބަދަލު ގެނެވޭނީ ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅައި ކައުންސިލްގެ އަޚްލަބިއްޔަތުން ފާސްވުމުންނެވެ.

13 ސެޕްޓެންބަރު 2020