ޢާންމު މަޢުލޫމާތު
ނަންބަރު: (PR)101-BR/101/2020/4
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 21:40
ސުންގަޑި: 06 ސެޕްޓެންބަރު 2020 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާބެހޭ

ނޫސްބަޔާން

 

ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާބެހޭ

ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ، އިސްތިސްނާވެގެންވާ ވިޔަފާރި ކަމުގައި ކަނޑައެޅިފައިވާ ކަންކަމެވެ. މިގޮތުން، އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ޚިދުމަތެއް ނުވަތަ އެނޫންވެސް ޚިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްތަކެވެ. އިސްވެ ދެންނެވުނު ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވޭނީ، އެ މަސައްކަތަކީ، ވަޒީފާގައި ބަޔަކު ގެންގުޅުމަކާ ނުލާ، ތިމާ އަމިއްލައަށް ކުރާ މަސައްކަތަކަށްވާ ނަމަ އެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ދީފައިވާ އިސްތިސްނާއަށް ބަލާއިރު، ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް (ހޯމް ބޭސްޑް ވަރކާޒް ނުވަތަ ސެލްފް-އެމްޕްލޮއިޑް)، ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތްކުރުމުގެ ފުރުޞަތު އެބަ އޮތެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރަން ލާޒިމު ވިޔަފާރިތަކަކީ، އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތް؛ ވިޔަފާރި އުޞޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް؛ ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޯރުކޮށްދޭ ފަންނީ ޚިދުމަތް؛ ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ ޚިދުމަތް ދިނުމުގެ މަސައްކަތް؛ މާލީ ފައިދާއެއް ހޯދުމުގެ ބޭނުގައި ނުއުފުލޭ މުދަލާ ގުޅޭގޮތުން ޙައްޤުތައް ދިނުން؛ މާލީ ފައިދާއެއް ހޯދުމުގައި ހިންގާ އެނޫންވެސް ޙަރަކާތްތައް، މިއެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ، ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުންދާ ފަރާތްތަކަށް މި މިނިސްޓްރީން މަރުޙަބާ ކިޔާ ވާހަކަ ދަންނަވަމެވެ. އަދި، މިފަދަ ފަރާތްތަކުން އާމްދަނީ ހޯދުމަށް ފަށާފައިވާ މަސައްކަތް އިތުރަށް ފުޅާކޮށް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕަރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ޚިޔާރުކުރާނަމަ، އެ ކަމަށް މި މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

ގަވާއިދު ނަންބަރު R-380/2014 (ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ގޮތަކަށް ވިޔަފާރި އުޞޫލުން ކާބޯތަކެތީގެ ޚިދުމަތް ދޭންޖެހޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

ގޭގައި ކާބޯތަކެތި ތައްޔާރުކޮށް އާމްދަނީއެއް ހޯދުމަށްޓަކައި ވިއްކާ ފަރުދުންވެސް، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު)ގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ޢަމަލުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މި މިނިސްޓްރީން ދެކެމެވެ.

ވިޔަފާރި ކުރުމުގައި ޢަމަލުކުރަންޖެހޭ ކަންކަމާބެހޭ މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ކޯލް ސެންޓަރު 1691 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

02 ސެޕްޓެންބަރު 2020