ދިވެހިރާއްޖެ
މި މުވައްސަސާގެ ނަންބަރު: (IUL)94-V/1/2020/20 30 ޖޫން 2020 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ނުފުރިފައިވާ ބިދޭސީފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ތިރީގައި މިދަންނަވާ ގޮތުގެ މަތިން އަމަލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
- ޓޫރިސްޓް ވީޒާ، ބިޒްނަސް ވީޒާ އަދި ކަނޑު ބޯޓުތަކުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު 19 މާރޗް 2020 ގެ ފަހުގެ ތާރީޚަކަށް ހަމަވެފައިވާނަމަ، ވީޒާގެ މުއްދަތު އިތުރުނުކޮށް، ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމު ވާނީ ހަމަޖައްސާފައެވެ. ނަމަވެސް މިދެންނެވުނު އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، ފުރިހަމަކޮށްފައޮވާ IM34 ފޯމް (އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ) އިމިގްރޭޝަންގެ ޑިޕާޗަރ ކައުންޓަރަށް ހުށަހެޅުމުންނެވެ. އަދި މިއާއެކު ބިދޭސީފަރާތް ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލަރސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރެއްވުން އެދެމެވެ.
- ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާގެ މުއްދަތު 19 މާރޗް 2020 ގެ ކުރީގެ ތާރީޚަކަށް ހަމަވެފައިވާ ފަރާތްތަކުން ވީޒާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް، [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އެއަށްފަހު އަމަލު ކުރަންވީގޮތް، އީމެއިލްގެ ޒަރީއާއިން ޙިއްސާކުރެވޭނެއެވެ.
- "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމް ހުށަހަޅުއްވައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީޚަކީ 31 އޮކްޓޯބަރ 2020 އެވެ.
އަދި ދަންނަވަމެވެ. ކޮވިޑް-19 ގެ މިދަނޑިވަޅުގައި އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޙާއްސަ ސަމާލުކަމެއް ދީގެން ކަމުގައިވުމުން، އެމީހެއްގެ ނުވަތަ އެކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބިދޭސީ ފަރާތްތަކުގެ ވީޒާގެ ކަންކަން ފަހަށް މަޑުނުކުރައްވާ، ގަވާއިދުން ފުރިހަމަ ކުރަމުން ގެންދިއުމަށް ނަސޭހަތްތެރިވަމެވެ.
ޚިދުމަތްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މިއިދާރާގެ ފޯނު ނަންބަރު 9199153 (ވާރކް ވީޒާ ހޮޓްލައިން)، 9199157 (ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާތަކުގެ ހޮޓްލައިން)، 9555222 (އެއަރޕޯޓް އިމިގްރޭޝަން އޮފީސް) 3330417 (ސީ ޕޯރޓް) އަދި 1434 (ކޯލް ސެންޓަރ) އަށް ގުޅުއްވުމަށް ދެންނެވީމެވެ.