ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 12:43
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫގައި ގޭބިސީ ރަޖިސްޓަރީ ކުރުމުގެ އުޞޫލް

ކޮޅުމަޑުލު ވޭމަންޑޫގައި ގޭބިސީ ރަޖިސްޓަރީ ކުރުމުގެ އުޞޫލް

 

  1. ތަޢާރުފާއި ނަން

މިއީ ވޭމަންޑޫގައި ދިރިއުޅޭ ވޭމަންޑޫގެ ރައްޔިތުން އެއްގޭގައި ވަކިގޭބިސީއެއް ހަދައިގެން ދިރިއުޅުމަށް ބޭނުންވެ، އެގެއިން ވަކި ގޭބިސީއެއް ރަޖިސްޓަރީ ކުރުމަށް ވޭމަންޑޫ ކައުންސިލަށްއެދި ހުށަހެޅުމުން ވަކި ގޭބިސީ ލިޔުން ދޫކުރުމުގެ ކުރީގައި ޢާއްމުކޮށް އެންމެންނަށް އެގޭ އުޞޫލެއް އޮންނަން ޖެހޭނެކަމަށް ކައުންސިލަށް ޤަބޫލް ކުރެވޭތީ، މިކަމަށް އެދެވޭ ހައްލެއް ހޯދުމުގެ ބޭނުމުގައި ކައުންސިލުން އެކުލަވާލެވިފައިވާ އުޞޫލެކެވެ. މި އުޞޫލަށް ކިޔާނީ " ކޮޅުމަޑުލު ވޭމަންޑޫގައި ގޭބިސީ ރަޖިސްޓަރީ ކުރުމުގެ އުޞޫލް" އެވެ. 

 

 

2.މަޤްޞަދު

މިއީ ވޭމަންޑޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯތީގައި ޢިމާރާތްކޮށްފައިވާ ގޭގޭގައި 1 (އެކެއް) ގޭބިސީއަށްވުރެ އިތުރަށް ވަކި ގޭބިސީ ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހަޅަމުން ދާތީ ހުރިހާ އެންމެންނަށް އެއް އުޞޫލަކުން ވަކި ގޭބިސީ ރަޖިސްޓަރީ ކޮށްދިނުމުގެ މަޤްޞަދުގައި އެކުލަވާލި އުޞޫލެކެވެ.

 

3.މީހުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި އަމިއްލާ ގޯތީގައި ވަކި ގޭބިސީ ރަޖިސްޓްރީކުރުމާއި އުނިކުރުން

 

(ހ) މީހުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއްގައި ގޭބިސީވަކިކުރަން ހުށަހަޅާފަރާތަކީ ވޭމަންޑޫގައި ރައްވެހިވެފައިވާ ފަރާތެއްކަމުގައިވުން.

(ށ) މީހުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި އަދި ތަރިކައިން ލިބިފައިވާ ގޯތީގައި ޢިމާރާތްކޮށްފައިވާ ގެއެއްގައި ވަކި ގޭބިސީއެއް ރަޖިސްޓަރީ ކޮށްދެވޭނީ ހުށަހެޅިފަރާތަކީ، ގޭބިސީ ވަކިކުރަން ހުށަހަޅާ ގޭގެ ވެރިފަރާތުގެ މަންމަ، ބައްޕަ ނުވަތަ 18 އަހަރު މަތީ ޢުމުރުގެ ދަރިންގެ ތެރެއިން ވަކި ގޭބިސީއެއް ރަޖިސްޓަރީކޮށްފައި ނުވާ އަދި ހުށަހަޅާ ފަރާތުގެ ނަމުގައި ބަނޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއްއޮވެ އެގޯތީގައި ޢިމާރާތްކޮށް ވަކި ދިރިއުޅުމެއް އުޅެމުންދާ ފަރާތެއްކަމުގައި ނުވުން.

 

 

 (ނ) ވޭމަންޑޫގައި  ރަށްވެހިވެފައިވާ  ފަރާތްތަކުން ވަކި ގޭބިސީއެއް ހެދުމަށް ބޭނުންނަމަ، ޖަދުވަލް 1 ގައިވާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހުށަހެޅުން.

(ރ) މީހުން ދިރިއުޅޭ  ގެއެއްގައި ވަކި ގޭބިސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ރަޖިސްޓަރީ ކުރުމަށް ބޭނުވާ ގޭބިސީގައި ހުށަހަޅާ ފަރާތާއެކު، ގޭބިސީގެ ދަފްތަރުގައި ހިމެނުމަށް މަދުވެގެން 1 މީހެއްގެ ނަން ހުށަހެޅުމުންނެވެ. މިގޮތުން ހުށަހަޅާފަރާތަކީ ކުރިން ވަކި ގޭބިސީއެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ، އެގޭބިސީ އަކުން އެފަރާތެއް ވަކި ގޭބިސީ ދަފުތަރުން އުނިކުރެވޭނެއެވެ.

 (ބ) ވަކި ގޭބިސީއެއްގައި ރަޖިސްޓަރީ ކުރަން ހުށަހަޅާފަރާތަކީ ވޭތުވީ 1 (އެކެއް) އަހަރު ވޭމަންޑޫގައި ދިރިއުޅޭ ވޭމަންޑޫގެ ރަށްވެހިވެފައިވާ ފަރާތެއްކަމުގައިވުން. ހުށަހަޅާ ފަރާތަކީ  ވޭމަންޑޫގައި ދިރިއުޅޭ ފަރާތެއްކަން އަނގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ޅ) ވަކި ގޭބިސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ހުށަހަޅާފަރާތް ދިރި އުޅުމަށް ހަމަޖެހިފައިވާ ތަނުގައި ތިރީގައި މިވާ ކަންތައްތަށް ވަކިން ފުރިހަމަވެފައި ހުރުން.

  • ދިރިއުޅުމަށް ވަކިތަނެއް ހެދިފައި ހުރުން
  • ވަކި ފާޚާނާއެއް ހުރުން.
  • ވަކިފެންމޯޓަރު ހުރުން  
  • ވަކިން ކައްކައި ހެދުމަށްޓަކައި ބަދިގެއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަނެއް ހުރުން. މިތަނުގައި ކައްކާނެ އުނދުން ، އަތްދޮންނަތަށި / ޒިންކް ބެހެއްޓިފައިހުރުން އަދި

(ކ) މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި އަދި ތަރިކައިން ލިބިފައިވާ ގޯތީގައި އެގޯތީގެ ވެރިފަރާތުން ގޭބިސީއެއް ރަޖިސްޓަރީ ކުރަން ބޭނުންނަމަ، އެފަރާތަކުން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހައްދައި ދިނުމަށްފަހު، ގޭގެ ރަށްވެހިންގެ ރަޖިސްޓަރީ ހައްދަން ހުށަހެޅުމުން އެގެއެއްގައި ހިމަނަން ބޭނުންވާ ފަރާތްތައް ހިމެނޭގޮތައް  ވަކި ގޭބިސީއެއް ރަޖިސްޓަރީ ކުރެވޭނެއެވެ. މިގޮތުން ހުށަހަޅާފަރާތަކީ ކުރިން ވަކި ގޭބިސީއެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ، އެގެއެއްގެ ރަޖިސްޓަރީ ނުވަތަ ވަކި ގޭބިސީ ރަޖިސްޓަރީން އުނިކުރެވޭނެއެވެ. އަދި ޢިމާރާތާއި ގޯތި ރަޖިސްޓަރީ ކުރަން ހުޅަހަޅާފަރާތަކީ އެހެން ގޭބިސީއެއްގެ ދަފްތަތުގައި ހިމެނިފައިވާނަމަ އެ ގޭބިސީއަކުން އެފަރާތެއް އުނިކުރެވޭނެއެވެ. މިގޮތުން ރަޖިސްޓަރީ ކުރެވޭ ގޭބިސީގެ ދަފްތަރުގައި އިތުރު ފަރާތްތަކެއް ނަން ހިމެނުމަށް ހުށަޅައިފިނަމަ، އެހުށަހެޅި ފަރާތްތަކުންކުރެ ފަރާތެއް އެހެން ގޭބިސީއެއްގެ ދަފްތަރުގައި ވާނަމަ، އެފަރާތެއް ކުރިން ރަޖިސްޓަރީ ކުރެވުނު  ގޭބިސީގެ ދަފްތަރުން އުނިކުރެވޭނެއެވެ.

(އ) މީހުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަނޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއްގައި ޢިމާރާތްކޮށްފައިވާ ގެއެއްގައި ދެމަފިރިންނަށް ވަކިން، ވަކި ގޭބިސީއެއް ރަޖިސްޓަރީ ކޮށް ނުދެވޭނެއެވެ.

(ވ) އެއްފަރާތެއްގެ ނަމުގައި 2 (ދޭއް) ގޭބިސީއެއް ރަޖިސްޓަރީއެއް ކޮށެއް ނުދެވޭނެއެވެ.

(މ) ގޭބިސީ ވަކިކޮށްދިނުމަށްފަހު ހާލަތު  ބަދަލުވެ  އެފަރާތުން އެގޭގައި ދިރިނޫޅޭތާ 6 (ހައެއް) މަސް ފާއިތުވެއްޖެނަމަ އެގެއަކުން އެ ގޭބިސީ އުނިކުރެވޭނެއެވެ.

(ފ) ގޭބިސީ ވަކިކޮށްދިނުމަށްފަހު ހާލަތު ބަދަލުވެ އެފަރާތުން މީހުން ދިރިއުޅޭ އެހެން ގެއަކަށް ނުވަތަ ރަށުންބޭރަށް ދިރިއުޅުން ބަދަލު ކުރަންބޭނުން ވެއްޖެނަމަ، ބަދަލުވުމުގެ ރަސްމީ 3 ދުވަހުގެ ކުރިން ވޭމަންޑޫ ކައުންސިލަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.

(ދ) މިމާއްދާގެ (ފ) ގައި ބުނާ ލިޔުމުން އެންގުމަކާނުލައި ގޭބިސީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް މީހުން ދިރިއުޅޭ އެހެންގެއަކަށް ނުވަތަ ރަށުން ބޭރަށް ދިރިއުޅުން ބަދަލުކޮށްފިނަމަ، އަދި އެކަން ކައުންސިލަށް އެގިއްޖެނަމަ އެފަރާތެއް ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބިސީ އުނިކުރެވޭނެއެވެ. އަދި އެފަރާތަށް ވަކި ގޭބިސީއެއް ރަޖިސްޓަރީކޮށް ދެވޭނީ 1 (އެކެއް) އަހަރު ވުމުންނެވެ. ނަމަވެސް ގޭގެ ރަޖިސްޓަރީގައި ހިމެނިފައި އޮންނާނެއެވެ.

(ތ) ވަކި ގޭބިސީ ލިޔުން ދޫކުރިފަހުން އެލިޔުން ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ހަދަނީނަމަ ސިޓީއަކުން ކަންވީގޮތް ބަޔާންކޮށް އަލުން ފޯމް ހުށަހަޅަން ވާނެއެވެ. މިގޮތުން އިތުރަށް ހައްދާ ކޮންމެ ލިޔުމަކަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ނެގޭނެއެވެ.

(ލ) މި އުޞޫލަށް ޢަމަލުކުރަން ފެށުމުން، މީހުން ދިރިއުޅޭ ގޭ ގޭއައި އެއް (1) ފަރާތެއްގެ ނަމުގައި 1 (އެކެއް) ގޭބިސީއަށްވުރެ ގިނަ ގޭބިސީ ރަޖިސްޓްރީ ކޮށްފައިވާނަމަ އެފަރާތެއް މިހާރު ދިރިއުޅޭ ގޭބިސީ ބެލުމަށްފަހު އިތުރަށް ދެންހުރި ގޭބިސީތައް ކައުންސިލްގެ ދަފްތަރުންއުނިކުރެވޭނެއެވެ.

4.ޢަމަލުކުރަންފަށާ ތާރީޚް

މި އުޞޫލަށް އަމަލުކުރަން ފަށާނީ، މިއުޞޫލް ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެނެވެ.

 

10 އޮގަސްޓް 2020