ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2020/37
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 12:10
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ފެންފުއްޓަށް އޮޑި ދޯނި ފަހަރު އެހިލާ ބޭލުމުގެ އުޞޫލް

އިޢްލާން

 

އދ. ފެންފުއްޓަށް އޮޑި ދޯނި ފަހަރު އެހިލާ ބޭލުމުގެ އުޞޫލް

ޤަވާއިދު ނަންބަރު 2019/R-45 އޮޑިހަރުގެ އާއިބެހޭ ގަވާއިދު ގެ ދަށުން އެކުލަވާލެވިފައިވާ އދ. ފެންފުއްޓަށް އޮޑި ދޯނި ފަހަރު އެހިލާ ބޭލުމުގެ އުޞޫލް މި އިއުލާނާއިއެކު އާންމުކުރީމެވެ.

ވީމާ، މިއަދު 25 ޖޫން 2020 ވަނަ ދުވަހުންފެށިގެން މި އުޞޫލަށް އަމަލުކުރަމުންދާނެ ވާހަކަ އާނމުކޮށް އަންގާ އިއުލާންކުރީމެވެ.  

04 ޒުލްގައިދާ 1441

            25 ޖޫން   2020

 

 

 

 

 

 

 

 ޝާހިދު އަބްދުއްރަހީމް

      ރައީސް

 

 

 

 

 

 

އދ. ފެންފުއްޓަށް އޮޑި ދޯނި ފަހަރު އެހިލާ ބޭލުމުގެ އުޞޫލް

1 ތައާރަފް:

(ހ) މިއީ ޤަވާއިދު ނަންބަރު 2019/R-45 އޮޑިހަރުގެ އާއިބެހޭ ގަވާއިދު ގެ ދަށުން އެކުލަވާލެވިފައިވާ އުޞޫލެކެވެ. މި އުޞޫލަށް ކިޔާނީ "އދ. ފެންފުއްޓަށް އޮޑި ދޯނިފަހަރު އެހިލާ ބޭލުމުގެ އުޞޫލް" އެވެ.

 

2 އަމަލުކުރަން ފަށާ ތާރީޚް:

(ހ) މި އުޞޫލަށް އަމަލުކުރަންފަށާނީ މިއުޞޫލް އާނމުކޮށް އިއުލާންކުރާ ތާރީހުންފެށިގެންނެވެ.

 

3 އޮޑި ދޯނިފަހަރު އެހިލުމަށް ހަމަޖެހިފައިވާ ސަރަހައްދު:

(ހ) އދ. ފެންފުށީ ގައި އޮޑި ދޯނިފަހަރު އެހިލުމަށް ހަމަޖެހިފައިވަނީ އދ. ފެންފުށީ ރުވާމަގުގެ ހުޅަނގުން ކާނިމަގުގެ އުތުރުން މަގާމްމަގުގެ އިރުން ވާ ސަރަހައްދެވެ.

 

4 އދ. ފެންފުށިގައި އޮޑި ދޯނި ފަހަރު އެހިލުން މަނާ ސަރަހައްދު:

(ހ) އދ. ފެންފުށީ ގައި އޮޑި ދޯނިފަހަރު އެހިލުމަށް ހަމަޖެހިފައިވާ ސަރަހައްދު ފިޔަވާ ރަށުގެ އެހެން އެއްވެސް ސަރަހައްދަކަށް އޮޑިދޯނިފަހަރު އެހިލުމަކީ މަނާކަމެކެވެ.

 

5 ހުއްދަ ހޯދުން

(ހ) އދ. ފެންފުށީ އޮޑި ދޯނިފަހަރު އެހިލުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އެއްވެސް އުޅަނދެއްއެއްގަމަށް ލާންވާނީ އދ. ފެންފުށީ ކައުންސިލްގެ އިދާރާއިން ލިޔުމުން ހުއްދަ ލިބިގެންނެވެ.

(ށ) 25 ފޫޓް އަށްވުރެ ކުރު އުޅަނދުފަހަރު ފެހި އުނގުޅާލުމަށް ވަގުތީގޮތުން 12 ގަޑި އިރަށްވުރެ ކުރުމުއްދަތަކަށް އޮޑި ދޯނިފަހަރު އެހިލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދަށް އެހިލުމަށް ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.

 

6 ހުއްދަ އަށް އެދި ހުށަހެޅުން

(ހ) އދ. ފެންފުށީ އޮޑި ދޯނިފަހަރު އެހިލުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އޮޑި ދޯނިފަހަރު އެހިލުމުގެ ހުއްދަ އަށް އެދި ހުށަހަޅުއްވާނީ އެކަމަށް އދ. ފެންފުށީ ކައުންސިލްގެ އިދާރާއިން ކަނޑައަޅުއްވާފައިވާ ފޯމަކުން އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށެވެ.

(ށ) އޮޑި ދޯނި ފަހަރު އެހިލުމަށް އެދި އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވޭނީ އދ. ފެންފުށީ ރައްވެހިން ގެތެރެއިން މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ ފަރާތަކަށެވެ.

 

7 ހުއްދަ ދިނުން

(ހ) އޮޑި ދޯނި ފަހަރު އެހިލާ ސަރަހައްދަށް އެއްވެސް އުޅަނދެއް އެހިލުމަށް ހުއްދަ ދޭނީ އޮޑި ދޯނި ފަހަރު އެހިލުމުގެ ހުއްދަ އަށް އެދި އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށް ހުށަހަޅާ ފަރާތާއި އދ. ފެންފުށީ ކައުންސިލްގެ އިދާރާ އާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުމަކުންނެވެ.

 (ށ) އޮޑި ދޯނި ފަހަރު އެހިލާ ސަރަހައްދަށް އުޅަނދުފަހަރު އެހިލުމަށް ހުއްދަ ދެވޭނީ އަންނަނިވި ގޮތަށް ކުލި ދައްކާ އުޞޫލުންނެވެ.

(ށ.1) އުޅަނދު އެހިލާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ހިލޭ

(ށ.2) އުޅަނދު އެހިލިތާ 31 ވަނަދުވަހުން ފެށިގެން 120 ވަނަދުވަހާއި ދެމެދު (90 ދުވަސް) އުޅަނދުގެ ދިގުމިނުން ފޫޓަކަށް ދުވާލަކަށް -/1ރ (އެއްރުފިޔާ)

(ށ.3) އުޅަނދު އެހިލިތާ 121 ވަނަދުވަހާއި 180 ވަނަދުވަހާއި ދެމެދު (60 ދުވަސް) އުޅަނދުގެ ދިގުމިނުން ފޫޓަކަށް ދުވާލަކަށް 50/1ރ (އެއްރުފިޔާ ފަންސާސް ލާރި)

(ށ.4) އުޅަނދު އެހިލިތާ 181 ވަނަދުވަހާއި 365 ވަނަދުވަހާއި ދެމެދު (185 ދުވަސް) އުޅަނދުގެ ދިގުމިނުން ފޫޓަކަށް ދުވާލަކަށް -/2ރ (ދެރުފިޔާ)

(ށ.5) އުޅަނދު އެހިލިތާ 366 ވަނަދުވަހާއި 730 ވަނަދުވަހާއި ދެމެދު (365 ދުވަސް) އުޅަނދުގެ ދިގުމިނުން ފޫޓަކަށް ދުވާލަކަށް 50/2ރ (ދެރުފިޔާ ފަންސާސް ލާރި)

(ނ) އުޅަނދު އެހިލާފައިވާ މުއްދަތު ގުނާނީ އުޅަނދު އެހިލި ދުވަހާއި އުޅަނދު ބޭލި ދުވަސް ހިމަނައިގެންނެވެ.

(ރ) އޮޑި ދޯނި ފަހަރު އެހިލުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި އެއްވެސް އުޅަނދެއް 730 (2 އަހަރު) ދުވަހައްވުރެ ގިނަ ދުވަހު ބެހެއްޓުމުގެ ހުއްދައެއް ނުދެވޭނެއެވެ.

 

8 އޮޑި ދޯނި ފަހަރު އެހިލުމުގެ ސަބަބުން އުފެދޭ ކުނި ނައްތާލުން

(ހ) އޮޑި ދޯނި ފަހަރު އެހިލުމުގެ ސަބަބުން އުފެދޭ ކުނި ނައްތާލަންވާނީ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު މެދުވެރިކޮށް، އދ. ފެންފުށީގައި ކުނި މެނޭޖްކުރުމަށް އެކުލަވާލެވިފައިވާ އެންމެހާ ޤަވާއިދަކާއި އުޞޫލަކާ އެއްގޮތްވާގޮތުގެ މަތިން ނެވެ.

(ށ) އޮޑި ދޯނިފަހަރު އެހިލާ ސަރަހައްދަށް އެހިލާ އުޅަނދުފަހަރުން އުފެދޭ އެންމެހާކުނި ނައްތާލުމަކީ އެ އުޅަނދެއް އެހިލުމަށް ހުއްދަ ދެވުނުފަރާތުގެ ޒިންމާއެކެވެ.   

 

9 އޮޑި ދޯނި ފަހަރު ބޭލުން:

(ހ) އޮޑި ދޯނި ފަހަރު އެހިލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަށް އެހިލާފައިވާ އުޅަނދުފަހަރު ބައިލަންވާނީ އުޅަނދު ބައިލާ ތާރީހު ކައުންސިލްގެ އިދާރާ އަށް އެންގުމަށް ފަހުގައެވެ.

(ށ) އުޅަނދު ބައިލާ ސަރަހައްދު އުޅަނދު ބައިލާ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ސާފުކޮށް، އޮޑިވަޅު ކޮނެފައިވާނަމަ އޮޑިވަޅަށް ފަސްއަޅާ ކައުންސިލްގެ އިދާރާ އަށް ހަވާލުކުރަން ޖެހޭނެއެވެ.

(ނ) އޮޑި ދޯނި ފަހަރު އެހިލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަށް އެހިލާފައިވާ އެއްވެސް އުލަނދެއް ބޭލުމުގެ ކުރިން އެ އުޅަނދަކުން އެއްވެސް ފީއެއް ނުވަތަ ޖުރުމަނާއެއް ދައްކަންޖެހިފައިވާނަމަ އެފައިސާ ކައުންސިލްގެ އިދާރާ އަށް ދައްކާ ހަލާސްކުރަންޖެހޭނެއެވެ.

(ރ) އޮޑި ދޯނި ފަހަރު އެހިލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަށް އެހިލާ އެންމެހާ އުޅަނދު އެ އުޅަނދެއް އެސަރަހައްދުގައި ބެހެއްޓުމަށް ދެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ބައިލަންޖެހޭނެއެވެ.

 

9 މި އުޞޫލް އާނމު ކުރުމުގެ ކުރިން އޮޑި ދޯނިފަހަރު އެހިލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަށާއި ރަށުތެރޭގެ އެކި ސަރަހައްދު ތަކަށް އެހިލާފައިވާ އުޅަނދު ފަހަރާއިމެދު އަމަލުކުރެވޭނެ ގޮތް

(ހ) މި އުސޫލަށް އަމަލުކުރަން ފަށާއިރު އޮޑި ދޯނި ފަހަރު އެހިލުމަށް ކަނޑައަޅަފައިވާ ސަރަހައްދު ފިޔަފާ އެހެން ސަރަހައްދު ތަކަށް އެހިލާފައިވާ އުޅަނދު ފަހަރު، މިއުޞޫލަށް އަމަލުކުރަން ފަށާ ތާރީހުންފެށިގެން 60 ދުވަހުގެ ތެރޭގައި ބައިލާ ބިން ސާފުކުރަންވާނެއެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފަށާއިރު އޮޑި ދޯނި ފަހަރު އެހިލުމަށް ކަނޑައަޅަފައިވާ ސަރަހައްދު ފިޔަފާ އެހެން ސަރަހައްދު ތަކަށް އެހިލާފައިވާ އުޅަނދު ފަހަރު، މިއުޞޫލަށް އަމަލުކުރަން ފަށާ ތާރީހުންފެށިގެން 60 ދުވަހުގެ ތެރޭގައި ބައިލާ ބިން ސާފުކުކޮށްފައިނުވާނަ އެފަދަ އުޅަނދުފަހަރާމެދު ގަވާއިދު ނަންބަރު 2019/R-39 ޢާނމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު ގައިވާގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

(ނ) މި އުޞޫލަށް އަމަލް ކުރަން ފަށާއިރު އޮޑި ދޯނިފަހަރު އެހިލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދަށް އެހިލާފައި ހުރި އުޅަނދު ފަހަރު މިއުޞޫލަށް އަމަލުކުރަން ފަށާ ތާރީހުންފެށިގެން 15 ދުވަހުގެ ތެރޭގައި އޮޑި ދޯނިފަހަރު އެހިލުމަށް އެދޭ ފޯމް މެދުވެރިކޮށް ކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

(ރ) މި އުޞޫލްގެ 9 ވަނަ ނަންބަރުގެ (ނ) ގައިވާ ގޮތުގެ މަތިން ކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ކުރާ އުޅަނދު ފަހަރު ރަޖިސްޓަރީ ކުރާ ފަރާތާއި، ކައުންސިލްގެ އިދާރާއާއި ދެމެދު މިއުޞޫލްގެ ނަބްބަރު 7 ގެ (ހ) ގައި ވާގޮތުގެ މަތިން އެއްބަސްވުން އެކުލަވާލާ ދެފަރާތުން ސޮއިކޮށް މި އުޞޫލާއި އެއްގޮތަށް އަމަލް ކުރަންވާނެއެވެ.

(ބ) މި އުޞޫލަށް އަމަލް ކުރަން ފަށާއިރު އޮޑި ދޯނިފަހަރު އެހިލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދަށް އެހިލާފައި ހުރި އުޅަނދު ފަހަރުގެތެރެއިން މިއުޞޫލަށް އަމަލުކުރަން ފަށާ ތާރީހުންފެށިގެން 15 ދުވަހުގެ ތެރޭގައި ކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ކޮށްފައި ނުވާ އުޅަނދު ފަހަރާއި މެދު ގަވާއިދު ނަންބަރު 2019/R-39 ޢާނމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު ގައިވާގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

10 މި އުޞޫލާއި ހިލާފްވާ ފަރާތްތަކާމެދު އަމަލުކުރެވޭނެ ގޮތް:

(ހ) މިއުޞޫލާއި ހިލާފްވާ ފަރާތްތަކާމެދު ގަވާއިދު ނަންބަރު 2019/R-45 އޮޑިހަރުގެ އާއިބެހޭ ގަވާއިދުގެ 8 ވަނަ މާއްދާ އާއި 9 ވަނަ މާއްދާ އާއި އަދި 14 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

25 ޖޫން 2020