ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2020/93
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 20:15
ސުންގަޑި: 11 ޖޫން 2020 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރި ހުއްދަ ހޯދުމުގައި ޢަމަލުކުރަންޖެހޭ ގޮތަށް ބަދަލު ގެނައުން

އިޢުލާން

ވިޔަފާރި ހުއްދަ ހޯދުމުގައި ޢަމަލުކުރަންޖެހޭ ގޮތަށް ބަދަލު ގެނައުން 

      ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި ހުރިހާ ވިޔަފާރި ހުއްދައެއް ދޫކުރުމަށް، 5 ޖޫން 2020 އިން ފެށިގެން ހަމަޖެހިފައިވަނީ ތިރީގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަރމިޓް ޕޯޓަލް /https://www.police.gov.mv/permit  މެދުވެރިކޮށެވެ.

      މި މިނިސްޓްރީގެ ނަންބަރު  IUL)101-BR/1/2020/91) (29 މެއި 2020) އިޢުލާނުގައި ބަޔާންކޮށްފައިވާ، ތިރީގައިވާ ކެޓަގަރީތަކުގެ ވިޔަފާރިތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް ދަންނަވަނެވެ. 

(1)  ޟަރޫރީ ބޭނުންތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކުގެ ތެރެއިން، ތިރީގައި ބަޔާންކުރާ ބާވަތުގެ ވިޔަފާރިތައް:

(ހ) ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރެވޭނެ ތަންތަން

  • ޟަރޫރީ ބޭނުންތައް ފުއްދުމަށް ގަނޑުކޮށް އަދި ވަކިވަކިން މުދާ ވިއްކާ ފިހާރަތަކާއި ސުޕަރމާކެޓްތައް
  • ފާމަސީތަކާއި އެހެނިހެން ބޭސް ވިއްކާ ފިހާރަތައް
  • ތުއްތު ކުދިންނަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރަތައް
  • ބޭކަރީތައް
  • ބުކްޝޮޕް އަދި ސްޓޭޝަނަރީ ވިއްކާ ތަންތަން
  • ހާޑްވެއަރ ފިހާރަތައް 

(ށ) އިލްކެޓްރޯނިކް ޒަރީޢާއިން އޯޑަރު ދިނުމުން މުދާ ޑެލިވަރކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ތަންތަން

  • ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ފަދަ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން
  • މޯބައިލް ފޯނު، ކޮމްޕިއުޓަރ، ގޭބިސީތަކަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނު ފަދަ ތަކެތި ވިއްކާ ތަންތަން
  • ފޮތި، އަންނައުނު، ބޫޓު، ކުޅިވަރު ސާމާނު ވިއްކާ ތަންތަން
  • ދިވެހި އުފެއްދުންތައް ވިއްކާ ވިޔަފާރިތައް
  • ޓެއިލަރ ޝޮޕްތައް

(ނ) ކޮންޓެއިނަރ ކްލިއަރިންގް، ވޯކްޝޮޕް، ރެންޓަލްސް ފަދަ މަސައްކަތްތައް ކުރާ ތަންތަން

  • މުދާ ކްލިއަރކުރުން ނުވަތަ ޑެލިވަރީ ޚިދުމަތްދޭ ފަރާތްތައް
  • ޢިމާރާތްކުރުމުގެ މަސައްކަތްކުރާ ވިޔަފާރިތައް
  • މޯބައިލް ފޯނު، ކޮމްޕިއުޓަރ ފަދަ އިލެކްޓްރޯނިކްސް މަރާމާތު ކުރާ ތަންތަން
  • އޮޓޯމޮބައިލް މާރާމާތުކުރާ ތަންތަނާއި، ވަޑާންކުރާ ތަންތަނާއި، ވޯކްޝޮޕްތަކާއި ގަރާޖުތައް
  • ކުއްޔަށް ތަކެތި ފޯރުކޮށްދޭ ވިޔަފާރިތައް

(2) ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުގައި، ކަސްޓަމަރުންނަށް ހުޅުވާނުލައި، މަސައްކަތް ކުރުމަށް. 

މިއިޢުލާނަށް ޢަމަލުކުރަންފަށާއިރު، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން އޮފީހުގައި މަސައްކަތްކުރުމަށް އެދި، މި މިނިސްޓްރީއަށް ހުށަހަޅާފައިވާނަމަ، މިއިޢުލާނާއި ގުޅިގެން އިތުރު ހުށަހެޅުމެއް ފޮނުވަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. 

މުވައްޒަފުންނަށް ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލު

  • ހުރިހާ ވިޔަފާރިތަކެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނީ، އެ ވިޔަފާރިއެއްގެ ޖުމްލަ މުވައްޒަފުންގެ ޢަދަދު ހުށަހެޅުމުން، ތިރީގައިވާ އުޞޫލަށް ރިޢާޔަތްކޮށްގެންނެވެ. 

(ހ) މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފަކު ނެތްނަމަ، ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަށް. (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތް، ކުންފުނީގެ ހިއްސާދާރެއް، ޕާރޓްނަރޝިޕްގެ ހިއްސާދާރެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ގަވަނިންގ ބޯޑުގެ މެންބަރެއް)

(ށ) މުވައްޒަފުންގެ ޢަދަދު 10 އަށްވުރެ މަދު ނަމަ، 2 މުވައްޒަފުންނަށް.

(ނ) މުވައްޒަފުންގެ ޢަދަދު 10 އާއި 30 އާ ދެމެދުގެ ޢަދަދެއްނަމަ، 5 މުވައްޒަފުންނަށް. 

(ރ) މުވައްޒަފުންގެ ޢަދަދު 30 އަށްވުރެ މަތިނަމަ، %20 މުވައްޒަފުންނަށް.

  • މުވައްޒަފުންގެ ޖުމްލަ ޢަދަދު ކަނޑައެޅުމުގައި ބަލާނީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންގެ މަޢުލޫމާތު އަދި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންގެ ޖުމްލަ ޢަދަދަށެވެ. 
  • މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ނުވަތަ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިނުވާ މުވައްޒަފުންނަށް ހުއްދަ އަށް އެދެންވާނީ އެ ވިޔަފާރިއެއްގައި މަސައްކަތްކުރާ މުވައްޒަފުން ރަޖިސްޓްރީކުރުމަށް ފަހުއެވެ. އަދި ބިދޭސީ މުވައްޒަފުންގެ ތެރެއިން މި މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިދޭސީ މުވައްޒަފުންނަށް ހުއްދަ ހޯދުމަށް ހުށަހެޅިދާނެއެވެ. 
  • މަތީގައިވާ އުސޫލުގެ ދަށުން ދޫކުރެވޭ ހުއްދައިގެ އަދަދުތަކަކީ އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ޚިދުމަތް ދިނުމުގައި އެކަށީގެންނުވާ އަދަދެއްކަމަށް ފެންނަކަމުގައިވާނަމަ، ހުއްދައިގެ އަދަދު އިތުރު ކުރުމަށް އެދި ހުށަހެޅިދާނެއެވެ. އަދި މިގޮތަށް އިތުރު ކުރުމަށް އެދޭ ހުއްދަތައް މި މިނިސްޓްރީން ރިވިއު ކުރުމަށްފަހު އިތުރު ކޮށްދިނުމުގައި ގޮތެއް ނިންމޭނެއެވެ. 

މިއިޢުލާނުގައިވާ ގޮތުގެ މަތިން ވިޔަފާރިކުރުމުގެ ހުއްދަ ލިބޭ ހުރިހާ ފަރާތްތަކުންވެސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރައްވަން ވާނެއެވެ. 

މިއިޢުލާނުގެ ދަށުން، ހުއްދަ ދޫކޮށްފައިވާ ފަރާތަކުން، ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފުވެއްޖެނަމަ، ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. 

މިއިޢުލާނާއި ގުޅިގެން މި މިނިސްޓްރީން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންފުޅުނަމަ، 1691 އަށް ގުޅުއްވުމަށް އެދެމެވެ. 

 

ވީމާ، މިއިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް ވިޔަފާރިކުރުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

04 ޖޫން 2020