ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2020/47
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 15:14
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުރަބަންދުގެ މުއްދަތު އިތުރު ކުރުމާއި ވަގުތުތަކަށް ބަދަލު ގެނައުން

ކޮވިޑް-19 ރޯގާގެ ބިރުވެރިކަން ރާއްޖޭގައި މި ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އުތުރުގެ ބައެއް ރަށްރަށުން ބައްޔަށް ފައްސި ވެފައިވާ މީހުން ފެނި ބަލި އަންނަނީ އިތުރަށް ފެތުރެމުންނެވެ. ކުޅުދުއްފުއްޓަކީ މި ސަރަހައްދުގެ އިޤްތިސާދީ،  ސިއްހީ އަދި ދަތުރުފަތުގެ ނާރެސްކަމުން ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ކުޅުދުއްފުއްޓަށް ދަތުރުކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރި ވުމުގެ ގޮތުން މި ސަރަހައްދުގެ ހާލަތަށް ރިއާޔަތް ކޮށް އަޅާ ފިޔަވަޅެއްގެ ގޮތުން މި އިދާރާގެ ނަންބަރު (IUL)266/266/2020/44 (23 އޭޕްރިލް 2020) އިޢުލާން އިން ކުޅުދުއްފުށީގައި ހިންގާފައިވާ ފުރަބަންދު ބަދަލު ތަކަކާއެކު ދަމަހައްޓަން ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާކަން ދަންނަވަމެވެ.

މި ގޮތުން 01 މެއި 2020އިން 07 މެއި 2020 ގެ ނިޔަލަށް ޒަރޫރީ ބޭނުންތަކަށް ހުއްދަ ހޯދުމަކާއި ނުލައި ހެނދުނު 06:00 އިން ހަވީރު 03:30އަށް ނުކުމެ އުޅެވޭގޮތައް ހަމަޖައްސައި މި ނޫން ގަޑިތަކުގައި ކުޅުދުއްފުށި ސިޓީގައި ހުއްދަ ހޯދުމަކާއި ނުލައި ބޭރަށް ނުކުމެ އުޅުން މަނާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

މި އިޢުލާންގައިވާ އެންގުން އެންގިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ2020/39  ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންނެވެ.

ކާފިއު އިޢުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިފައިވާކަން އަންގަމެވެ.

މި ފުރުޞަތުގައި ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން ބަލި ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުންނާއި ސަރަހައްދުގެ ރަށްތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ނިހާޔާތަށް ޝުކުރު ދަންނަވަމެވެ. ބަލި ކޮންޓްރޯލް ކުރުމަކީ ބަލިން ރައްކާތެރިވުމަށް ތިބުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅުކަން މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ.  

މި ހައްސާސް ދަނޑިވަޅުގައި އާންމު ސާފުތާހީރުކަމަށާއި، އާންމު ދިރިއުޅުމުގައި އިޖްތިމާއީ ގައިދުރުކަން ހިފެހެއްޓުމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދުރާލައި ރާވާލައި ބޭރަށް ނުކުމެ އުޅުން މަދުކުރުމާއި މުޖުތަމަޢުގެ އާންމު މަސްލަހަތު ގެއްލޭ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަށް އިލްތިމާސް ކުރަމެވެ. ފުރަބަންދު އަދި ކޮވިޑް-19ގެ މި ނުރައްކާތެރި ހާލަތުގައި އެކަކު އަނެއްކަކަށް އެހީތެރިވުމާއި ފަގީރުން، މިސްކީނުން، އާއިލާ މެމްބަރުން އަދި ރަށަށް އެކި ޚިދުމަތް ކޮށްދިނުމަށް އެހެން ގަޢުމުތަކުން ޒިޔާރަތްކޮށް ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނަސޭހަތްތެރިވަމެވެ. ގޭގައި ތިއްބަވާއިރު ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް ދަންނަވަމެވެ. ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ބޭފުޅުންގެ ކިބައިން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމެވެ.  

                                07 ރަމަޟާން 1441

                                        30 އޭޕްރިލް 2020

                                                                            ޢަބްދުލްލަޠީފް ޙަސަން

                                                                            ކައުންސިލްގެ ރައީސް  

30 އޭޕްރިލް 2020