ނޫސްބަޔާން
ނަންބަރު: PR/SDFC/2020/03
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 20:57
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޯވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން އެސްޑީއެފްސީއިން ލޯނު ދޫކުރުން

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޯވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ލޯނެއް މިއަދު ތަޢާރަފްކޮށްފިއެވެ.

މިލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، ތަޢާރަފްކޮށްފައިވާ ލޯނެކެވެ. މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 6 ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން 3 އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށެވެ. އަދި މިލޯނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި މިހާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން ހިމެނެއެވެ.

އަލަށް ތަޢާރަފްކުރެވުނު މިލޯނުން ކޯވިޑް-19 އާއި ގުޅިގެން މިހާރު ހިނގަމުންދާ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާފަރާތްތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރާއި ގުޅިގެން މިކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެއެވެ.

08 އޭޕްރީލް 2020 ވަނަ ދުވަހުންފެށިގެން މިލޯނަށް އެޕްލައިކުރެވޭނެއެވެ. އަދި މިލޯނާއި ބެހޭ އިތުރު މަޢުލޫމާތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ވެބްސައިޓު(www.sdfc.mv)  މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

08 އޭޕްރިލް 2020