ދިވެހިރާއްޖެ
ކޮވިޑް-19އާ ގުޅިގެން ސެކިއުރިޓީޒް މާރކެޓުގެ އިންތިޒާމުތަކާގުޅޭ
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދިއުމާގުޅިގެން، ސެކިއުރިޓީޒް މާރކެޓުގެ އިންތިޒާމްތައް ތިރީގައި އެވާ ގޮތަށް ތަރުތީބުކޮށްފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
1. ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ޢާންމުކުރުން
ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު (ނަންބަރު 2019/R-1050)ގެ ދަށުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުން ޝާއިޢުކޮށް ޢާންމުކުރަންޖެހޭ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ނެރެންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 30 ޖޫން 2020ގެ ކުރިންނެވެ.
2. ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުން
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާންކޮށްފައިވާ މިދުވަސްވަރަކީ މީހުން އެއްތަނަކަށް ޖަމާނުވުމަށް ސަރުކާރުން ކަނޑައަޅަފައިވާ ޙާލަތަކަށްވާތީ، ލިސްޓިންގ ރޫލްސްގެ ދަށުން 31 މެއި 2020 ގެ ކުރިން ލިސްޓުކޮށްފައިވާ ކުންފުނިތަކުން ބާއްވަންޖެހޭ އަހަރީ ޢާންމު ޖަލްސާ ބާއްވަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 31 ޖުލައި 2020ގެ ނިޔަލަށެވެ.
3. ސެކިއުރިޓީޒް ގަނެވިއްކުމުގެ މުޢާމަލާތްކުރުން
ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި، ސެކިއުރިޓީޒް ގަނެވިއްކުމާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބޭންކުތައް ހުޅުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާފައިވާ ދުވަސްތަކުގައި، މި އޮތޯރިޓީން ލައިސަންސްދީފައިވާ ތިރީގައިވާ ކުންފުނިތަކުން ހަމަޖައްސާފައިވާ އޮންލައިން ވަޞީލަތްތައް މެދުވެރިކޮށެވެ.
- މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
- މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
- އާރިޔާ ސެކިއުރިޓީޒް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)
- ސްޓޮކް ބްރޯކަރސް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)
ޖެމްސް(GEMS) ބޭނުންކުރާ ފަރާތްތަކުން މިއޮތޯރިޓީއަށް ޖެމްސް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށާއި އަދި ޢާންމު ފަރާތްތަކުން އޮފީހަށް ފޮނުވާ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.