ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E1/30/2020/47
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:18
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
"ދަނޑުވެރި ނަފާ" ދަނޑުވެރިކަމުގެ ލޯން ޕްރޮގްރާމުގެ %30 އަންހެން ކަނބަލުންނަށް ޚާއްސަކުރުން

ދަނޑުވެރިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމުގެ ދަށުން "އަންހެން ދަނޑުވެރިންނަށް ޚާއްސަ އިސްކަމެއް ދީގެން ދޫކުރެވޭ ލޯން ޕްރޮގްރާމެއް އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނާންސް ކޯރޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ޑިޒައިންކޮށް ހިންގުން" ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައެވެ. މިގޮތުން މިކަން ހާސިލް ކުރުމަށް މިހާރު ޤާއިމް ކޮށްފައިވާ "ދަނޑުވެރި ނަފާ" ލޯން ޕްރޮގްރާމްގެ ޖުމްލަ ފަންޑުގެ 30% ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އަންހެން ކަބަލުންނަށް ޚާއްސަކުރުމަށްވެސް ވަނީ މިނިސްޓްރީން ނިންމާފައެވެ.

އަންހެން ކަނބަލުންނަށް މި ލޯން ޕްރޮގްރާމުގައި ވަކި ނިސްބަތެއް ޚާއްސަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދަނޑުވެރިކަމަކީ އިޤްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެން ކަނބަލުން ބާރުވެރި ކުރުމެވެ. އަދި މިދާއިރާގައި ހަރަކާތްތެރިވާ އަންހެން ކަނބަލުން ކުރަމުންދާ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމެވެ. "ދަނޑުވެރި ނަފާ" ލޯން ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސްކަމަށްވުމުން، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތަށް ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެހާ ހީވާގި ކަނބަލުންނަށް މިމިނިސްޓްރީގެ ނަމުގައި އަރިސްކުރަމެވެ. އަދި އަންހެންކަނބަލުންނަށް ޚާއްސަކުރެވިގެން މި އަދު މި ހުޅުވާލެވޭ ލޯނު ފުރުސަތުގެ ބޭނުން ކުރައްވައިގެން، ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާ ވެގެން ދިޔުމަކީ މިސިނާއަތުގެ ކުރިއެރުންކަން މިމިނިސްޓްރީން ފާހަގަކުރަމެވެ.

ލޯން ޕްރޮޤްރާމްގެ ފޯމް އެސް.ޑީ.އެފް.ސީ އިންނާއި މިމިނިސްޓްރީން ލިބެން ހުންނާނެއެވެ. ފޯން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސް.ޑީ.އެފް.ސީ އިންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339261 ނުވަތަ އެސް.ޑީ.އެފް.ސީ ގެ ނަންބަރު 3306999  އަށް ގުޅުއްވުން އެދެމެވެ.

08 މާރިޗު 2020