ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-EP/1/2013/44
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2013
ޕަބްލިޝްކުރި ގަޑި: 18:36
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކުދި އަދި މެދު ފަންތީގެ ލޯނު ސްކީމް: ދަނޑުވެރިކަމުގެ ދާއިރާ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނަންބަރ:(IUL)101-EP/1/212/123  ( 6 ޑިސެމްބަރ 2012)  ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން   6  ޑިސެމްބަރ 2012 ގައި ހުޅުވާލި ލޯނުސުކީމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ލޯނަށް ޝަރުޠުހަމަވާ ފަރާތްތަކުގެ  ލިސްޓު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބޭންކް އޮފް މޯލްޑިވްސްއާ ވަނީ ހަވާލު ކުރެވިފައެވެ. ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުވާފައިވާ ލިސްޓާއި ލޯނަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ލިސްޓު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓް www.trade.gov.mv ގައި މިހާރުވަނީ ޢާންމު ކުރެވިފައެވެ.

ލޯނު ސްކީމުގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޙަވާލާދީފައިވާ ޢިއުލާނުގައި ކަނޑައަޅާފައިވާ ޖުމުލަ-/7086977  (ހަތްމިލިއަން އައްޑިހަހަހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް) ރުފިޔާގެ ތެރެއިން، %60، 2012 ވަނަ އަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބިފައިވާ ދަނޑުވެރިންނަށެވެ. އަދި ބާކީ %40  ޢާންމުކޮށް ދަނޑުވެރިކަން ކުރާ ހުރިހާފަރާތްތަކަށެވެ.

 ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުވާފައިވާ ލިސްޓުގައި ހިމަނާފައިވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް ލޯނަށް ހުށަހަޅާފައިވާ ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހު، އެފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކުސް ލިބިފައިވާ ފަރާތްތަކެވެ. ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުވާފައިވާ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ކްރެޑިޓް ހިސްޓްރީ، ކޮލެޓްރަލް ރިކުއަރމަންޓްސް، އަދި ޕްރޮޕޯސަލްގެ ފީސިބިލިޓީ އަށް ބެލުމަށްފަހު ލޯނު ޙައްޤުވާ ފަރާތްތަކަށް ލޯނު ދިނުމުގެ އިންތިޒާމު ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިދޭނެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވި ލިސްޓުގައި ހިމެނޭ ފަރާތްތަކުން، އެފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗަކާ ގުޅުއްވައިގެން، ބޭންކަށް ބޭނުންވާ ކަންތައްތައް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.  ބޭންކް އޮފް މޯލްޑިވްސް އިން ލޯނުދޭން ކަނޑައެޅުމުން، ލޯނު ލިބޭ ފަރާތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ނޫންނަމަ، އެފަރާތަކަށް ލޯނު ހަވާލުކުރެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި  އެފަރާތް ރަޖިސްޓަރީ ކުރުމުންނެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން  ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ލޯނު ނުލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ކަނޑައަޅައިފިނަމަ، ލޯނަށްއެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅާފައިވާ ފަރާތްތަކުގެތެރެއިން އެންމެމަތީ މާކުސް ހޯދި ފަރާތަށް އިސްކަންދޭ ތަރުތީބުން އެފުރުޞަތު ދެމުންގެންދެވޭނެއެވެ.   

ވީމާ ، މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333195، 3333149 ނުވަތަ 3333134 އަށް ގުޅުއްވުން އެދެމެވެ. 

           25 ޖުމާދަލްއާޚިރާ 1434

05 މޭ 2013