ދިވެހިރާއްޖެ
އިޢުލާން
ސިވިލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުން
ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާއި ޒިންމާ އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، މަގާމަށް މީހަކު ހޮވުމާއި ޢައްޔަނު ކުރުމުގެ އުސޫލު މި އިޢުލާނާއެކު ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ގައި ވާނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ކޮމިޝަނުގެ ނަންބަރު 3307356/3307363 ފޯނަށް ގުޅުއްވުން އެދެމެވެ.
މަގާމުގެ ޝަރުތު:
- ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި؛
- ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަދުވެގެން 8 އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. މީގެ ތެރެއިން 4 އަހަރު ދުވަހުގެ ތަޖުރިބާއަކީ ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީގެ މަގާމެއްގެ ހިންގުމުގެ ތަޖުރިބާ ކަމުގައިވުން. (ތަޖުރިބާގެ މުއްދަތު ގުނުމުގައި ދެ ވަޒީފާއެއް އަދާކުރި މުއްދަތު ފުށުއަރާ ނަމަ، ފުށުއަރާ މުއްދަތު ގުނާނީ އެއް މުއްދަތުގެ ގޮތުގައެވެ).
- މީގެ އިތުރުން "ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ގަވާއިދު" ގެ 18 ވަނަ ބާބުގެ 129 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާން ވާނެއެވެ.
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/20,500 ރުފިޔާ
- ލިވިންގ އެލެވަންސް: މަހަކު -/15,000 ރުފިޔާ
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުން، ތިރީގައިމިވާ ލިޔުންތައް 2020 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި ކޮމިޝަނުގެ އިދާރާ (މަޖީދީ މަގު، މާލެ، 20040) އަށް ހުށަހެޅުއްވުން އެދެމެވެ.
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ކުރެވޭނެއެވެ).
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއް ނަމަ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިއްޖެ ނަމަ، ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު. (ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން މި އިޤްރާރު ޑައުންލޯޑު ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)
7. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
9. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތާއި، މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
10. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަންމަ، ބައްޕަ، ދަރިއެއް، އަނތްބެއް، ފިރިއަކު، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް ނެތްކަން އަންގައިދޭ ލިޔުން. ނުވަތަ ބުނެވިދިޔަ މީހުން ކުރެ މީހަކު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެ ނަމަ، އެ ހުރި މީހަކު ވަޒީފާ ބަދަލުކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
އިމްތިޙާނުކުރުމާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިޙާން ދިނުމާއި، އިންޓަރވިއުއަކާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން 2020 ފެބުރުވަރީ 11 އާއި 2020 ފެބުރުވަރީ 29 އާ ދެމެދު މާލޭގައި އޮންނާނެއެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެ ނަމަ އަންގާނެ ވާހަކަ ދަންނަވެމެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ހާޟިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށް ވެސް ދަންނަވަމެވެ.