ޢާންމު މަޢުލޫމާތު
ނަންބަރު: 141-MB/CIR/2013/8
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2013
ޕަބްލިޝްކުރި ގަޑި: 20:41
މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކަމާބެހޭ ފަރާތްތަކަށް ޑިޕޮޒިޓް ފައިސާ ދޫކުރުމާ ބެހޭ އުސޫލު

މި މިނިސްޓްރީން 1 ޖުލައި 2009 ގެ ކުރިން ބިދޭސީންނަށް ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއާ ބެހޭ މަޢުލޫމާތު ރިކޯޑު ކުރެވިފައިހުރި ޑާޓާބޭސް ސިސްޓަމުން ޑިޕޮޒިޓް ފައިސާ މިހާތަނަށް ދެމުން އަންނަނީ، ބިދޭސީ މީހާ ފުރިކަން، އަދި ކެންސަލްކޮށްފައިވާކަން ސިސްޓަމުން ފެންނަން ހުރުމުންނެވެ. އަދި އެމީހެއްގެ އެންޕްލޯޔަރގެ އެއްވެސް ފައިސާއެއް ދައްކަން ނެތްކަން ޔަގީންކުރުމަށް ފަހުގައެވެ. ނަމަވެސް މިމިނިސްޓްރީން ކުރަމުންދިޔަ ބިދޭސީންނާ ގުޅޭ އެންމެހައި ކަންތައްތައް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ދަށަށް ބަދަލުކުރުމާ ގުޅިގެން މިދެންނެވި ޑާޓާ ބޭސް ސިސްޓަމަށް ޑާޓާއެޅުމާއި އަދި އަޕްޑޭޓް ކުރުން ވަނީ އިމިގްރޭޝަނަށް ބަދަލުކުރެވިފައެވެ. ނަމަވެސް، ޑިޕޮސިޓް ފައިސާ ދޫކުރުން އަދިވެސް ހަމަޖެހިފައި އޮތީ މުވުޒާރާގައެވެ. އެހެންކަމުން މިޑިޕޮސިޓް ފައިސާގެ ހިސާބުތައް ބެލުމަށްޓަކައި މިވަގުތު މިވުޒާރާގައި ހުންނަނީ ކުރިން އިޝާރާތްކުރެވުނު ޑާޓާބޭސްގެ ބެކްއަޕް ނުވަތަ ކޮޕީ އެކެވެ. މީގެ ސަބަބުން މިބެކްއަޕްގައި ހިމެނޭ ރިކޯޑުތައް މިނިސްޓްރީގެ ހުންނަ ސިސްޓަމަށް އަޕްޑޭޓެއް ނުވެއެވެ. މިކަން ދިމާވެފައި މިހާރު މިވަނީ މިހާރު އިމިގްރޭޝަނުންވެސް ބޭނުން ކުރަމުން ދަނީ މުޅިން އާ ސިސްޓަމެއް ކަމަށް ވުމާއެކު ކުރީގެ ސިސްޓަމްގެ ޑައިރެކްޓް ލިންކެއް މިވުޒާރާއަށް ލިބިފައި ނުވާތީއެވެ.

އުސޫލެއްގެ ގޮތުން މިމިނިސްޓްރީން މިހާތަނަށް ޑިޕޮޒިޓް ފައިސާ ދޫކުރަމުން އަންނަނީ ބިދޭސީމީހާ ފުރާ، ވާރކްޕާމިޓް ކެންސަލްކޮށް، ބްލެކްލިސްޓުވުމުގު ސަބަބުން އެއެމްޕްލޯޔަރަކު ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްކަން ސިސްޓަމުން ޔަގީންކުރުމަށް ފަހުގައެވެ. ނަމަވެސް މިހާރު މިކަން މިގޮތަށް ކުރިއަށް ގެންދެވެން ނެތުމާއެކު، އަދި މިފައިސާއަކީ ބައެއްގެ މިލްކެއް ކަމަށް ވުމާއެކު އަންނަނިވި އުސޫލުގެ ދަށުން މިވުޒާރާގެ ބެލުމުގެ ދަށުގައި ހުރި ޑިޕޮސިޓް ފައިސާ ދޫކޮށް ހުސްކުރުމަށް މިހާރު ވަނީ ވަޒީރުންގެ މަޖިލީހުން ނިންމާފައެވެ.  ވީމާ، ޑިޕޮސިޓް ފައިސާ ހޯދުމަށް އެދޭއިރު އަންނަނިވި ލިޔުންތައް ހުރިނަމަ، ފައިސާ ދޫކުރާގޮތަށް މިހާރު މިވަނީ ހަމަޖައްސާފައެވެ.

  1. ބިދޭސީ މީހާ ފުރިކަމުގެ ލިޔުމާއި ވާކްޕާމިޓް ކެންސަލް ކުރި ކަން އަންގައިދޭ އިމިގްރޭޝަންގެ ލިޔުން
  2. ބްލެކްލިސްޓް ކުރެވިފައިވާނަމަ، ބްލެކްލިސްޓް ކުރެވިފައިވާ ތަނަކުން ބްލެކްލިސްޓް ކެނޑިފައިވާ ކަމުގެ ލިޔުން
  3. ފައިސާއެއް ދައްކަންޖެހިފައިވާނަމަ، ފައިސާ ދައްކާފައިވާ ކަމުގެ ލިޔުން / ރަސީދު
  4. އެހެންވެސް ކަމެއް ކުރަން އެމްޕްލޯޔަރަށް ލާޒިމުވެފައިވާނަމަ، އެކަން ކޮށްފައިވާ ކަމުގެ ރަސްމީ ލިޔުން

މި ލިޔުންތައް ހަމައަށް ލިބުމުން މިވުޒާރާގައި ހުރި ސިސްޓަމުން އެފަރާތެއްގެ ރިކޯޑުތަކުގެ ޕްރިންޓެއް ނަގައި، އެމްޕްލޯޔަރ ގެނައި ލިޔެކިޔުންތަކާއެކު ފައިލު ތައްޔާރުކޮށް ރެކޯޑްސް ބެލެހެއްޓުމަށްފަހު ފައިސާ ދޫކުރާނީއެވެ. އަދި އެއީ އެންމެ ފަހުގެ ރެކޯޑްސް ކަމުގައި ބަލައި ޢަމަލުކުރަމުން ގެންދާނީއެވެ. އެހެންކަމުން ޑާޓާބޭސްގެ ބެކްއަޕް ސިސްޓަމަކީ ހަމައެކަނި ފައިސާގެ ތަފުސީލު ބަލަން ބޭނުން ކުރާ އެއްޗެކެވެ. ރިކޯޑުތައް ބަލަހައްޓާނީ މެނުއަލްކޮށެވެ.

31 މާރިޗު 2013