ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އޭދަފުށީ ކައުންސިލް އިދާރާއާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ ބ. މާއްޑޫއަށް އެކިއެކި ބޭނުންތަކުގައި ދާން ބޭނުންވާ ފަރާތްތަކުން އަމަލު ކުރުމަށް ހަމަޖެހިފައިވާގޮތުގެ އުޞޫލު މިއިޢްލާނާއެކު އާއްމު ކުރަމެވެ.
ވީމާ، ބ. މާއްޑޫއަށް އެކިއެކި ބޭނުންތަކުގައި ދާން އެދޭ ފަރާތްތަކުން މިދެންނެވި އުޞޫލާއި އެއްގޮތަށް އަމަލު ކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި ދަންނަވަމެވެ. އުޞޫލާއި ޚިލާފަށް އެއްވެސް ފަރާތަކަށް މާއްޑޫއަށް ދިއުމުގެ ހުއްދަ ދެވެން ނެތްވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.
ބ.މާއްޑޫއަށްރިސޯސްގެދަރާސްގެ ގޮތުގައި ދާ ފަރާތްތަކަށް ހުއްދިނުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު
1. ތަޢާރަފް:
1.1. މިއީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އޭދަފުށީ ކައުންސިލް އިދާރާއާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ ބ. މާއްޑޫގެ ވަސީލަތްތައް ބޭނުންކުރާ ރިސޯސް ގެދަރާސްގެ އެންމެހައި ކަންކަން ބެލެހެއްޓުން އެންމެ އެދެވޭގޮތެއްގައި ކުރިއަށް ގެންދިއުމާއި، އެތަންތަން ބަލަހައްޓައި، އެތަންތަނުގެ މަންފާ އޭދަފުށީގެ ރައްޔިތުންނަށް ލިބޭނެ ހަރުދަނާ ނިޒާމެއް، ރައްޔިތުންނާއި ގާތުން ޤާއިމްކުރުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ އުސޫލެކެވެ. މި އުޞޫލަށް ކިޔާނީ "ބ.މާއްޑޫއަށް ރިސޯސްގެދަރާސްގެ ގޮތުގައި ދާ ފަރާތްތަކަށް ހުއްދިނުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު" އެވެ. މި އުޞޫލު މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވާނީ އޭދަފުށީގެ ރައްޔިތުންގެ ތެރެއިން ބ. މާއްޑޫއަށް ރިސޯސް ގެދަރާސްގެ ގޮތުގައި ދާ ފަރާތްތަކަށެވެ.
2. ކާށި ހޮވަން ދިއުމުގެ ހުއްދަ ދިނުން:
2.1. މާއްޑޫއަށް ކާށި ހޮވަން ދިއުމުގެ ހުއްދަ އޭދަފުށީ ކައުންސިލްގެ ފަރާތުން އޭދަފުށީ ރައްޔިތުންނަށް ދެވޭނީ ކޮންމެ މީލާދީ މަހަކަވެސް 02 ފަހަރުއެވެ.
2.2. މާއްޑޫއަށް ކާށި ހޮވަން ދިއުމުގެ ހުއްދަ އޭދަފުށީ ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ދެވޭނީ ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހާއި އެމަހެއްގެ އެންމެފަހު ދުވަހުއެވެ. އަދި މިދެންނެވި ތާރީޚްތައް މަހެއްގެ ހުކުރު ދުވަހަކާއި ދިމާވެއްޖެނަމަ ކާށި ހޮވަން ދެވޭނީ ޖެހިގެން އަންނަ ހޮނިހިރު ދުވަހުއެވެ.
2.3. ހުއްދަ ދޫކުރެވޭނީ މާއްޑޫއަށް ދިއުމުގެ ރަސްމީ 02 ދުވަސް ކުރިން އެރަށަށް ދިއުމަށް ހުއްދައަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހަޅައި އިދާރާގެ ފަރާތުން ހުއްދަ ލިބުމުންނެވެ. ހުއްދަ ދޫކުރެވޭނީ ހުއްދައަށްއެދި ހުށަހަޅާ ފޯމުގައި ކާށި ހޮވަންދާ މީހުންގެ ގޮތުގައި މަދުވެގެން 05 މީހުންގެ ނަމާއި އެޑްރެސް ބަޔާންކޮށް ފޯމު ހުށަހެޅުމާއެކު ހުށަހެޅޭ ތަރުތީބުންނެވެ.
2.4. އޭދަފުށީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން މާއްޑޫއަށް ކާށި ހޮވަންދާ ފަރާތްތަކުން އެރަށުން ހޮވައިގެން ގެންނަ ކާށީގެ ތެރެއިން ކުދި ކާށި ވަކިކުރުމަށްފަހު ބާކީހުންނަ ކާށީގެ ތެރެއިން ކާށި ހޮވި ފަރާތަށް އެރި ކާށީގެ ގޮތުގައި ކޮންމެ 04 ކާއްޓަކުން 01 ކާށި ލިބޭނެއެވެ. އަދި ކުދި ކާށީގެ ގޮތުގައި ނެގޭބަޔާއި ކުރޮޅިން، އެތަކެތި ހޮވި ފަރާތަށް ކޮންމެ 03 ކުދި ކާށިން ނުވަތަ 03 ކުރޮޅިން އެއްޗެއް އެރީގެ ގޮތުގައި އެތަކެތި ހޮވި ފަރާތަށް ދޫކުރެވޭނެއެވެ.
2.5. ބ. މާއްޑޫން ހޮވާ ކާށީގެ ތެރެއިން ރަށް ބަލަހައްޓާ ފަރާތެއްގެ ހައިސިއްޔަތުން އޭދަފުށީ ކައުންސިލަށްލިބޭ ކާށި ވިއްކާނީ 02.00 (ދެ ރުފިޔާ) އަށް ކާއްޓެކެވެ. މިގޮތުން ކާށި ވިއްކާނީ ކާށި ގަތުމަށް ޙާޟިރުވާ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުން އޭދަފުށީގެ ކޮންމެ ރައްޔިތަކަށް 10 ކާށީގެ މަގުންނެވެ. މިގޮތަށް އޭދަފުށީގެ ކޮންމެ ރައްޔިތަކަށް 10 ކާށި ވިއްކަމުން ގެންދާނީ ކާށި ހޮވައިގެން ގެންނަ ފުރަތަމަ ދެދުވަހުއެވެ. އަދި 02 ދުވަހުގެ ފަހުން ނުވިކި ބާކީ ކާށި ހުރިނަމަ ފުރަތަމަ ގަންނަންއެދޭ ފަރާތަކަށް އިސްކަންދޭ އުޞޫލުން ވިއްކާލެވޭނެއެވެ. މީގެ އިތުރުން ކުދި ކާށި ވިއްކާނީ ކާއްޓެއް 01.00 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން ކުރޮޅި ވިއްކާނީ 01.00 ރުފިޔާއަށް 03 ކުރޮޅިއެކެވެ.
3. ކަށިކެޔޮ ކަޑަން ދިއުމުގެ ހުއްދަ ދިނުން:
3.1. މާއްޑޫއަށް ކަށިކެޔޮ ކަޑަން ދިއުމުގެ ހުއްދަ އޭދަފުށީ ކައުންސިލްގެ ފަރާތުން އޭދަފުށީ ރައްޔިތުންނަށް ދެވޭނީ ކޮންމެ މީލާދީ މަހަކު 02 ފަހަރުއެވެ.
3.2. މާއްޑޫއަށް ކަށިކެޔޮ ކަޑަން ދިއުމުގެ ހުއްދަ އޭދަފުށީ ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ދެވޭނީ ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހާއި 30 ވަނަ ދުވަހުއެވެ. އަދި މިދެންނެވި ތާރީޚް މަހެއްގެ ހުކުރު ދުވަހަކާއި ދިމާވެއްޖެނަމަ ކަށިކެޔޮ ކަޑަން ދެވޭނީ ޖެހިގެން އަންނަ ހޮނިހިރު ދުވަހުއެވެ.
3.3. ހުއްދަ ދޫކުރެވޭނީ މާއްޑޫއަށް ދިއުމުގެ ރަސްމީ 02 ދުވަސް ކުރިން އެރަށަށް ދިއުމަށް ހުއްދައަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު ރަށު ކައުންސިލް އިދާރާއަށް ހުށަހަޅާ، ހުއްދަ ލިބުމުންނެވެ. ހުއްދަ ދޫކުރެވޭނީ ހުއްދައަށްއެދި ހުށަހަޅާ ފޯމުގައި ކަށިކެޔޮ ކަޑަންދާ މީހުންގެ ނަމާއި އެޑްރެސް ބަޔާންކޮށް ފޯމު ހުށަހެޅުމާއެކު، ފޯމް ހުށަހެޅޭ ތަރުތީބުންނެވެ.
3.4. އޭދަފުށީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން މާއްޑޫއަށް ކަށިކެޔޮ ކަޑަންދާ ފަރާތްތަކަށް، އެރަށުން ކަޑައިގެން ގެންނަ ކަށިކޭލުގެ ތެރެއިން އެރީގެ ގޮތުގައި ކޮންމެ 03 ގަޑަކުން 01 ގަޑު ކަށިކެޔޮ ލިބޭނެއެވެ.
3.5. ބ. މާއްޑޫން ހޮވާ ކަޑައިގެން ގެންނަ ކަށިކޭލުގެ ތެރެއިން ރަށް ބަލަހައްޓާ ފަރާތެއްގެ ހައިސިއްޔަތުން އޭދަފުށީ ކައުންސިލަށްލިބޭ ކަށިކެޔޮ ވިއްކާނީ ކަށިކެޔޮގަޑުގެ ސައިޒަށްބަލައި 30.00 (ތިރީސް ރުފިޔާ) އާއި 60.00 (ފަސްދޮޅަސް ރުފިޔާ) އާއި ދެމެދުގެ އަގުތަކަށެވެ. . މިގޮތުން ކަށިކެޔޮ ވިއްކާނީ ކަށިކެޔޮ ގަތުމަށް ޙާޟިރުވާ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުން އޭދަފުށީގެ ކޮންމެ ރައްޔިތަކަށް 01 ގަޑު ކަށިކޭލެވެ.
4. ހިކިދަރު އަދި ހިކިފަންތޮށި ހޮވަން ދިއުމުގެ ހުއްދަ ދިނުން:
4.1. ހިކިދަރު އަދި ހިކި ފަންތޮށި ހޮވުމުގެ ހުއްދަ ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް އޭދަފުށީ ރައްޔިތުންނަށް ދެވޭނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުއެވެ. މިގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 07.00 ން ހަވީރު 05.00 އާއި ހަމައަށް މާއްޑޫން ހިކިފަނާއި ހިކިދަރު އަދި ހިކި ފަންތޮށި ދޫކުރެވޭނެއެވެ.
4.2. ހުއްދަ ދޫކުރެވޭނީ އެރަށަށް ދިއުމުގެ ރަސްމީ 02 ދުވަސް ކުރިން މާއްޑޫއަށް ދިއުމުގެ ހުއްދައަށް އެދި ރަށު ކައުންސިލް އިދާރާއަށް ހުށަހަޅާ ފޯމް ފުރުމަށްފަހު ހުއްދަ ލިބުމުންނެވެ. ހުއްދަ ދޫކުރެވޭނީ ކޮންމެ ހަފްތާއަކުވެސް 02 ފަރާތަކަށެވެ. ހިކިދަރު އަދި ހިކި ފަންތޮށި ހޮވަން ދިއުމުގެ ހުއްދަ ދޫކުރެވޭނީ އެކަމަށްއެދި ރަށުކައުންސިލަށް ފޯމް ހުށަހެޅޭ ތަރުތީބުން ފުރަތަމަ ހުށަހެޅޭ ފޯމަށް އިސްކަންދޭ ތަރުތީބުންނެވެ.
5. ހިކިފަން، އުނބު އަދި ހިކިމަދު ހޮވަން ދިއުމުގެ ހުއްދަ ދިނުން:
5.1. ހިކިފަން، އުނބު އަދި ހިކިމަދު ހޮވުމުގެ ހުއްދަ ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް އޭދަފުށީގެ ރައްޔިތުންނަށް ދެވޭނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުއެވެ. މިގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 07.00 ން ހަވީރު 05.00 އާއި ހަމައަށް މާއްޑޫން ހިކިފަން، އުނބު އަދި ހިކިމަދު ދޫކުރެވޭނެއެވެ.
5.2. ހުއްދަ ދޫކުރެވޭނީ އެރަށަށް ދިއުމުގެ ރަސްމީ 02 ދުވަސް ކުރިން މާއްޑޫއަށް ދިއުމަށް ހުއްދައަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހަޅާ، ހުއްދަ ލިބުމުންނެވެ. ހުއްދަ ދޫކުރެވޭނީ ގިނަވެގެން އެއްފަހަރާ 05 ގްރޫޕަށެވެ. މިގޮތުން ގްރޫޕެއްގައި ގިނަވެގެން ހިމެނޭނީ 03 މީހުންނެވެ. ނަމަވެސް އުޞޫލު ފާސްކުރެވި އަމަލު ކުރަންފަށާ، ފުރަތަމަ ހަފްތާގެ ތެރޭގައި 10 ފަރާތަކަށް ހިކިފަން ހޮވަން ދިއުމުގެ ހުއްދަ ދޫކުރެވޭނެއެވެ. ހިކި ފަން، އުނބު އަދި ހިކި މަދު ހޮވަން ދިއުމުގެ ހުއްދަ ދޫކުރެވޭނީ އެކަމަށްއެދި ރަށުކައުންސިލަށް ފޯމް ހުށަހެޅޭ ތަރުތީބުން ފުރަތަމަ ހުށަހެޅޭ ފޯމަށް އިސްކަންދޭ ގޮތުގެމަތީންނެވެ.
5.3. މާއްޑޫގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކާ، ވަލުން ހިކިފަން ހޮވާ ފަރާތްތަކުން ގޯތި ހިމެނޭ ސަރަޙައްދަށް ފަން ނެރެންވާނީ ފަނުގެ ބުޑާއިއެކުގައެވެ. އަދި ފަން ކުރަހައިގެން ނުވަތަ ބުޑު ވަކިކޮށްގެން ރަށަށް ގެންނަން ބޭނުންވާ ފަރާތްތަކުން ފަން ކުރަހާނީ ނުވަތަ ބުޑު ވަކިކުރާނީ ގޯތި ސަރަހައްދުގައި ކުނި އެންދުމަށް ޚާއްޞަ ކުރެވިފައިވާ ތަނުގައެވެ.
6. ޕިކްނިކް ދިއުމަށް ހުއްދަ ދިނުން:
6.1. މާއްޑޫއަށް ޕިކްނިކް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެރަށަށް އެރުމުގެ ހުއްދަ ދެވޭނީ، އެކަމުގެ ހުއްދައަށްއެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކޮށް ރަށުކައުންސިލް އިދާރާއަށް ހުށަހެޅުމަށްފަހު ޕިކްނިކް ދިއުމުގެ ހުއްދަ ލިބުމަށްފަހުގައެވެ. މިގޮތުން ޕިކްނިކް ދިއުމަށް ކަނޑައެޅިފައިވާ ވަގުތު ތަކަކީ، ކޮންމެ ދުވަހެއްގެވެސް ހެނދުނު 07.00 ން ހަވީރު 05.00 އާއި ދެމެދުގެ ވަގުތުތަކެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގައި ޕިކްނިކް ދަތުރެއް ދާން ބޭނުންވާ ފަރާތްތަކުން ކުރިޔަށް ޖެހިގެން އަންނަ ރަސްމީ ދުވަހު ހުއްދައަށްއެދި ފޯމު ހުށަހަޅަންވާނެއެވެ.
6.2. އޭދަފުށީ ކައުންސިލް އިދާރާއާއި ބެލެހެއްޓުން ޙަވާލުކޮށްފައި އޮންނަ ބ. މާއްޑޫ ފަޅަށް، ފެހި ކެހުމުގެ ބޭނުމުގައިވިޔަސް އެއްވެސް އުޅަނދެއް މާއްޑޫގެ ފަޅަށް ވަންނަންވާނީ ރަށު ކައުންސިލްގެ އިދާރާގެ ވެރިއެއްގެ ހުއްދަ ލިބުމަށްފަހުގައެވެ.
6.3. ބ. މާއްޑޫއަށް އޯވަރ ނައިޓް ދަތުރުދާންއެދޭ ފަރާތްތަކުން ދަތުރުދެވޭނީ، އެކަމަށްއެދި ހުށަހަޅަންޖެހޭ ފޯމު ފުރިހަމަކޮށް ރަސްމީ 01 ދުވަސްކުރިން ރަށުކައުންސިލް އިދާރާއަށް ހުށަހަޅައި ހުއްދަ ލިބުމަށްފަހުގައެވެ. މިގޮތަށްދާ އޯވަރނައިޓް ދަތުރުތަކުގައި ދިވެހި ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފް އެއްވެސް އަމަލެއް ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ އަމަލެއް ހިންގައިފިކަން ޘާބިތުވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ އުފުލާނީ ދަތުރު ދިއުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތަކުންނެވެ.
6.4. އޭދަފުށީ ކައުންސިލް އިދާރާގެ ފަރާތުން ބަލަހައްޓަމުންގެންދާ މާއްޑޫއަށް އެއްވެސް ރިސޯރޓެއް، ސަފާރީއެއް ނުވަތަ ގެސްޓްހައުސްގެ ބަޔަކު ޕިކްނިކް ދިއުމަށް ބޭނުންވާނަމަ އެކަމުގެ ހުއްދައަށްއެދި އޭދަފުށީ ކައުންސިލް އިދާރާއަށް ހުށަހަޅުމުން ދެފަރާތުގެ ދެމެދުގައިވެވޭ އިޤްރާރެއްގެދަށުން އެރަށަށް ދިއުމުގެ ހުއްދަ ދޫކުރެވޭނެއެވެ. އަދި މިގޮތަށް ޕިކްނިކް ދިއުމަށްއެދޭ ފަރާތްތަކަށް ހުއްދަ ދެޥޭނީ، ކޮންމެ ބޮލަކަށް 10.00 (ދިހައެއް) ޑޮލަރގެމަގުން ފައިސާ ދެއްކުމުންނެވެ.
6.5. އޭދަފުށީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން ބ. މާއްޑޫއަށް ޕިކްނިކް ނުވަތަ އެނޫންވެސް ބޭނުމަކު ރަށަށް އަރާ، އެއްވެސް ފަރާތަކުން ރަށަށް ނުވަތަ ރަށުގެ ފަޅަށް ގެއްލުމެއްލިބޭ ފަދަ އެއްވެސް އަމަލެއް ކޮށްގެންނުވާނެއެވެ.
6.6. އޭދަފުށީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން މާއްޑޫއަށް ޕިކްނިކް ދާ ފަރާތްތަކުން ރަށަށް އެއްވެސް ބާވަތެއްގެ ކުނި އަޅައިގެން ނުވާނެއެވެ. އަދި ޕިކްނިކް ދާ ފަރާތްތަކުން ގެންދާ ތަކެތީގެ ޑަސްބިން ދަތުރު ނިންމާ ރަށަށް އެނބުރި އަންނަމުން މާއްޑޫން ބޭރު ކުރަންވާނެއެވެ.
7. މާއްޑޫ ސަރަހައްދުގައި ރިސޯސް ގެދަރާސް އަމަލުތައް ބަހައްޓަންވީ ގޮތް:
7.1. މާއްޑޫގެ ރަށުތެރެއާއި ގޮޑުދޮށާއި ރަށުގެ ފަޅު ހިމެނޭ ސަރަހައްދަށް ކުނި އެޅުމަކީ މަނާކަމެކެވެ. އަދި މާއްޑޫގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަކީ އެރަށަށްދާ ފަރާތްތަކުގެ ޒިންމާއެކެވެ.
7.2. މާއްޑުއަށް އެކިއެކި ބޭނުންތަކުގައިދާ ފަރާތްތަކުގެ އަމަލުތައް ހުންނަގޮތް ބަލައި، އެމީހުން މާއްޑޫން ގެންނަ ރިސޯސަސް ބަލައި ރިކޯޑްކޮށް ބެލެހެއްޓުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެކެވެ.
7.3. އޯވަރނައިޓް ދަތުރުދާ ފަރާތްތައް ފިޔަވައި، ހަވީރު 05:00 އާއި ހެނދުނު 07:00 އާއި ދެމެދު މާއްޑޫ ސަރަހައްދަށް ވަނުމާއި، އެތަނުގައި އެއްވެސް އެހެން ކަމެއް، އެއްވެސް ބޭނުމަކަށްޓަކައި ވިޔަސް ހިންގުމަކީ މަނާކަމެކެވެ.
7.4. މާއްޑޫ ސަރަހައްދުގައި އުޅޭ އެއްވެސް ދިރުމަކަށް ގޯނާ ކުރުމާއި، އެފަދަ އެއްވެސް އެއްޗެއް ސަރަހައްދުން ބޭރަށް ގެންދިއުމަކީ މަނާކަމެކެވެ.
7.5. އެކިއެކި ބޭނުންތަކުގައި މާއްޑޫއަށްދާ ފަރާތްތަކުން އަމަލު ކުރުމަށް، އޭދަފުށީ ކައުންސިލްގެ ފަރާތުން ފާސްކޮށްފައިވާ އުޞޫލާއި ޚިލާފްވެއްޖެނަމަ އެމީހަކު ނުވަތަ ބަޔަކު އިތުރަށް މާއްޑޫއަށް ދިއުމުގެ ހުއްދަ ދިނުމުގައި އުޞޫލާއި ޚިލާފްވި މިންވަރެއްގެ ކުޑަ ބޮޑުމިންބަލާ މާއްޑޫއަށް ދިއުމުގެ ހުއްދަ އިތުރަށް ނުދޭގޮތަށް ހަމަޖެއްސިދާނެއެވެ.
7.6. ފަޅުރަށްރަށުގައި ކުރުން މަނާ އެއްވެސްކަމެއް މާއްޑޫގައި މީހަކު ނުވަތަ ބަޔަކު ކުރަމުންގެންދާކަން ނުވަތަ ކޮށްފައިވާކަން ފާހަގަ ކުރެވިއްޖެނަމަ، ޤަވާއިދާއި ޚިލާފްވި ފަރާތްތަކަށް "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ނަމްބަރު: 93/4)" އާއި "ތިމާވެއްޓަށް ދޭގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު (ނަމްބަރު: 2011/R9)" ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. މީގެ ތެރޭގައި ހުއްދަ މާއްޑޫއަށް ދިއުމަށް ދޫކުރެވިފައިވާ ހުއްދަ ބާތިލްކުރުމާއި، ހުއްދަ ސަސްޕެންޑް ކުރުމާއި، މިސަރަހައްދުން ކުށްކުރާ ބަޔަކު ވަގުތުން ބޭރުކުރުން ހިމެނެއެވެ.
8. އުޞޫލަށް ޢަމަލުކުރަންފެށުން:
8.1. މި އުޞޫލަށް އަމަލުކުރަން ފަށާނީ އޭދަފުށީ ކައުންސިލްގެ އާއްމު ބައްދަލުވުމަކަށް ހުށަހަޅާ، އެބައްދަލުވުމުން ފާސްކުރުމަށް ފަހު، ދިވެހި ސަރުކާޜުގެ ގެޒެޓްގައި ޝާއިއު ކުރެވޭ ތާރީޚުން ފެށިގެންނެވެ.
ނޯޓް: މިއުޞޫލު ފާސްކުރެވިފައިވަނީ، 22 ޖަނަވަރީ 2020 ވަނަ ދުވަހު ބޭއްވުނު އޭދަފުށީ ކައުންސިލް އިދާރާގެ 03 ވަނަ ދައުރުގެ 110 ވަނަ އާއްމު ބައްދަލުވުމަށް ހުށަހެޅި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 04 ބޭފުޅުންގެ އިއްތިފާޤުންނެވެ.