ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)457-HR/1/2020/6
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 17:13
ސުންގަޑި: 01 މޭ 2020 00:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/20

އިޢުލާން

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/20

 

 މިބިއުރޯގެ ފަރާތުން 2019/2020ގައި ކުރަމުން ގެންދާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، ނޮވެމްބަރ މަހު މެދުކެނޑާލުމަށްފަހު، މާލެއާއި އަތޮޅުތަކުގައި މިހިނގާ ޖަނަވަރީ މަހުން ފެށިގެން ކުރިއަށް ގެންދާނެއެވެ. މިސަރވޭއަކީ ކޮންމެ ފަސް އަހަރަކުން މިބިއުރޯގެ ފަރާތުން ކުރަމުން އަންނަ ސަރވޭ އެކެވެ.

މިގޮތުން މާލޭގައި މިޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ހޮވާލެވިފައިވާ ސަރަހައްދުތަކުގައި ތަންތަނުގެ ލިސްޓް ނެގުމުގެ މަސައްކަތް މިބިއުރޯގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެތެރެއިން ގުރުއަތުން ހޮވާލެވޭ ގޭބިސީތަކެއްގައި މި ސަރވޭގެ އިތުރު ސުވާލުކަރުދާސްތައް ފުރުމުގެ މަސައްކަތް މިހިނގާ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދެވޭނެއެވެ. މީގެއިތުރުން އަތޮޅުތަކުގައި ވެސް މިސަރވޭގެ މަސައްކަތް ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ވާހަކަވެސް ދަންނަވަމެވެ.  މިއަހަރު ސަރވޭގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވޭނީ ޖަނަވަރީ، ފެބްރުއަރީ، މާރިޗު އަދި އޭޕްރިލް މަހުގައެވެ. މާލޭގައި މިސަރވޭ ކުރުމަށް ރޭވިފައިވަނީ ހޮވާލެވޭ ޖުމްލަ 1080 ގޭބިސީއަކަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއެއްގައި މިސަރވޭ ކުރެވޭނެއެވެ.

މިބިއުރޯއިން ތަމްރީންކުރެވިފައިވާ ޓީމެއް ގޭބިސީތަކަށް ކުރިން ދެންނެވިފައިވާ މުއްދަތުގައި ޒިޔާރަތްކުރާނެއެވެ. މިމައުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދެވިފައިވާނެއެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދު 8:30 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެއެވެ.

މިސަރވޭއަކީ ގަވާއިދު ނަންބަރ: 2013/R-4 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

 

 

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރ 3013853/3013855 އަށް ގުޅުއްވުން އެދެމެވެ.  

16 ޖަނަވަރީ 2020