ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީގެ ބައެއް ގޭގެ މަގުފާރު ކައިރީ މަގުމަތީގައި އެކި ބާވަތްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި، މަގުމަތީގައި ގޮނޑި އަދި ޖޯލިފަތީގެ އިތުރުން ގޭގެ އިމާރާތްކުރަން ބޭނުންކުރާ ތަކެތި އަދި ވިޔަފާރިކުރާ ފަރާތްތަކުން ބޭރުކުރާ ކުނި ފަދަ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މިގޮތަށް މަގުގައި ތަކެތި ބަހައްޓައި ގަސް ހައްދާފައި ހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތައް ދުއްވުމަށާއި، މަގު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.
ވީމާ، މަގުމަތީގައި އެކި ބާވަތްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި، މަގުމަތީގައި ގޮނޑި އަދި ޖޯލިފަތީގެ އިތުރުން ގޭގެ އިމާރާތްކުރަން ބޭނުންކުރާ ތަކެތި އަދި ވިޔަފާރިކުރާ ފަރާތްތަކުން ބޭރުކުރާ ކުނި ފަދަ ތަކެތި ބަހައްޓާފައި ހުރުމަކީ މަނާކަމަކަށްވާތީ މިގޮތަށް މަގުމަތީގައި ހައްދާފައި ހުންނަ ގަސްތަކާއި ބަހައްޓާފައި ހުންނަ ތަކެތި ނުބެހެއްޓުމަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު މިފަދަ ތަކެތި އިތުރު އެންގުމަކާއި ނުލައި މިއިދާރާއިން ނަގަމުންދާނެކަން އަދި ވެލިމަގުތައް ލެވެލްކޮށް ހަދަމުންދާއިރު މަގު ހެދުމަށް ބޭނުންކުރާ އުޅަނދުތަކަށް އުދަނގޫވާ ގޮތަށް މަގުމަތީގައި ހުންނަ ތަކެތި ކޮށައި ދަތިފިލުވުމުގެ މަސައްކަތް ކުރަމުންދާނެ ވާހަކަ ދެންނެވީމެވެ. އަދި މިމަސައްކަތް ކުރަމުންދާއިރު ހުރިހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން މަސައްކަތްކުރާފަރާތަށް ދެއްވުން އެދޭ ވާހަކަ ދެންނެވީމެވެ.