ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CDS1/471/2019/52
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 20:28
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލެ ދެކުނު ހާބަރު ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ އެޅުމާއި، ކަމާގުޅޭ ސަލާމަތާއި ބެހޭ އިޢުލާން

މާލޭގެ އެކި ސަރަހައްދުތަކުގައާއި އަދި ޚާއްސަގޮތެއްގައި މާލޭގެ އުތުރު ހާބަރ އަދި ދެކުނު ހާބަރު ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާރކުކޮށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުން ގެންދަނީ، އެއްވެސް ވަރަކަށް ރެގިއުލޭޓް ކުރެވިގެންނޫނެވެ. އަދި ދާދި ފަހުން އަލިފާނުގެ ހާދިސާއެއް އެސަރަހައްދުގައި ހިނގާފައިވަނީވެސް، އަސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާރކްކޮށް، ތެޔޮ ޓޭންކްތަކުގެ ގޮތުގައި ޤަވާއިދާއި ޚިލާފަށް ބޭނުން ކުރަމުން ދަނިކޮށެވެ.

 

     ތެޔޮ ބައުޒަރުތައް މާލެތެރޭގައި ދުއްވުމާއި، މިހާރު ބޭނުންކުރަމުންދާގޮތަށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ކަންތައް ކުރިއަށްގެންދިޔުމަކީ ރައްކާތެރިކަމަކަށް ނުވާއިރު، ދާއިމީ ގޮތެއްގައި، މި ޚިދުމަތް ދިނުމަށް އަމާޒު ކުރެވިފައިވަނީ، ތިލަފުށި ނުވަތަ އަލަށް ތަރައްޤީ ކުރެވޭ ގުޅީފަޅުން ސަރަހައްދެއްގައެވެ. އެހެންކަމުން، މާލެ-ތިލަފުށި ބްރިޖް ލިންކާއި އެކު ގުޅީފަޅު ތަރައްޤީ ކުރެވެންދެން ވަގުތީ ގޮތުން، ތެޔޮ ބައުޒަރުތައް ޕާރކް ކޮށްފައި ބޭއްވޭނެ އިންތިޒާމެއް މާލޭ ދެކުނުން ހިއްކާފައިވާ ސަރަހައްދުން ބައެއްގައި ވަނީ ކަނޑައެޅިފައެވެ. އަދި މިސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާރކް ކުރުމާއި، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ތިރީގައި މިވާގޮތަށް، އަމަލު ކުރުމަށް، ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އެކު މަޝްވަރާކުރުމަށްފަހު ވަނީ ނިންމާފައެވެ.

       - ތެޔޮ ބައުޒަރުތައް ޕާރކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ތެޔޮ ބައުޒަރުތައް

        ޕާރކްކޮށްފައި ނުބޭއްވުން.

       - އުޅަނދުފަހަރަށް ތެޔޮ އެޅުމަކަށްޓަކައި، ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ބަނދަރު ތޮއްޓާއި ކައިރިކޮށް ތެލުގެ

        ޚިދުމަތްް ދިނުން. އަދި ޚިދުމަތް ދިނުމަށްފަހު، ޕާރކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް އެނބުރިދިއުން.

         އެއްވެސް ހާލަތެއްގައި، ބަނދަރު ތޮށި ކައިރީގައި ތެޔޮ ބައުޒަރު ޕާރކް ކޮށްފައި ނުބޭއްވުން.

       - ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި އަލިފާން ނިވާ ނިޒާމް ޤާއިމް ކުރުން.

       - ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ސަލާމާތީ ކަންތައްތައް މޮނިޓަރ ކުރުން

         މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް އިން ކުރިޔަށް ގެންދިޔުން.

       - އެސަރަހައްދުގައި، ޚިދުމަތް ދިނުމުގެ ކަންތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ރެގިއުލޭޓް ކުރުމުގެ މަސައްކަތް، މާލޭ ސިޓީ

         ކައުންސިލާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަވިސަސް އިން ކުރިއަށް ގެންދިއުން.

       - މިހާރު މާލެއަށް އެތެރެކޮށް ބޭނުންކުރަމުންދާ ތެޔޮ ބައުޒަރު ތަކަކީ، މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސްގެ

         ގައިޑްލައިނާއި އެއްގޮތަށް ހުރި ބައުޒަރުތައްތޯ ބެލުމަށްފަހު، އެމިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލް ކުރުން.

       - ޓްރާންސްޕޯޓް މިނިސްޓްރީން، އެމިނިސްޓްރީގެ ދަފްތަރުގައި ތެޔޮ ބައުޒަރުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ

         ބައުޒަރުތަކުގެ އިތުރުން އަލަށް ބައުޒަރު ރަޖިސްޓްރީ ނުކޮށް ދިނުން.

     ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 އޮކްޓޫބަރު 2019