ދިވެހިރާއްޖެ
އިޢްލާން
މި އަތޮޅުގެ ޢާންމު ރައްޔިތުންގެ ގެދޮރު ޢިމާރާތް ކުރުންފަދަ ޢާންމު ޟަރޫރީ ބޭނުންތަކަށް ނަގަންޖެހޭ ވެލި ނެގުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ތަފްޞީލް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު:203-PROREC/227/2019/5 ސިޓީއިން ވަނީ މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލާއި ޙިއްޞާކުރައްވާފައިކަމަށް އެކައުންސިލްގެ ނަންބަރު:227-PR/227/2019/29 (31 ޖުލައި 2019) ސިޓީއިން މި ކައުންސިލަށް އަންގަވައިފިއެވެ. އެފަދަ ސަރަޙައްދުތަކަކީ މެޝިނަރީގެ ގޮތުގައި ހިމެނޭ އާލާތްތައް ކަމަށްވާ ހައިމާކު، ސޭންޑް ޕަންޕް ފަދަ ތަކެތި ބޭނުން ނުކޮށް އުދަލި، ފަކީރާފަދަ އާލާތްތައް ބޭނުންކޮށްގެން ޟަރޫރީ ބޭނުމަށްވާ ވަރަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކެކެވެ. މިގޮތުން ވެލި ނެގުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް ތިރީގައި އެވަނީއެވެ.
1. ފިނިފަރުފަޅުގެ ސަރަޙައްދު: ކަނޑިތީމު، ގޮއިދޫ، ނޫމަރާ އަދި ފޭދޫގެ ރައްޔިތުން ވެލި ނެގުމަށް.
2. ބިލެތްފަހި ފަޅުގެ ސަރަޙައްދު: ބިލެތްފަހީގެ ރައްޔިތުން ވެލި ނެގުމަށް.
3. ގާގަނޑުފަރުގެ ފަޅުގެ ސަރަޙައްދު (ނާއިންފަރުގެ ބަދަލުގައި): މިލަންދޫ، ނަރުދޫ، ފީވައް، އަދި ފޯކައިދޫ
ރައްޔިތުން ވެލި ނެގުމަށް.
4. ށ. ފަރުކޮޅު-ފުނަދޫ ފަޅުގެ ސަރަޙައްދު: ޅައިމަގު އަދި ފުނަދޫ ރައްޔިތުން ވެލި ނެގުމަށް.
5. ށ. ވެލިދޫފަޅުގެ ސަރަޙައްދު: ކޮމަންޑޫ އަދި މާއުނގޫދޫގެ ރައްޔިތުން ވެލި ނެގުމަށް.
މަތީގައި ދެންނެވުނު ބޭނުންތަކަށް ވެލި ނަގާ ސަރަޙައްދު ކަނޑައެޅިފައި ވަނީ އެ ރަށްރަށުގެ ފަޅުގެ ސަރަޙައްދުގައި އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން، އެ ރަށަކާއި އެންމެ ކައިރީގައިވާ ފަޅެއްގައި އެ ފަޅެއްގައި ހުރި ދިރޭ މުރަކައަށް ގެއްލުންނުވާނެ ގޮތުގެމަތިން ފަރުގެ މައިތޮށިން ފެށިގެން 150 (ސަތޭކަފަންސާސް) މީޓަރުގެ ސަރަޙައްދެއް ދޫކޮށް އެ ރަށެއް ނުވަތަ އެ ފަޅެއްގައި ރަށެއް ނުވަތަ ވެލި އުފެދި ޖަމާވާ ފިނޮޅެއް ނުވަތަ ދިޔަވަރު ހިކޭ ވަގުތުތަކުގައި ލޮނުގަނޑުގެ މައްޗަށް ހިކިފައި އޮންނަ ފިނޮޅު / ހުރާގަނޑުފަދަ ތަންތަނުގެ ގޮނޑުދޮށުގެ ވެލިގަނޑު ދެމިފައިވާ ސަރަޙައްދުގެ ބުޑުން ފެށިގެން 50 (ފަންސާސް) މީޓަރުގެ ދުރުމިން ހުންނާނެގޮތަށް ބަލައިގެން ކަނޑައަޅަފައިވާ ސަރަޙައްދުތަކެއްކަމާއި އަދި އެފަދަ ސަރަޙައްދުތަކަކީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަޙައްދެއްގެ ފަޅުތެރޭގައި ނުވަތަ ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ފަޅުތެރޭގައި ވެލި ނެގުމަށް ކަނޑައެޅިފައިވާ ސަރަޙައްދެއްނަމަ، އެފަދަ ސަރަޙައްދެއްގެ އިމުގެ ގޮތުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅަފައިވާ އިމުގެ ބޭރުން 200 (ދުއިސައްތަ) މީޓަރުގެ ދުރުމިން ހުންނަ ސަރަޙައްދަކަށް ވާގޮތުގެމަތިންކަމުގައި މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ އިސްވެ ދެންނެވުނު ސިޓީގައި ވިދާޅުވެފައިވެއެވެ.
ވީމާ، ކަނޑައަޅުއްވާފައިވާ ސަރަޙައްދުތަކުން އިސްވެ ދެންނެވުނު ގޮތުގެމަތިން ވެލި ނެގުމަށް މިރަށުގެ ރައްޔިތުންނަށް މި ކައުންސިލުން އަންގަމެވެ. އަދި ކުރިއެކޭ އެއްގޮތަށް ރަށުގެ ގޮނޑުދޮށުން ވެލި، އަކިރި، ގައު ނެގުމަކީ މަނާކަމެއް ކަމުގައި މިފުރުޞަތުގައިވެސް ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.