ދިވެހިރާއްޖެ
އިޢުލާން
އިޢުލާން ނަންބަރު: (IUL) 203-ADMIN/2019/06
ގަވާއިދާ ހިލާފަށް ވެލިނަގައި ވެލީގެ ބޭނުންކުރުމާއި ގުޅޭ
ފަހަކަށް އައިސް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް އެކި ފަރާތްތަކުން ހުއްދަހޯދުމަކައިނުލައި ވެލިނަގަމުންދާކަންވަނީ ފާހަގަކުރެވިފައެވެ. މިގޮތުން އަންނަނިވި ކަންކަން މިއެޖެންސީއަށްވަނީ ފާހަގަކުރެވިފައެވެ.
- ރަށްރަށުގެ ގޮނޑުދޮށުން އަދި ފިނޮޅުތަކުން ވެލިނަގަމުންގެންދާކަން މިއެޖެންސީއަށްވަނީ ފާހަގަކުރެވިފައެވެ. ގެދޮރު އިމާރާތްކުރުން ފަދަ ޒަރޫރީ ބޭނުމަށް މެޝިނަރީ ބޭނުންނުކޮށް ވެލިނެގޭނެ ވަކި ސަރަހައްދުތަކެއް ކޮންމެ އަތޮޅަކުންވެސްވަނީ ކަނޑައެޅިފައެވެ. މިސަރަހައްދުތަކުގެ ބޭރުން އެހެންތަންތަނުން ވެލިނެގުމަކީ މަނާކަމެކެވެ.
- ޕަމްޕު ބޭނުންކޮށްގެން ފަޅުތަކުން ހުއްދަ ހޯދުމަކައިނުލައި ވެލިނަގަމުންދާކަންވަނީ ފާހަގަކުރެވިފައެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (93/4) ގެ ދަށުން އެކުލަވާލައި އާންމުކޮށްފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ޤަވާއިދު 2012 (R-27/2012) ގެ ޖަދުވަލު (ރ) ގެ ދަށުން މެޝިނަރީ ބޭނުންކޮށްގެން ވެލިނެގުމަކީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި ހުއްދަ ހޯދައިގެންކުރެވޭ ފަދަ މަސައްކަތަކެވެ.
- ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި ހުއްދަ ހޯދައިގެން ހިނގާ ބައެއް މަޝްރޫޢުތަކުން ހުއްދަދީފައިވާ މިންވަރަށްވުރެ އިތުރަށް ވެލިނަގައި މިވެލި އެހެންފަރާތްތަކަށް ވިއްކާ އަދި ނުވިއްކާ ނަމަ ކަނޑަށް އަޅައި ރިސޯސް އިސްރާފުކުރަމުން ދާކަމުގެ ޝަކުވާ ވެސްދަނީ ލިބެމުންނެވެ. ދެވިފައިވާ ހުއްދައަށްވުރެ އިތުރަށް ކޮނެ ވެލި ނެގުމަކީ މަނާކަމެކެވެ.
ވީމާ، މަސައްކަތްތައް ކުރާ ފަރާތަކުންނާއި، ކައުންސިލުތަކުން އަދި ޖުމްލަކޮށް އެންމެހައި ދިވެހި ރައްޔިތުން މިކަންކަމަށް ސަމާލުވެ ޤާނުނީ އިމުގެ ތެރޭގައި ނަގަންޖެހޭ ހުއްދަތައް ނަގައިގެން މަސައްކަތްތައް ކުރުމަށް މިއެޖެންސީން އިލްތިމާސްކުރަމެވެ. އަދި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް މިކަންކަން ކުރާ ފަރާތްތަކަށް މިއެޖެންސީން ފިޔަވަޅުއަޅަމުން ގެންދާނެ ވާހަކަ ހަދުމަކޮށް އަރުވަމެވެ.
...........................................................
10 ޖުލައި 2019