ދިވެހިރާއްޖެ
[ހުނަރުވެނި 2019]ގެ ނަމުގައި ޓިވެޓް އޮތޯރިޓީއިން އިންތިޒާމުކޮށްގެން ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ފަންނީ، ޘަޤާފީ، އަދި ސިނާއީ މަސައްކަތްތަކާއި، ހުނަރު ދައްކާލުމަށް ޚާއްސަ [ސްކިލްސް ޝޯ]އެއް ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ ޖޫންމަހުގެ 23 އަދި 24، މި ދެދުވަހު ބާއްވާ މި ހަރަކާތަކީ ސްކޫލްތަކުގެ ދަރިވަރުންނާއި، ޒުވާނުން އަދި ހުރިހާ އުމުރެއްގެ ދިވެހީންގެ މެދުގައި މަސައްކަތްތެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމާއި މި ދާއިރާގައި ހަރަކާތްތެރިވާ ދިވެހީން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ.
ހުނަރުވެނި 2019ގައި ހުށަހަޅައިދޭ މަސައްކަތްތަކުގެ ތެރޭގައި، ޒަމާނުއްސުރެ ދިވެހީން ކުރަމުންއަންނަ މަސައްކަތްތަކާއި، އުވިގެން، ނެތިގެން ހިނގައިދާނެ ކަމުގެ ބިރުއޮތް ފަންނުތަކާއި މަސައްކަތްތައް، އަދި އަލަށް ތަޢާރަފްވާ މަސައްކަތްތަކާއި ހުނަރުތައް ހިމެނެއެވެ. މި ގޮތުން މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު ފަސް ސިނާއަތްކަމުގައިވާ އިޖުތިމާއީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިމާރާތްކުރުމުގެ ދާއިރާއަށެވެ.
މި ހަރަކާތުގެ ސަބަބުން ގިނަ މަސައްކަތްތަކެއް އެއް ފުރާޅެއްގެދަށުން ފެނި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުމުގެ އިތުރުން، މި ދާއިރާއިން ތަމްރީނުވުމަށާއި، ވަޒީފާ ހޯދުމަށް، އަދި އަލަށް މަސައްކަތް ފެށުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަންޑުހޯދުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުވެސް ލިބެންހުންނާނެއެވެ.
12 ޖޫން 2019