ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-D/1/2014/16
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 10:47
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖަމްޢިއްޔާގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަހަަޅަންޖެހޭ ސުންގަޑި

ޖަމްޢިއްޔާތަކުގެ ގަވާއިދުގެ 28 ވަނަ މާއްދާގައި ކޮންމެ ޖަމްޢިއްޔާއަކުންވެސް ކޮންމެ އަހަރެއްގެ މާޗްމަހުގެ ކުރިން އެޖަމްޢިއްޔާއެއް ހިނގި ގޮތާއި، އެ ޖަމްޢިއްޔާއެއްގެ މަސައްކަތުގެ އަހަރީ ރިޕޯޓާއި ނިމިދިޔަ އަހަރުގެ އަހަރީ ހިސާބު ޖަމްޢިއްޔާގެ ހިންގާ ގަވާއިދުގައިވާ ގޮތަށް ތައްޔާރުކޮށް އަހަރީ އާންމު ޖަލްސާއިން ފާސްކުރުމަށްފަހު އެ ޖަލްސާ ބާއްވާތާ 30 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޖަމްޢިއްޔާގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ މާއްދާތައް ހިމަނުއްވާފައި ހުށަހެޅުމަށް ދަންނަވަމެވެ.  

  1. ޖަމްޢިއްޔާގެ ނަމަށް، އިދާރާއަށް ގެނެވިފައިވާ ބަދަލު
  2. ހިންގާ ކޮމިޓީގެ ޖަލްސާ ބޭއްވުނު އަދަދާއި ފާސްކުރެވުނު މުހިންމު ކަންތައްތައް
  3. ހިންގާ ގަވާއިދަށް ގެނެވުނު ބަދަލުތަކާއި ހިންގާ ކޮމިޓީއަށް ގެނެވުނު ބަދަލު
  4. އާންމު ޖަލްސާ ބޭއްވުނު އަދަދާއި ފާސްކުރެވުނު މުހިންމު ކަންތައްތައް
  5. ޖަމްޢިއްޔާއަށް އަލަށް ވަންނަ މެންބަރުންގެ މަޢުލޫމާތާއި ޖަމްޢިއްޔާއިން ވަކިވި މެންބަރުންގެ މަޢުލޫމާތު
  6. ފައިސާ ލިބުނު މައިގަނޑު ގޮތްތަކާއި ލިބުނު އަދަދު
  7. ފައިސާ ޚަރަދު ކުރެވުނު ކަންކަމާއި ފައިސާ ޚަރަދު ކުރެވުނު އަދަދު
  8. ޖަމްޢިއްޔާގެ މަގުސަދު ހާސިލު ކުރުމުގެ ގޮތުން ކުރެވުނު ކަންތައްތައް
  9. ކުރިއަށް އޮތް އަހަރު ކުރުމަށް ރާވާފައިވާ ކަންތައްތައް
  10. އަހަރީ އާންމު ޖަލްސާ އަކުން އަހަރީ ރިޕޯޓު ފާސްކުރުމަށްފަހު، އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ރަޖިސްޓަރީކޮށް މުއްދަތު ހަމަވެފައި ނުވާ ހިންގާ ކޮމިޓީއަކުން އަހަރީ ރިޕޯޓު ފާސްކޮށްފައިވާ ކަމަށް ސޮއި ކުރުން

ނޯޓް: (އަހަރީ ރިޕޯޓުގައިވާ މަޢުލޫމާތުތަކަކީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނާ އެއްގޮތަށް ފާސްކޮށްފައިވާ މަޢުލޫމާތުތަކަކަށް ވާންޖެހޭނެއެވެ.)

އަހަރީ ރިޕޯޓު ތައްޔާރު ކުރާނެ ގޮތުގެ ނަމޫނާ މި މިނިސްޓްރީގެ ވެބްސައިޓް: www.homeaffairs.gov.mv އިން ލިބެން ހުންނާނެ އެވެ. އަދި ދަންނަވަމެވެ. ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހިނގަމުންދާ އަހަރުގެ ފެބުރުވަރީ 28 ގެ ފަހުން މިމިނިސްޓްރީއަށް ބަލައިގަނެވޭނީ -/500 ރުފިޔާގެ ޖޫރިމަނާއަކާއެކުގައެވެ.

ޤާނޫނު ނަންބަރު 1/2003 ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތިން ޖަމްޢިއްޔާ ރަޖިސްޓަރީވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ހިންގާ ކޮމިޓީ އިންތިޚާބުކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހުށަހަޅައިފައިނުވާ ޖަމްޢިއްޔާތަކާއި، ހިންގާކޮމިޓީގެ ދައުރު ހަމަވުމުން އައު ދައުރަކަށް އިންތިޚާބުކޮށް 30 ދުވަހުގެ ތެރޭގައި ހުށަހަޅުއްވާފައި ނުވާ ޖަމްޢިއްޔާތަކާއި ހިންގާ ކޮމިޓީއަށް އަންނަ ބަދަލުތަކާއި، ގެނެވޭ ބަދަލުތައް އެ ބަދަލެއް އަންނަ ނުވަތަ ގެނެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަހަޅުއްވާފައިނުވާ ޖަމްޢިއްޔާތަކުގެ ހިންގާ ކޮމިޓީއެއްވެސް ބަލައިގަނެވޭނީ -/500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.  

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 04 ރަބީޢުލްއާޚިރު 1435  

04 ފެބުރުވަރީ 2014