ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E2/30/2019/84
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 12:55
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހިސްޕިޑް ބީޓްލް (ކުދި މަޑި) ފެތުރުން ހުއްޓުވުމާ ގުޅޭ

1999 ވަނަ އަހަރު ރާއްޖެއަށް ތައާރަފުވި ކޮކަނަޓް ހިސްޕިޑް ބީޓްލް، ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ހަލުވިކަމާއެކު ފެތުރެމުން ދާތީވެ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގެ ރުއްތަކަށް ދަނީ ގެއްލުންވަމުންނެވެ. މިމަޑި ޢާއްމުކޮށް ގެއްލުންދެނީ  ޅަރުކާއި ބޮޑެތި ރުކުގެ ނުފޮޅޭ ބޮންތިއަށެވެ. މަޑީގެ ކާނާއަކީ ބޮންތި ކަމުގައިވާތީ  ބޮންތީގެ ޅަފަންވަތްތައް ކެއުމުގެ ސަބަބުން ރުކުގެ ބޮންތި ހިކި، ރުކުގެ ކުރިގަނޑުގެ މަލަމަތި މުށި ކުލައަށް ބަދަލުވެއެވެ. މިގޮތަށް ކުރިގަނޑުގެ ފަންތައް ހިކުމުގެ ސަބަބުން ރުއްތަކުގެ މަތިވަރު ގެއްލި ރުކުން ކުރުންބާ އާއި ކާށި ލިބޭ މިންވަރު ވަރަށް ބޮޑަށް މަދުވެއެވެ. އަދި ރުކުގެ ބޮންތީގައި މަޑި ގިނައިން އާލާވަމުން ދިޔުމުގެ ސަބަބުން ފަންތައް ފީވެއެވެ. އަދި މަޑި އަށަގަތުމުގެ ސަބަބަން ފީވެފައިވާ ބައިތަކުގައި ބެކްޓީރިއާ، ފަންގަސް ފަދަ އެހެނިހެން ޖަރާސީމު އަށަގަނެ، ރުކުގެ ކުރިގަނޑު ކުނިވެ، ފާވެގެން ރުއް މަރުވުމަށް މަގުފަހިވެއެވެ. މިމަޑިއަކީ އެހާ ދުރަށް އުދުހެވޭ މަޑިއަކަށް ނުވާތީ، މަޑި ފެތެރޭ މައިގަނޑު ގޮތަކީ  މަޑި އުޅޭ ރުކާއި، ރުކުގެ ބައިތައް އެއް ރަށުން އަނެއް ރަށަށް ގެންދިއުމެވެ. ވުމާއެކު، މިމަޑި ރާޢްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަޑިއުޅޭ ރަށްރަށުން މަޑި ނޫޅޭ ސަރަހައްދުތަކަށް ރުކާއި، ރުކުގެ ބައިތައް ނުގެންދިއުމަކީ މުހިންމު ކަމެކެވެ.

މިމަޑި މިހާތަނަށް ފެތުރުފައިވާ ކަމަށް މި މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވަނީ ހއ، ހދ، ނ، ރ، ބ، ޅ، ކ، އއ،  އދ، ފ، ދ، ތ، ލ  ގެ ބައެއް ރަށްރަށުންނެވެ. އެހެންކަމުން މިއަތޮޅުތަކުގެ މަޑި އުޅޭރަށްރަށުން، ރުކާއި ރުކުގެ ފަން އެހެން ރަށްތަކަށް ނުގެންދިއުމަށާއި، މަޑި އުޅޭ ރުކުގެ އެއްވެސް ބައެއް އެއްލައިލަން ޖެހިއްޖެ ޙާލަތެއްގައި އެބައެއް އަންދާލައިގެން ނައްތާލުމަށް މިމިނިސްޓްރީން އިލްތިމާސް ކުރަމެވެ.

މީގެ އިތުރުން، އެއްވެސް ރަށެއްގައި މިމަޑި އުޅޭކަމުގެ އެއްވެސް ޢަލާމާތެއް ރުކަކުން ފެނިއްޖެނަމަ ނުވަތަ މިމަޑި އުޅޭކަމަށް ޝައްކު ކުރެވިއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް މިނިސްޓްރީއަށް އަންގަވައިދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ މިމިނިސްޓްރީގެ ނަންބަރު 3339209 ފޯނަށެވެ.

23 އޭޕްރިލް 2019