ދިވެހިރާއްޖެ
ނަމްބަރު: IUL)244-ESMSMS/244/2019/18
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޙާބު 2019 (2 ވަނަ އިޢުލާން)
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގެ ދަށުން، ކޮންމެ ރަށު ކައުންސިލަކާއި ކޮންމެ ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، 2019 އޭޕްރީލް 30 ވާ އަންގާރަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކުންކުރެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 2019 އޭޕްރީލް 07 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2019 އޭޕްރީލް 15 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 އާ ހަމަޔަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
- ގަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) އެރަށެއް ނުވަތަ އެސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރުވެފައިވާ، ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.
(ށ) އެރަށެއްގައި ނުވަތަ އެސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.
(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.
(ރ) ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
(ބ) ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
(ޅ) އެއްވެސް މީހަކަށް އަދި ކުޑަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުން.
(ކ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން.
(އ) ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.
(ވ) ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެހުކުމް ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން.
(މ) ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި، ތުރާކުނު އިލެކްޝަން ކޮމިޓީއަށް ހުށަހަޅަން ވާނެއެވެ.
(ހ) ފުރިހަމަ ނަން.
(ށ) އުފަން ތާރީޚް.
(ނ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު. (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު)
(ރ) ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭ ގޮތަށް)
(ބ) މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް.
(ކ) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.
(އ) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން.
(ވ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ތުރާކުނު އިލެކްޝަން ކޮމިޓީއަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤުރާރުވެ، އެ އިޤްރާރު.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2019 އޭޕްރީލް 07 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2019 އޭޕްރީލް 15 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 އާ ހަމަޔަށް ތުރާކުނު ކައުންސިލް ގެ އިދާރާއިންނެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރު 13:30 އާ ހަމައަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2019 އޭޕްރީލް 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.