ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
"ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އަށް ޝަކުވާ ހުށަހެޅުމާބެހޭ

 

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

މާލެ / ދިވެހިރާއްޖެ

 

"ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އަށް ޝަކުވާ ހުށަހެޅުމާބެހޭ

"ހިޔާ" މަޝްރޫޢު އާއި، "ގެދޮރުވެރިކުރުން" މަޝްރޫޢު އާއި، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫޢުތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތް މުރާޖަޢާކޮށް، އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ފްލެޓްތައް ޙައްޤުވާ އެންމެހައި ފަރާތްތަކަށް ފްލެޓް ލިބޭނެގޮތް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ކޮމިޓީގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު، މި ކޮމިޓީގެ މަސައްކަތްތައް އިތުރަށް ފުރިހަމަކަމާއެކު ރައްޔިތުންގެ ބައިވެރިކުރުމާއެކު ކުރިއަށްގެންދިޔުމުގެ ގޮތުން، ޢާންމުންގެ ޝަކުވާ މި ކޮމިޓީއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މިއަދުން ފެށިގެން، މި މަހުގެ 25 ވަނަ ދުވަހުގެ 14.00 ގެ ނިޔަލަށް ޢާންމުންގެ ޝަކުވާ ހުށަހެޅުއްވުމަށް ހުޅުވާލީމެވެ.

މި މުއްދަތުގައި، ސިޓީ، އީމެއިލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެއެވެ. ޝަކުވާ ހުށަހަޅަނީ ސިޓީއަކުންނަމަ، "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އަށް އެޑްރެސްކޮށް، ސިޓީ ފޮނުވާނީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އީ-މެއިލް މެދިވެރިކޮށްނަމަ، އީ-މެއިލް ފޮނުވާނީ [email protected] އަށެވެ. އަދި އެސް.އެމް.އެސް އިން ނަމަ ހުށަހަޅާ ޝަކުވާ ހުށަހަޅުއްވާނީ 7761108 މި ނަންބަރަށެވެ.  

ޝަކުވާ ހުށަހަޅަނީ "ހިޔާ" މަޝްރޫޢު އާއި، "ގެދޮރުވެރިކުރުން" މަޝްރޫޢު އާއި، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅި ފަރާތެއްގެ ހައިސިއްޔަތުން، ނުވަތަ އެ މަޝްރޫޢުތަކުގެ ދަށުން ބޯހިޔާވަހިކަން ލިބުނު ފަރާތެއްގެ ހައިސިއްޔަތުން ކަމުގައިވާނަމަ، އެކަން ބަޔާންކޮށް، ތިރީގައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ހުށަހެޅުން އެދެމެވެ.

(ހ) މަޝްރޫޢުގެ ނަން:

(ށ) ފްލެޓަށް އެދިފައިވާ ފޯމު ނަންބަރު:

(ނ) ފުރިހަމަ ނަން:

(ރ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:

(ބ) ދާއިމީ އެޑްރެސް:

މީގެ އިތުރުން، ކޮމިޓީގެ މަސައްކަތްތައް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުންނާއި، ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، "ހިޔާ" މަޝްރޫޢު އާއި، "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނުކަމަށް ނުވަތަ ހަވާލުކޮށްފައިވާކަމަށް އެ މަޝްރޫޢުތައް ހިންގުމާއި ހަވާލުވެފައިވާ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ ފަރާތްތައް އެނގޭނެ ތަފްސީލީ ލިސްޓުތައް، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

  https://presidency.gov.mv/Downloads/dv/47 

މި ލިސްޓުތަކުގެ ތެރެއިން "ހިޔާ" މަޝްރޫޢުގެ އެކި ކެޓަގަރީތަކުގެ ލިސްޓުތަކުގައި ހިމެނިފައިވާ ފަރާތްތަކުގެ މަޢުލޫމާތަކީ، އެއިން ކޮންމެ މަޝްރޫޢަކާއި ގުޅޭ ޑޭޓާބޭސްއިން ނަގާފައިވާ މަޢުލޫމާތުތަކެވެ. މި ލިސްޓުތަކުގައިވާ ބައެއް ފޯމް ނަންބަރު ނިސްބަތްވާ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަވެފައިނުވަނީ، އެ ފޯމް ނަންބަރު ނިސްބަތްވާ ފަރާތްތަކުގެ މަޢުލޫމާތު "ހިޔާ" މަޝްރޫޢުގެ ޑޭޓާބޭސްގައި ނެތުމުގެ ސަބަބުން ނުވަތަ ކުރިން ޢާންމުކޮށްފައިވާ ލިސްޓުގައި ފޯމު ނަންބަރު ޖެހުމުގައި ކުށެއްވާކަމަށް، ކޮމިޓީއަށް ފާހަގަކުރެވިފައިވާތީއެވެ. "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްފައިވާ ކެޓަގަރީއާ ގުޅިގެން، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ކޮމިޓީގެ ފަރާތުން ފަހުގެ ތާރީޚެއްގައި ޢާންމުކޮށް ހުޅުވާލާނެކަމުގައި ދަންނަވަމެވެ.  

 

4 މާރިޗު 2019

04 މާރިޗު 2019
ހޯދާ