އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2018 ގައި ޖަލުތަކަށް ރީރަޖިސްޓަރީ ވެފައިވާ ފަރާތްތައް އެމީހަކު ރަށްވެހިވެފައިވާ ރަށަށް ބަދަލުކުރުން

ނަންބަރު: A) EA-2019/85)   

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ރިޔާސީ އިންތިޚާބު 2018 ގައި ޖަލުތަކަށް ރީރަޖިސްޓަރީ ވެފައިވާ ފަރާތްތައް އެމީހަކު ރަށްވެހިވެފައިވާ ރަށަށް ބަދަލުކުރުން

ރިޔާސީ އިންތިޚާބު 2018 ގައި ޖަލުތަކަށް ރީ-ރަޖިސްޓަރީ ވެފައިވާ ހުރިހާ ފަރާތްތައް މިހާރު ވާނީ އެމީހަކު ރަށްވެހިވެފައިވާ ރަށަށް ބަދަލުކުރެވިފައެވެ.  

2019 އެޕްރީލު 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 2019 ފެބުރުވަރީ 18 ވާ ހޯމަ ދުވަހުން ފެށިގެން 2019 މާރޗް 02 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އެހެންކަމުން، 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖަލުތަކަށް ވޯޓުލާން ރީ-ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތައް މިދެންނެވި މުއްދަތުގެ ތެރޭގައި ވޯޓުލުމަށް ރަޖިސްޓަރީ ވުމަށްޓަކައި، މިކަމަށް އެދި ހުށަހަޅާ ފޯމު ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

ރިޔާސީ އިންތިޚާބު 2018 ގައި ޖަލުތަކަށް ރީރަޖިސްޓަރީ ވެފައިވާ މީހުން މިހާރު ރަޖިސްޓަރީ ވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ.  

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ " ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މިފޯމް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. (ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ.) އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ. އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށައެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ އެތަނެއްގެ ތައްގަނޑު ފޯމުގައި ޖަހާފައިވާ 100 ފޯމެވެ.

ރަޖިސްޓަރީ ކުރުން އޮންނާނީ 2019 ފެބުރުވަރީ 18 ވާ ހޯމަ ދުވަހުން ފެށިގެން 2019 މާރޗް 02 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

15 ޖުމާދަލްއާޚިރު 1440

 

20 ފެބުރުވަރީ 2019
ހޯދާ