ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ހައުސިންގ ކޮމިޓީ އެކުލަވާލުން

ދިއްދޫގައި ޢިމާރާތްކުރެވިފައިވާ 250 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން، އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 2017 ވަނަ އަހަރު، ދޫކުރެއްވި 140 ހައުސިންގ ޔުނިޓް ދޫކުރެވިފައިވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށާއި، އެ ކަމުގައި ގިނަ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަށް މި ކައުންސިލަށް ފާހަގަކުރެވި، އެކިއެކި މަރުހަލާތަކުގައި އެކަން ވާނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. 

މި ދެންނެވުނު 140 ހައުސިންގ ޔުނިޓަށް އެދި ޖުމްލަ 440 ފަރާތަކުން މި ކައުންސިލަށް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް، އެ ހައުސިންގ ޔުނިޓްތައް ދޫކުރެވިފައިވާ ގޮތުން އެ ހައުސިންގ ޔުނިޓްތަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގިނަ ފަރާތްތަކެއް އެއްވެސް އިންސާފެއް ނެތް ގޮތުގައި ބާކީކުރެވިފައިވާކަމާއި، ހައުސިންގ ޔުނިޓްތައް އެވޯޑްކުރުމުގައި ވެސް އެ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަން މި ކައުންސިލުން އަބަދު ވެސް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ސާފުކޮށްދީފައި ވާނެއެވެ.

މި ދެންނެވި ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އޭރު މި ކައުންސިލުން ކުރި މަސައްކަތްތަކާއި، އެ ކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލައި، 17 އޮކްޓޯބަރު 2018 ގައި ބޭއްވުނު ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 42 ވަނަ ޢާންމު ބައްދަލުވުމުގައި އެ ކަމާ ބެހޭ މަޝްވަރާކުރުމަށްފަހު، 16 ޑިސެންބަރު 2018 ގައި ބޭއްވުނު ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 44 ވަނަ ޢާންމު ބައްދަލުވުމުގައި "ހއ ދިއްދޫ ހައުސިންގ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށް، ތިރީގައި މި ދަންނަވާ 7 މެމްބަރުން ވަނީ އެ ކޮމިޓީއަށް ޢައްޔަންކުރެވިފައެވެ.

  1. އަލްފާޟިލް މުޙައްމަދު ނިޡާމް (ސަންރޭސްގެ، ހއ ދިއްދޫ)
  2. އަލްފާޟިލް އިބްރާހީމް ރަޝީދު ޢަލީ (ތުނިޔަ، ހއ ދިއްދޫ)
  3. އަލްފާޟިލް ޢަބްދުﷲ ސަޢީދު (ޗާނދަނީގެއާގެ، ހއ ދިއްދޫ)
  4. އަލްފާޟިލް މުޙައްމަދު ރަޝީދު (މާޒީ، ހއ ދިއްދޫ)
  5. އަލްފާޟިލް އާދަމް ރަޝީދު (ކެލިފޯނިޔާ، ހއ ދިއްދޫ)
  6. އަލްފާޟިލާ މަރްޔަމް ރާޝިދާ (އަލާމާގެ، ހއ ދިއްދޫ)
  7. އަލްފާޟިލް މުޙައްމަދު ޝަރީފް (ޖަވާހިރުވާދީ، ހއ ތުރާކުނު)

މި ކޮމިޓީ މަސައްކަތްކުރާނީ "ހއ ދިއްދޫ ހައުސިންގ ކޮމިޓީ ހިންގުމާ ބެހޭ އުސޫލު 2018" ގެ ނަމުގައި 16 ޑިސެންބަރ 2018 ގައި ބޭއްވުނު ހއ ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 44 ވަނަ ޢާންމު ބައްދަލުވުމުގައި ފާސްކުރެވިފައިވާ އުސޫލާ އެއްގޮތަށް، އަދި އެ އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަން ކޮމިޓީއެއްގެ ގޮތުގައެވެ. އަދި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ އެ އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ތިރީގައި މި ދަންނަވާ ކަންކަމެވެ.

  1. ހއ ދިއްދޫ ބިން ހިއްކުމާ ގުޅިގެން، ހިއްކި ބިމުގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށް ދިއްދޫ ކައުންސިލާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު ކުރެވިފައިވާ މަސައްކަތްތަކުގެ ދިރާސާއެއް ކުރުން.
  2. ދިއްދޫގައި ޢިމާރާތްކުރެވިފައިވާ 250 ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ދިއްދޫ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލީ ދިރާސާއަކާއި، އެއާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރައްވާފައިވާ މަސައްކަތްތަކާ ގުޅޭ ދިރާސާއެއް ކުރުން.
  3. ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ 250 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތާއި، އެ ފަރާތްތަކަށް ޕޮއިންޓް ދެވުނު ގޮތާ ބެހޭ ދިރާސާއެއް ކުރުމާއި، އެ ފަރާތްތަކަށް ހައުސިންގ ޔުނިޓްތައް ލިބުމާ ހަމައަށް ކަން ހިނގައިދިޔަ ގޮތުގެ ޙަޤީޤަތް ހޯދުން.
  4. ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ 250 ހައުސިންގ ޔުނިޓް ދޫކުރުމާއި ލިބިގަތުމުގައި އެއްވެސް ފަރާތެއް ނުވަތަ ފަރާތްތަކެއްގެ ޙައްޤުތައް ގެއްލިފައިވާ ނަމަ، އެ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުން.
  5. މި މާއްދާގައި ދެންނެވިފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ދިއްދޫ ކައުންސިލުން ކުރަން ޖެހޭ ކަންކަމާއި، އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ލަފާތައް އެކުލެވޭ ގޮތަށް، ކަމާ ބެހޭ ތަފްޞީލީ ރިޕޯޓެއް އެކުލަވާލުން.

މި ކޮމިޓީގެ މަސައްކަތް ނިންމައި ކޮމިޓީގެ ރިޕޯޓް ކައުންސިލަށް ހުށަހެޅުމަށް މިއަދުން ފެށިގެން 30 ދުވަހުގެ މުހުލަތެއް ވަނީ ދެވިފައެވެ. އަދި ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ހޯދުމާއި، އެކި ފަރާތްތަކާއެކު އިންޓަވިއުކުރުމުގެ ބާރު ވެސް ކޮމިޓީއަށް ވަނީ ދެވިފައެވެ.

ވީމާ، މި ކޮމިޓީގެ މަސައްކަތް އެންމެ ރަނގަޅަށް ގެންދިޔުމަށްޓަކައި ދިއްދޫ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން މި ކޮމިޓީއަށް ދެއްވުމަކީ ދިއްދޫ ކައުންސިލްގެ ނުހަނު ބޮޑު އިލްތިމާސެއް ކަމުގައި ދެންނެވީމެވެ. އަދި ދިއްދޫ ކައުންސިލްގެ އެދިލެއްވުމަށް ކޮމިޓީގެ މެމްބަރުކަން ޤަބޫލުކުރައްވައި، ދިއްދޫ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ މި ބޮޑު އަދި ބުރަ މަސައްކަތް، ނުހަނު ކުރު މުއްދަތެއްގެ ތެރޭގައި ކޮށްދެއްވުމަށް އެއްބަސްވެވަޑައިގެންނެވި މި ކޮމިޓީގެ މެމްބަރުންނަށް ވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.  

17 ޑިސެންބަރު 2018
ހޯދާ