މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮންޓްރޯލް އަގުގައި ނޫނީ ޑަކްޓަރީ ބޭސް ނުވިއްކުން

ޤާނޫނު ނަންބަރު 60/78 (އިމްޕޯޓް މުދާ ވިއްކާ ތަންތަން ސައިހޮޓާ އަދި ކެންޓީނާއިބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށް ހުއްދަ ނަގައިގެން ހިންގަމުން ގެންދާ، އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ފާރމަސީތަކުން ޢަމަލު ކުރަންޖެހޭ "އިމްޕޯރޓް މުދާ ވިއްކުމުގެ ގަވާއިދު"ގެ 15 ވަނަ މާއްދާގައި، ބަޔާންކޮށްފައިވާ އުސޫލުތަކުން ކަނޑައެޅޭ އަގަކީ، ޑަކްޓަރީ ބޭސް އެތެރެކޮށް ހޯލްސޭލް ކުރާ ފަރާތްތަކުންނާއި، ޕްރިސްކްރިޕްޝަނަށް ބޭސް ވިއްކާ ފަރާތްތަކުން، ބޭސް ވިއްކަން ކަނޑައަޅާ، ކޮންޓްރޯލް އަގެވެ.

މީގެ އިތުރުން، ޤާނުނު ނަންބަރު 1/96 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގަވާއިދު) ގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެން ބޮޑުކޮށް ވިއްކުމަކީ، މަނާކަމެއްކަމަށެވެ. ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ޑޮކްޓަރީ ބޭސް ވިއްކުމަކީ، މަނާކަމެއްކަމަށް ކަނޑައަޅާފައި އޮތްނަމަވެސް، ބައެއް ފާރމަސީތަކުން، ޑޮކްޓަރީ ބޭސް ވިއްކަމުންގެންދަނީ، ކޮންޓްރޯލް އަގަށްވުރެން ބޮޑުކޮށްކަމަށް މި މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވެއެވެ.

ބޭސްފަރުވާ ކުރުމަކީ އަސާސީ ބޭނުމަކަށް ވީހިނދު، ބޭހުގެ އަގު ކޮންޓްރޯލްކޮށްފައި ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ހުރިހާ ރައްޔިތުންނަށްވެސް އެކަށީގެންވާ އެންމެ ހެޔޮ އަގުގައި ބޭސް ގަތުމަށް މަގުފަހިކޮށްދިނުމެވެ.

މިހެންކަމުން، ޑަކްޓަރީ ބޭސް ވިއްކާ އަގުތައް، އަގު ކޮންޓްރޯލް ކޮށްފައިވާ އުސޫލާއެއްގޮތަށް، ކޮންޓްރޯލް އަގުތަކަށް ދަށްކުރުމަށް، ބޭހުގެ ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް އަންގަމެވެ. އަދި ކޮންޓްރޯލް އަގަށް ބޭހުގެ އަގު ދަށްނުކޮށް ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ބޭސް ވިއްކާ ފަރާތްތަކާމެދު، ޤާނޫނީގޮތުން އަޅަންޖޭހޭ ފިޔަވަޅު އަޅަމުން ގެންދެވޭނެ ކަމުގައި ދަންނަވަމެވެ.

އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގަކަށް ވިއްކާ ފުރަތަމަ ފަހަރު -/500 ރުފިޔާއާއި -/100000 ރުފިޔާއާ ދެމެދު އަދަދަކަށް، ކުށް ތަކުރާރުކޮށްފިނަމަ -/5000 ރުފިޔާ އާއި -/100000 ރުފިޔާއާ ދެމެދުގެ އަދަދަކުން  ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ތަންތަން 6 މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ބަންދުކުރުން، ނުވަތަ އެތަނަކަށް ދީފައިވާ ވިޔަފާރިކުރުމުގެ ހުއްދަ، 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބާޠިލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

29 ޑިސެންބަރު 2013
ހޯދާ