ދިވެހިރާއްޖެ
ނަންބަރު: A)CA-2018/166)
އިޢުލާން
ރިޔާސީ އިންތިޚާބު 2018 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު، 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.
މި އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، 2018 ޖުލައި 23 ވާ ހޯމަ ދުވަހުން ފެށިގެން 2018 އޮގަސްޓް 04 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަންގެ 3 ވަނަ ފަންގިފިލާއަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2018 ޖުލައި 23 ވާ ހޯމަ ދުވަހުން ފެށިގެން 2018 އޮގަސްޓް 04 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.
ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ އާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލާ މީހުންގެ އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ. އަދި ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާ މީހެއްގައި ހުންނާންޖެހޭ ޝަރުޠުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ޝަރުޠުތަކެވެ.
(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން. އަދި އެއްވެސް އިރެއްގައި ބޭރުގެ ޤައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ، ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ވެފައިވުން.
(ށ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުން.
(ނ) ޢުމުރުން ތިރީސް އަހަރާއި ފަސްދޮޅަސްފަސް އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން.
(ރ) ބުއްދި ހަމައަށްހުރި މީހަކުކަމުގައިވުން.
(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާޞްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކުކަމުގައިވުން.
(ކ) މި ބައިގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއް ނުވަތަ މުވައްޒަފެއްގެ ކުރިމައްޗަށް ޙާޟިރުވެ އަންނަނިވި މަޢުލޫމާތާއި ލިޔުންތަކާއި ތަކެތި ހުށަހަޅަން ވާނެއެވެ.
އެމީހަކަށް ޙާޟިރުވެވެން ނެތްނަމަ، އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން ނުވަތަ މެސެޖަކުން އެމީހަކަށް ޙާޟިރުވެވެން ނެތް ސަބަބު ބަޔާންކޮށްދީ، އެމީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާބެހޭ މަޢުލޫމާތާއި ތަކެތި ހުށަހެޅިދާނެއެވެ.
- ފުރިހަމަ ނަން.
- އުފަން ތާރީޚް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
- ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް).
- މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް).
- ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.
- އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރާއެކު).
- ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން.
- އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ފުރިހަމަވާ، އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ނަމާއި ދާއިމީ އެޑްރެސް.
- ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހާއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެމީހަކު ހުށަހަޅާ މީހަކާ ގުޅޭގޮތުން އިސްވެ ބަޔާންކޮށްފައިވާ މަޢުލޫމާތުތަކުގެ ތެރެއިން 1 ވަނަ ނަންބަރުން ފެށިގެން 6 ވަނަ ނަންބަރާ ހަމައަށް ބަޔާންކޮށްފައިވާ މަޢުލޫމާތު.
- -/100,000 (އެއްލައްކަ) ރުފިޔާގެ އިދާރީ ފައިސާ. (ނަގުދު ފައިސާއިން ނުވަތަ ބޭންކް ގެރެންޓީ ޗެކަކުން).
- ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއެއް.
- ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ޤަރާރު.
- ރައީސުލްޖުމްހޫރިއްޔާކަމަށް އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެކަން ބަޔާންކޮށް އެމީހާ ހުށަހަޅާ އިޤްރާރު.
- ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރާއި އެމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.
- ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ، އެ ނިޝާނުގެ ޕްރިންޓް ކޮށްފައިވާ ކޮޕީ. އަދި އިންތިޚާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯ.
- ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހާ އާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެމީހަކު ހުށަހަޅާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރާއި އެމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.
- ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޮޑިޓަރުކަމަށް ކަނޑައަޅާފައިވާ، އޮޑިޓަރ ޖެނެރަލް ޤަބޫލު ކުރާ ފަރާތެއްގެ ނަމާއި، އެޑްރެހާއި، އަދި އެފަރާތުން އެކަން ޤަބޫލުކޮށްފައިވާ ކަމުގެ އިޤްރާރު.
- ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 (އެއްހާސް ފަސްސަތޭކަ) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރި ފޯމު.
- ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސާފުކުރި ފޯމު.
- ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ހައިކޯޓުން ސާފުކުރި ފޯމު.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ނައިބުކަމަށް ހުށަހަޅާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރި ފޯމު.
- ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ނައިބުކަމަށް ހުށަހަޅާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސާފުކުރި ފޯމު.
- ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ނައިބުކަމަށް ހުށަހަޅާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ހައިކޯޓުން ސާފުކުރި ފޯމު.
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އެޖޭންޓުކަމަށް ހުށަހަޅާ މީހާގެ ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު.
- ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އެޖޭންޓުކަމަށް ހުށަހަޅާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސާފުކުރި ފޯމު.
- ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އެޖޭންޓުކަމަށް ހުށަހަޅާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ހައިކޯޓުން ސާފުކުރި ފޯމު.
- ސީޑީ (ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓް ސައިޒް ފޮޓޯއާއި، އިންތިޚާބުގައި ނިޝާނެއް ބޭނުންކުރާނަމަ އެ ނިޝާނުގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި) އަދި އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ ތާއީދު އޮތްކަން ހާމަކުރާ 1500 މީހުންގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު ހިމެނޭ ލިސްޓުގެ ސޮފްޓް ކޮޕީ.
ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓު ފަހުންނެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ން ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
10 ޛުލްޤަޢިދާ 1439