މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެށިފަހިމާލެ ޕްރޮގްރާމުގެ ކެޓަގަރީ ސީ ގެ ވަގުތީ ލިސްޓާބެހޭ

ވެށިފަހިމާލެ ޕްރޮގްރާމުގެ ކެޓަގަރީ ސީ ގެ ވަގުތީ ލިސްޓު އިޢުލާންކޮށް ހުށަހެޅުނު ޝަކުވާތަކަށް ބަލައި ލިސްޓުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށްފަހު ފައިނަލް ލިސްޓު އިޢުލާން ކުރުމަށް ތައްޔާރުވެފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ކޮމިޝަނުގެ ނަންބަރު B/138/2013/39-ފ123 (04 ޖުލައި 2013) ސިޓީން އެކޮމިޝަނުން އަންގަވަންދެން ފައިނަލް ލިސްޓު އިޢުލާން ނުކޮށް މަޑުޖައްސާލުމަށް އަންގަވާފައެވެ.

އެ ސިޓީ ފޮނުއްވި ފަހުން މިހާތަނަށް ތިން މަސްދުވަސް ވެފައިވާއިރު އެ ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލަ ގޮސްފައިވާ ހިސާބެއް އަދި އެ މައްސަލަތައް ނިންމަވާ ރިޕޯޓު މިނިސްޓްރީއަށް ފޮނުއްވާނެ ތާރީޚެއް ސިޓީ ފޮނުވައިގެންވެސް އަދި ބައްދަލުކޮށްގެންވެސް އެނގޭ ގޮތެއް ވަނީ ނުވެފައެވެ. އަދި އެ ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލަ ނުވަތަ މައްސަލަތަކާ ގުޅޭގޮތުން މިހާތަނަށް މި މިނިސްޓްރީއާ މަޝްވަރާކޮށް ނުވަތަ ޚިޔާލު ބަދަލުކުރައްވާފައިވެސް ނުވެއެވެ. ވަކި ކަމެއް ވަކި ގޮތަކަށް ގެންގޮސްފައިވަނީ ކީއްވެތޯ ސުވާލުކޮށް މަޢުލޫމާތު ހޯއްދަވާފައިވެސް ނުވެއެވެ. މި މިނިސްޓްރީން ދެކޭގޮތުގައި މި މިނިސްޓްރީއާ މަޝްވަރާނުކުރައްވައި ރިޕޯޓު އެކުލަވާލެއްވުމަކީ އޭގެ ސަބަބުން އެތައް ބައެއްގެ ޙައްޤުތަކެއް ގެއްލިގެން ހިނގައިދާނެ ކަމެކެވެ.

ވެށިފަހިމާލެ ކެޓަގަރީ ސީ ގެ ފައިނަލް ލިސްޓު ޢާންމުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގެވި ފަހުން އެތައް ދުވަހެއް ފާއިތުވެގެންދިޔައިރުވެސް އެކަމާގުޅޭ ރަސްމީ އެއްވެސް މަޢުލޫމާތެއް މި މިނިސްޓްރީއާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިއްސާކުރައްވާފައި ނުވިނަމަވެސް ތަޙްޤީޤާ ގުޅޭގޮތުން ޢާންމުންގެ ފަރާތުން މި މިނިސްޓްރީއަށް ލިބުނު މަޢުލޫމާތުތަކަށް ބަލައި، ވެށިފަހިމާލެ ޕްރޮގްރާމްގެ އަތްމަތީ ލުއިފޮތާއި އަދި އެކިފަހަރު މަތިން ކޮށްފައިވާ އިޢުލާންތަކަށް ރިޢާޔަތްކޮށް ވެށިފަހިމާލެ އޮފީހުން ޢަމަލުކޮށްފައިވާ ގޮތުގެ ތަފުސީލު ހިމެނޭ ހަ ޞަފުޙާގެ ސިޓީއެއް 11 އޮގަސްޓު 2013 ގައި އެކޮމިޝަނަށް ވަނީ ފޮނުވިފައެވެ. އަދި ކެޓަގަރީ ސީ ގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއި ފްލެޓް ހަވާލުކުރުން ލަސްވަމުން ދިއުމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަޔާންކޮށް 05 ސެޕްޓެންބަރު 2013 ގައި އެ ކޮމިޝަނަށް އިތުރު ސިޓީއެއް ފޮނުވުނެވެ. އެ ސިޓީގައި ތަޙްގީޤު ނިންމައި ރިޕޯޓު ފޮނުއްވޭނެ ތާރީޚެއް ވިދާޅުވެ ދެއްވުމަށާއި އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައި ދެއްވުމަށް އެދިފައިވާނެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެސިޓީގެ ޖަވާބެއް ލިބިފައިނުވާއިރު ކޮމިޝަނުގެ ތިން މެންބަރަކާއެކު 1 އޮކްޓޫބަރު 2013 ގައި ބޭއްވުނު ބައްދަލުވުމުގައި ވާހަކަދައްކައިގެންވެސް މައްސަލަ ނިމޭނެ ދުވަހެއް އެނގޭނެ ގޮތެއް ވަނީ ނުވެފައެވެ.

ވެށިފަހިމާލެ ޕްރޮގްރާމަކީ 3 ކެޓަގަރީއަކަށް ބެހިފައިވާ ޕްރޮގްރާމަކަށްވާއިރު ކެޓަގަރީ އޭ ގެ ލިސްޓު އިޢުލާން ކުރުމާއެކު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ކެޓަގަރީ އޭ އަށް ފޯމް ހުށަހެޅުއްވި ހުރިހާ ފަރާތެއްގެ ފޯމްތައް ބަލައި ތަޙްޤީޤީ ރިޕޯޓެއް، ރަނގަޅު ކުރަންވީ ކަންތައްތަކާއެކު، 13 އޮގަސްޓް 2012 ގައި މި މިނިސްޓްރީއަށް ފޮނުވާފައެވެ. ތިން ކެޓަގަރީގައިވެސް މައިގަނޑު ގޮތެއްގައި ހުރީ އެއް އުޞޫލުތަކަކަށްވެފައި ކެޓަގަރީ ބީ އަދި ކެޓަގަރީ ސީ އަށް ލިޔުންތައް ބަލައިގަތުމުގައިވެސް ޢަމަލުކޮށްފައިވާނީ ކެޓަގަރީ އޭ އަށްވެސް ޢަމަލުކޮށްފައިވާ ގޮތަށެވެ.

 ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ މަސައްކަތް ފާއިތުވި އަހަރުގެ ޑިސެންބަރު މަހު ނިމިފައިވާއިރު، އެފްލެޓްތަކުގެ "ޑިފެކްޓް ލައިބިލިޓީ" މުއްދަތު މިއަހަރުގެ ޑިސެންބަރަށް ހަމަވާނެއެވެ. އެ މުއްދަތުގެ ކުރިން އެ ފްލެޓްތަކަށް މީހުން ނުވެއްދިއްޖެނަމަ އެފްލެޓްތަކުގައިވާ މައްސަލަ ކޮންޓްރެކްޓަރު ލައްވާ ޙައްލުކުރުމުގެ ފުރުޞަތު ގެއްލިގެންދާނެއެވެ. އެކަމުގެ ސަބަބުން ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހުމަކީ ވަރަށް ކައިރިކަމެކެވެ. އަދި ފްލެޓްތައް ނިމި ބޭނުން ނުކޮށް ހުރުމުގެ ސަބަބުން ބެލެހެއްޓުން ނުހަނު ދަތިވެފައި އެފްލެޓްތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހެނީ ސަރުކާރުންނެވެ. އަދި ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ދިރާސީ އަހަރެއްގެ މެދުތެރެއިން ދަރިންގެ ސްކޫލު ބަދަލުކޮށްގެން ހުޅުމާލެއަށް ބަދަލުވުމަކީ ދަތިކަމަކަށް ވުމާއެކު، ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އެފަރާތްތަކަށް ހުޅުމާލެއަށް ބަދަލުވެވޭނެ ފަދަ ގޮތެއް ވުމަކީވެސް ނުހަނު މުހިންމު ކަމެކެވެ.

މީގެ އިތުރުން ވެށިފަހިމާލެ ޕްރޮގްރާމުގެ ކެޓަގަރީ ސީ ގެ ފައިނަލް ލިސްޓު އިޢުލާން ކުރުމާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ ލަފާފުޅަކަށް އެދި ދެންނެވުމުން ދެއްވާފައިވާ ލަފާފުޅަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފައިނަލް ލިސްޓް އިޢުލާން ނުކުރުމަށް އަންގަވާފައިވީ ނަމަވެސް ފައިނަލް ލިސްޓު އިޢުލާން ކުރެވިދާނެކަމަށް ދެކެވަޑައިގަންނަވާކަމުގައެވެ.

މި މިނިސްޓްރީން ދެކެނީ 300 އެއްހައި ފޯމު ބަލައި ތަޙްޤީޤެއް ހިންގުމަށް 3 މަސްދުވަހަށްވުރެ ގިނަ މުއްދަތެއް ހޭދަވުމަކީ އޭގެ ސަބަބުން ދައުލަތަށް އަދި ބޯހިޔާވަހިކަމުގެ އުންމީދުގައި ތިބި 300 ޢާއިލާތަކަށް ގެއްލުންވަމުންދާ ކަމެކެވެ. އެހެންކަމުން މި މައްސަލަ ވީހާވެސް އަވަހަށް ނިންމުމަކީ ހުރިހާ ފަރާތްތަކުގެ މަޞްލަޙަތު އެކަމުގައި އެންމެ ބޮޑުގޮތްކަމުގައި މި މިނިސްޓްރީން ދެކެމެވެ.

3 ޛުލްޙިއްޖާ 1434

08 އޮކްޓޫބަރު 2013
ހޯދާ