މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސަރުކާރުގެ ޞިއްޙީ ޚިދުމަތްދެވޭ މުވައްސަސާތަކުގައި ދިވެހި މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތާބެހޭ

އިޢުލާން

ސަރުކާރުގެ ޞިއްޙީ ޚިދުމަތްދެވޭ މުވައްސަސާތަކުގައި ދިވެހި މުވައްޒަފުން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދީ ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތައް އަދި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ނަރުހުންނަކީ 100 އިންސައްތަ ދިވެހިންކަމުގައި ހެދުމަށްޓަކައި ނަރުހުންގެ ތަމްރީނުކޯސް ނިންމާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލައި އެކަމަށް އެދޭ ފަރާތްތައް ވަޒީފާއަށް ނެރުމުގެ މަސައްކަތް މިމިނިސްޓްރީއިން ގެންދަނީ ކުރަމުންނެވެ. މިގޮތުން ގިނަ ފަރާތްތަކަށް ނަރުހުންގެ ވަޒީފާ މިހާރު ވަނީ ހަމަޖައްސައިދެވިފައެވެ.

ނަމަވެސް ރާއްޖެއާއި ރާއްޖެއިން ބޭރުން ނަރުހުންގެ ތަމްރީނުކޯސް ފުރިހަމަކުރުމަށްފަހު އެކިއެކި ސަބަބުތަކާހުރެ ވަޒީފާއަށް ނުކުމެވަޑައިނުގެން ގިނަ ފަރާތްތަކެއް ތިއްބެވިކަން މިމިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މިފަދަ ފަރާތްތަކުން ވަޒީފާއަށް ނުކުމެވަޑައިނުގެން ސަބަބުތައް ހޯދައި، އެކަންކަމަށް ޙައްލެއް ލިބޭތޯ މަސައްކަތްތަކެއް ކުރުމަށްޓަކައި، ނަރުހުންގެ ތަމްރީނު ކޯސް ނިންމައި، ވަޒީފާއަށް ނުކުމެވަޑައިނުގެން ތިއްބެވި ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ބޭނުންވާ ޑައިރެކްޓްރީ އެކުލަވާލުމަށްޓަކައި ނަރުހުންގެ ތަމްރީނު ފުރިހަމަ ކުރައްވައި ވަޒީފާއަށް ނުކުމެވަޑައިނުގެން ތިއްބެވި ފަރާތްތަކުގެ ތެރެއިން، މިޑައިރެކްޓްރީގައި ނަން ހިމަނަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިމިވާ މަޢުލޫމާތު އެނގޭގޮތަށް މިމިނިސްޓްރީއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

-  ފުރިހަމަނަމާއި ދާއިމީ އެޑްރެސް

-  މިހާރު އުޅޭ އެޑްރެސް

-  އައި. ޑީ. ކާރޑު ނަންބަރު

-  ކޯސް ފުރިހަމަކުރިތަން

-  ކޯސް ނިންމި ތާރީޚު

-  ފުރިހަމަކޮށްފައިވާ ކޯސް

-  ވަޒީފާއަދާކުރަން ބޭނުންވާ ތަން

-  ގުޅޭނެ ފޯނުނަންބަރު

                                    12 ޛުލްޤަޢިދާ 1436  

27 އޮގަސްޓް 2015
ހޯދާ