މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފޮޓޯގްރަފީ މުބާރާތް

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމިނސްޓްރީގެ ފަރާތުން ތިމާވެށީގެ ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ދިވެހި ރައްޔިތުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓާމެދު ފަރުދުންގެ ޝުޢޫރުތައް ފޮޓޯގެ ޒަރީޢާއިން ފާޅުކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "ދެމެހެއްޓެނިވި ތަރައްޤީއަކަށް ދިރޭތަކެތީގެ ނަސްލު" މިއެވެ. މިތީމުގެ ދަށުން ފޮޓޯތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 4 ކެޓަގަރީއަކަށް ބިނާކޮށެވެ.

ފޮޓޯތަށް ހުށަހެޅޭނެ ކެޓަގަރީތައް

  • ދެމެހެއްޓެނެވި ތަރައްޤީއާއި ތިމާވެށި
  • ތިމާވެއްޓަށް ކުރަމުންދާ އަސަރު
  • އާދަކާދައިގެ ތެރެއިން ދިރޭތަކެތި
  • ތިމާވެށްޓާއި އިންސާނާ

މުބާރާތަށް ހުށަހަޅާ ފޮޓޯއާއެކު ތިރީގައިވާ މަޢުލޫމާތު ފުރިހަމަވާންވާނެއެވެ.

  • ފޮޓޯނެގި ފަރާތުގެ ނަމާއި އެޑްރެސް
  • ޕޮޓޯ ނަގާފައިވާ ތަނާއި ތާރީޚު
  • ފޮޓޯގެ ކެޕްޝަން (އިނގިރޭސިން)
  • ފޮޓޯ ހުށަހެޅުނު ތީމާއި ފޮޓޯއާ ހުރި ގުޅުން ބަޔާންކޮށް ލިޔުންކޮޅެއް (40 ބަހަށްވުރެ ދިގު ނުވާވަރުގެ)
  • ފޮޓޯވަނީ އެޑިޓްކޮށް އެއްވެސް ބަދަލެއް ގެނެވިފައިކަން ނުވަތަ ނޫންކަން (މި ގޮތުން މި މުބާރާތަށް ބަލައިގަނެވޭނެ ބަދަލުތަކަކީ ބަރންކުރުން، ޑޮޖްކުރުން ކަލަރ ކަރެކްޝަން އަދި ހޭންޑް ޓިންޓިންގ އެކަންޏެވެ.)
  • ފޮޓޯ ނަގާފައިވާ ކެމެރާއާއި މޮޑެލް ނަންބަރު

އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތައް:

  • އުފެއްދުން ތެރިކަން
  • ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ)
  • ފަންނުވެރިކަން
  • ތީމާ ގުޅުންހުރި މިންވަރު

މުބާރާތުގައި ބައިވެރިކުރެވޭ ފޮޓޯތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމު ކަނޑައެޅިފައިވާ ވާހަކަ ދަންނަވަމެވެ. ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި މިމުބާރަތުގައި ބައިވެރިކުރާ ފޮޓޯތައް ފޮޓޯގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި މިމިނިސްޓީގެ ބޭނުންތަކަށް ބޭނުންކުރުމުގެ އިޚުތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބޭނުންކުރެވޭ ފޮޓޯތަކުގައި އެފޮޓޯގެ ވެރިފަރާތަށް ފުރިހަމަ ކްރެޑިޓް ދެވޭނެއެވެ.

މިމުބާރާތަށް ފޮޓޯ ހުށަހެޅުމަށް "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2015 އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ރިސެޕްޝަނަށް ފޮޓޯގެ ސޮފްޓްކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު މިމިނިސްޓްރީގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.

މިމުބާރާތަށް ހުށަހެޅޭ ފޮޓޯތައް ބަލައިގަނެވޭނެ އެންމެފަހު ތާރީޚަކީ 5 މޭ 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 އެވެ.

މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ހިމަނައިގެން 5 - 7 ޖޫން 2015 ގައި ނެޝަނަލް އާރޓް ގެލެރީގައި މައުރަޒެއް ބޭއްވޭނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

މާފަންނު،

މާލެ، ދިވެހިރާއްޖެ

23 މާރިޗު 2015
ހޯދާ