މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
SUSTAINING COMPETITIVE & RESPONSIBLE ENTERPRISES SHORT PROGRAMME – (SCORE SP)

ގުޅިގެން މަސައްކަތްކުރުމުގެ ސަޤާފަތެއް އޮތް، މަސައްކަތުގެ މާޙައުލެއް ތަރައްޤީކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމް

ތަމްރީނު ޕްރޮގްރާމް: ސަސްޓެއިނިންގ ކޮމްޕެޓިޓިވް އެންޑް ރެސްޕޮންސިބަލް އެންޓަރޕްރައިސަސް (ސްކޯރ ޕްރޮގްރާމް)

މުއްދަތު: 5 މަސް

ޖާގައިގެ އަދަދު: 05

އެޕްލިކޭޝަން ހުށަހެޅޭނެ ފަރާތްތައް:  ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން

މި މިނިސްޓްރީއާ ގުޅިގެން އައި.އެލް.އޯ.އިން ހިންގަވަމުންގެންދަވާ "ޕްރޮމޯޓިން ފަންޑަމެންޓަލް ރައިޓްސް އެންޑް ސްޓްރެންތެނިންގ ލޭބަރމާކެޓް ގަވަރނެންސް އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުން، ދިވެހިރާއްޖެއަށް ޚާއްޞަކޮށްގެން "ސަސްޓެއިނިންގ ކޮމްޕެޓިޓިވް އެންޑް ރެސްޕޮންސިބަލް އެންޓަރޕްރައިސަސް" (ސްކޯރ) ގެ ނަމުގައި، ތަމްރީނު ޕްރޮގްރާމެއް ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މަޤްޞަދަކީ، ވިޔަފާރިތަކުން އެކަށައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް، މެނޭޖްމަންޓާއި މަސައްކަތްތެރިންގެ ބައިވެރިވުން އެކަށީގެންވާ ގޮތެއްގައި ހޯދުމަށްޓަކައި، ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދީ، ވިޔަފާރިތައް ބާރުވެރިކުރުވުމެވެ. މިގޮތުން، މި ތަމްރީނު ޕްރޮގްރާމްގެ އަމާޒަކީ، ގުޅިގެން މަސައްކަތްކުރުމުގެ ސަޤާފަތެއް އޮތް، މަސައްކަތުގެ މާޙައުލެއް ތަރައްޤީކުރުމަށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމްގައި ފުރުޞަތު ފަހިކޮށްދެވޭ ވިޔަފާރިތަކަށް ތަމްރީނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 5 ދާއިރާއަކުންނެވެ. މި ދާއިރާތަކަކީ:

1- މަސައްކަތުގެ މާޙައުލުގައި ގުޅިގެން މަސައްކަތްކުރުން

2- ކޮލިޓީ މެނޭޖްކުރުން

3- ތިމާވެށްޓާ ރަޙްމަތްތެރި އުސޫލުތައް މެދުވެރިކޮށް ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކުރުން

4- ވިޔަފާރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންކަން ރަނގަޅަށް ބެލެހެއްޓުން

5- މަސައްކަތުގެ މާޙައުލުގައި، ޞިއްޙީ އަދި ސަލާމަތީގޮތުން ބަލަންޖެހޭނެ މިންގަނޑުތައް ބެލެހެއްޓުން

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު، ޖުމްލަ 5 ވިޔަފާރިއަކަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި ފުރުޞަތު ދިނުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، %50 ދިވެހި މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކަށް އިސްކަންދިނުމުގެ އިތުރުން، އެކަށީގެންވާ އަދަދަކަށް (މަދުވެގެން 20 މުވައްޒަފުން) މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި ޕްރޮގްރާމަށް ހޮވޭ ވިޔަފާރިތަކުގެ ތެރެއިން، މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރެވޭނީ، އެ ވިޔަފާރިތަކުގައި ދާއިމީކޮށް މަސައްކަތްކުރާ ދިވެހި މުވައްޒަފުން އެކަނި ކަމުގައި ދަންނަވަމެވެ. މިގޮތުން ތަމްރީނު ޕްރޮގްރާމަށް ހޮވޭ ކޮންމެ ވިޔަފާރިއަކުން 2 މެނޭޖީރިއަލް އަދި އެ ވިޔަފާރީއެއްގައި މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ 2 މުވައްޒަފަކަށް (ޖުމްލަ 4 މުވައްޒަފަކަށް)، ސްކޯރ ޕްރޮގްރާމުގެ ގްލޯބަލް އެކްސްޕާރޓް ޓްރެއިނަރގެ އެހީތެރިކަމާއެކު، މާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 3 ދުވަހުގެ ކްލާސްރޫމް ޓްރޭނިންގގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. އަދި ކްލާސް ރޫމް ތަމްރީނަށްފަހު، އެކްސްޕާރޓް ޓްރެއިނަރ އަދި އިތުރު ޓްރެއިނަރެއްގެ އެހީތެރިކަމާއެކު، ވިޔަފާރި ހިންގާ ސައިޓަށް ހަތަރު ފަހަރެއްގެ މަތިން ޒިޔާރަތްކޮށް، މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް އެކުލަވާލާފައިވާ ޕްލޭން ތަންފީޒުކުރުމަށް އެ ވިޔަފާރިއަކުން ތަމްރީނުކުރެވުނު މުވައްޒަފުންނާއެކު މަސައްކަތް ކުރަމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމާ ގުޅުންހުރި ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އައި.އެލް.އޯ ޕްރޮޖެކްޓުންނެވެ.

ވީމާ، މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނާއެކު ހިމެނިފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު މި މިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ. އެޕްލިކޭޝަންތައް ދިރާސާކޮށް، މި ޕްރޮގްރާމުގައި ބައިވެރިކުރާނެ 5 ވިޔަފާރި ހޮވާނީ، މި މިނިސްޓްރީއާއި އައި.އެލް.އޯ ޕްރޮޖެކްޓުން ހޮވާލެވޭ ކޮމިޓީއަކުންނެވެ.

މި ތަމްރީނު ޕްރޮގްރާމާބެހޭ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް 7794436 ނުވަތަ 7447905 ފޯނާ ގުޅުއްވުން އެދެމެވެ.

14 ރަބީޢުލްއައްވަލް 1436

05 ޖަނަވަރީ 2015
ހޯދާ