މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސްޓްރެންތުނިންގ ލައިވްލިހުޑްސް އިނީޝިއޭޓިވް ފޮރ ހޯމް ބޭސްޑް ވޯރކާސް އިން ދަ ސާރކް ރީޖަން - ސަބާ ޕްރޮޖެކްޓް

ތަމްރީނު ފުރުޞަތު

"ސްޓްރެންތުނިންގ ލައިވްލިހުޑްސް އިނީޝިއޭޓިވް ފޮރ ހޯމް ބޭސްޑް ވޯރކާސް އިން ދަ ސާރކް ރީޖަން"
PROJECT SABAH

ދާއިރާ: ސަބާ ޕްރޮޖެކްޓްގެ ދަށުން ޤާއިމުކުރާ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ އަދި ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރ ތަކުގައި މަސައްކަތްކުރުމަށް (ގޭގައި ތިބެ މަސައްކަތް ކުރާފަރާތްތަކަށް ހުޅުވާލާ) ޕްރޮޑަކްޝަން ޝިފްޓް މެނޭޖްމަންޓް ހުނަރު ތަރައްޤީ ކުރުމުގެ ތަމްރީނު ޕްރޮގްރާމް

(PRODUCTION SHIFT MANAGEMENT TRAINING FOR HOMEBASED WORKERS TO WORK AT THE TRADE FACILITATION CENTER AND COMMUNITY FACILITATION CENTERS)

ފުރުޞަތު ދެވޭ ބައިވެރިންގެއަދަދު:  15 (ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރތައްހުންނަ ރަށްތައްކަމަށް ވާ، މާލެ،  ސ.ހިތަދޫ، ގދ.ގައްދޫ،  ޏ.ފުވައްމުލައް،  ލ.ގަން  އަދި ބ.ތުޅާދޫ ގައި މަސައްކަތް ކުރުމަށްޓަކާ)

ޤައުމު: އިންޑިޔާ، އަޙްމަދުއާބާދު

ތާރީޚު: 1 ނޮވެންބަރު 2014އިން  15 ނޮވެންބަރު 2014އަށް

މިއީ މިނިސްޓްރީގެ ނަންބަރު (IUL)101-AF/1/2014/135 އިޢުލާނާ ގުޅިގެން ސުރުޚީގައިވާ ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދެވޭވަރަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ، އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރުކުރުމަށް އަލުން ކުރެވޭ އިއުލާނެކެވެ. އަދި ކުރިން ކުރެވުނު އިއުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ބޭފުޅުންގެ އެޕްލިކޭޝަން ބާޠިލުނުކޮށް ބަލައިގަނެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.

ސާރކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ތަންފީޒުކުރަމުންދާ، ސުރުޚީގައި ދަންނަވާފައިވާ ޕްރޮޖެކްޓުގެ ދަށުން (15) ދުވަހުގެ މުއްދަތަށް އިންޑިޔާގެ އަޙުމަދުއާބާދުގައި ކުރިއަށްގެންދެވޭ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލަމެވެ. މި ތަމްރީނު ޕްރޮގްރާމު ހިންގަވައިދެއްވާނީ އިންޑިޔާގެ ސެލްފް އެމްޕްލޯއިޑް ވިމެންސް އެސޯސިއޭޝަން (SEWA) ގެ ކަމާ ބެހޭ މާހިރުންނެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މަޤްޞަދަކީ، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ގޭބިސީތަކުގައި އުފައްދާ އެކިބާވަތުގެ ކާބޯތަކެތީގެ ބާވަތްތަކާއި އަތްތެރި މަސައްކަތުގެ ބާވަތްތައް އުފައްދާ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ވިޔަފާރި އުސޫލުން ބައްޓަންކޮށް، ދެމެހެއްޓެނިވިގޮތެއްގައި އެފަދަ މަސައްކަތްތައް ކުރުމަށްޓަކައި، ގޭގައި ތިބެގެން މި ފަދަ މަސައްކަތްކުރާ ފަރާތްތަކުގެ ހިންގުމާއި ކަންކަމުގައި އިސްނެގުމުގެ ހުނަރު ތަރައްޤީކޮށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ރަށްރަށުގައި އަޅައި ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރ ތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމެވެ. މިގޮތުން، މި ތަމްރީން ޕްރޮގްރާމްގައި އިދާރީ މަސައްކަތް ކުރުން، ޓައިމް މެނޭޖްމަންޓް، ޝެޑިއުލިންގ، ސްޓޮކް މެނޭޖްމަންޓް، ސަޕްލައި މެނޭޖްމަންޓް، ޕްރޮޑަކްޝަން ދާއިރާއިން، އަދި ޕެކޭޖިންގް ނުވަތަ، ތަކެތި ބަންދުކުރުން ފަދަ ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ތަމްރީނުގައި ބައިވެރިވުން:

މި ތަމްރީނު ޕްރޮގްރާމުގައި  ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދިހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު، 23 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ  16:00 ގެ ކުރިން މ.ބޭންފްވިލާ، 2 ވަނަ ފަންގިފިލާ ގައި ހުންނަ ސަބާ މޯލްޑިވްސް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ސަބާ އޮފީހުންނައި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓު (www.trade.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. ފުރިހަމަކޮށްފައިވާ ފޯމާއެކު ތިރީގައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

  1. ތަމްރީނުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތުގެ ވަނަވަރާއި، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. 31 އޭޕްރިލް 2015 އަށް މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން އިންޑިއާގައި ހުރުމާއި ކެއުމުގެ އިންތިޒާމު، ޓިކެޓު، އަދި ރަސްމީ ދަތުރާ ގުޅުންހުރި އެހެނިހެން ކަންތައްތަކަށް ޚަރަދުކުރާނީ "ސަބާ" ޕްރޮޖެކްޓުންނެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން، ބައިވެރިން ކަނޑައެޅުމުގައި ތިރީގައިވާކަންކަމަށް ރިޢާޔަތް ކުރެވޭނެއެވެ.

  • ސަބާ މޯލްޑިވްސް ގެ މެމްބަރެއްގެގޮތުގައި 29 ސެޕްޓެންބަރު 2014 ގެ ކުރިން ރަޖިސްޓްރީ ވެފައިވުން
  • ތަމްރީން ހާސިލުކޮށް އެނބުރިއައުމަށްފަހު ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ ނުވަތަ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރ ގައި މަސައްކަތްކުރުން
  • ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވިޔަފާރިއެއްގައި، މަހު މުސާރަ ލިބޭ ވަޒީފާއެއްގައި އުޅޭ ފަރާތެއްކަމުގައި ނުވުން.
  • ދަތުރުގައި ބައިވެރިވާ ފަރާތަކީ މީހުންނާ ގުޅިގެން މަސައްކަތްކުރެވޭ، ހިންގުންތެރި މީހަކަށް ވާންވާނެއެވެ. އަދި އިސްނަގަން ކެރޭ، ލީޑަރޝިޕް ސްކިލްސް ހުންނަ އުފެއްދުންތެރި، ކުރިމަގަށް ވިސްނާ އަދި އައު ގޮތްގޮތަށް ކަންކަން ކުރުމަށް ޝައުޤުވެރިވާ މީހަކަށް ވާންޖެހޭނެއެވެ.
  • ތަމްރީން ހާސިލުކޮށް އެނބުރިއައުމަށްފަހު އެހެން މީހުންނަށް އެ ހުނަރު ދަސްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތަކަށްވުން.
  • ތަމްރީނު ހޯދުމަށް އެދި ހުށަހަޅާ ދާއިރާގައި ނުވަތަ ގުޅުން ހުރި ދާއިރާއެއްގައި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ތަމްރީނު ޕްރޮގްރާމަށް ލިބިފައިވާ 15 ފުރުޞަތު ދޫކުރުމަށް ހަމަޖެހިފައިވާގޮތް:

  • ސަބާ ޕްރޮޖެކްޓްގެ  މެމްބަރުންގެ ތެރެއިން މަތީގައި ކަންކަން ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން،
  • ކ.މާލެ، 3 ފުރުޞަތު
  • ސ.ހިތަދޫ، 3 ފުރުޞަތު
  • ގދ.ގައްދޫ، 3 ފުރުޞަތު
  • ޏ.ފުވައްމުލައް، 2 ފުރުޞަތު
  • ލ.ގަން، 2 ފުރުޞަތު
  • ބ.ތުޅާދޫ، 2 ފުރުޞަތު

މަތީގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުން ކަނޑައަޅާފައިވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާނަމަ، އެހެނިހެން ސަރަޙައްދުތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. 

އިތުރު މަޢުލޫމާތު: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު ، 8:30 އިން 15:30 އާ ދެމެދު 3003018/3003019 ނަންބަރު ފޯނާ ގުޅުއްވުމުންނާއި sabah@trade.gov.mv އީމެއިލް ކުރެއްވުމުން ލިބޭނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން : 23 އޮކްޓޫބަރު 2014  ވަނަ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް ސަބާ އޮފީހަށް (މ.ބޭންފް ވިލާ /2ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ sabah@trade.gov.mv އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

29 ޛުލްޙިއްޖާ 1435

19 އޮކްޓޫބަރު 2014
ހޯދާ