ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބޯހިމެނުން 2014 : ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންނާއި ބިދޭސީ މުވައްޒަފުން ގެންގުޅޭ އެމްޕްލޯޔަރުންގެ ސަމާލުކަމަށް

މިސެޕްޓެންބަރު 20 ން 27 އަށް ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން މުޅިރާއްޖޭގައި ހިންގާ، އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގައި، ޓޫރިސްޓުން ފިޔަވައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މި ގަވާއިދުގައިވާގޮތުން ބޯހިމެނުމުން ނެގޭ ވަކިވަކި ފަރުދުންގެ އަދި ވަކިވަކި އެމްޕްލޯޔަރުންނާއި ތަންތަނުގެ މަޢުލޫމާތަކީ ސިއްރު ހިފެހެއްޓޭނެ މަޢުލޫމާތެކެވެ. ބޯހިމެނުމުގެ މަޢުލޫމާތު އެއްކުރާނީ އެ ބިޔުރޯގެ ފަރާތުން ތަމްރީނުކޮށް، މިކަމަށް ކަނޑައެޅި ހުއްދަދެވިފައިވާ މީހުންނެވެ. އަދި މިމަޢުލޫމާތު ބޭނުން ކުރެވޭނީ ޖުމުލަ ތަފާސްހިސާބުތަކެއްގެ ގޮތުގައެވެ.

ބޯހިމެނުމުގައި ބިދޭސީން ފަރުދުން ޙިއްޞާކުރާ މަޢުލޫމާތަކީ ޢާންމު ކުރެވޭނެ އަދި އެހެން ފަރާތަކަށް ޙިއްޞާ ކުރެވޭނެ މަޢުލޫމާތެއް ނޫނެވެ. އެހެންކަމުން، ބިދޭސީންނާއި އަދި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ބޯހިމެނުމުގެ މަސައްކަތުގައި ޝާމިލްވެ އުޅޭ ފަރާތްތަކާއި ޙިއްޞާކުރާ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ޙިއްޞާ ނުކުރާނެއެވެ.

އެހެންކަމުން، ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތަކީ ގަވާއިދާއި ޚިލާފަށް އުޅޭ ފަރާތްތަކާއި، އަދި ގަވާއިދާއި ޚިލާފަށް އުޅޭ ފަރާތްތައް ގެންގުޅޭ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އަޅަން ބޭނުންކުރާނެ މަޢުލޫމާތެއް ނޫންކަމުގައި އަންގައި އިޢުލާންކުރަމެވެ.

ވީމާ، ބިދޭސީން ގެންގުޅޭ އެމްޕްލޯޔަރުން، އެފަރާތްތަކުން ގެންގުޅުއްވާ ބިދޭސީ މުވައްޒަފުންގެ މަޢުލޫމާތު ބޯހިމަނާ ޓީމުތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވައި، މިފަދަ ޤައުމީ މަސައްކަތުގައި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ފުރިހަމަ އެހީތެރިމާއި އެއްބާރުލުން ދެއްވުމީ މިޑިޕާޓްމަންޓުގެ ވަރަށްބޮޑު އެދެމެވެ.

19 ޛުލްޤަޢިދާ 1435  

14 ސެޕްޓެންބަރު 2014
ހޯދާ