މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން މަހުގެ އައު އުފެއްދުންތައް އުފެއްދުމަށް ކުދި ލޯނަށް އެދުމުގެ ފުރުޞަތު އިތުރު ކުރައްވައިފި

ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން މަހުގެ އައު އުފެއްދުންތައް އުފެއްދުމަށް ކުދި ލޯން ނެގުމަށް އެދޭ ފަރާތްތަކަށް 17 ޖުލައި 2014 ގައި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު 14 ސެޕްޓެންބަރު 2014 އަށް ހަމަވެފައިވާތީ، އެލޯނަށް އެދުމަށް އިތުރު ފަރާތްތަކަކުން އެދެމުންދާތީ، ލޯނަށް އެދުމުގެ މުއްދަތަށް އިތުރު 02 މަސްދުވަސް އިތުރުކޮށް، 15 ސެޕްޓެންބަރު 2014 ގައި ހުޅުވާލައިފީމެވެ.   

މި ޕްރޮގްރާމުގެ ދަށުން ދޫކުރާ ލޯނުތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޖުމުލަ އަދަދަކީ 5.8 (ފަހެއް ޕޮއިންޓް އަށެއް މިލިޔަން ރުފިޔާ) އެވެ.

މި ލޯނު ޕްރޮގްރާމަކީ މަސްވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޙަރަކާތްތެރިވާ ޞިނާޢީ ކުންފުނިތަކަށް މަސްވެރިން ބާނާމަހުގެ ތެރެއިން ނުގަންނަ މަހުން އިތުރު އާމްދަނީއެއް ލިބޭނެގޮތަކަށް އެމަހުގެ ބޭނުންހިފުމަށްޓަކައި މަހުގެ ބާވަތްތައް ތައްޔާރުކޮށް އައު އުފެއްދުންތައް އުފެއްދުމަށް ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން 60 އިންސައްތަ ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ.  

މި ފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު ސަރުކާރުގެ ރަސްމީ ގަޑިތަކުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނާއި ބެންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗުންނާއި އެބެންކުގެ ބާޒާރު ބުރާންޗުންނާއި އަދި އެބެންކުގެ ރާއްޖެތެރޭގެ ބުރާންޗްތަކުން ލިބެން ހުންނާނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ، ބެންކް އޮފް މޯލްޑިވްސްއިންނާއި، އެބެންކުގެ ރާއްޖެތެރޭގެ ބުރާންޗްތަކުންނެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފޯމުތައް، މި މުއްދަތު ނިމުމުން ވަޒަންކުރުމަށްފަހު މިފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ. އަދި، މި މުއްދަތަށްފަހު ހުށަހަޅާ ޝަރުޠު ހަމަވާ ފޯމުތައް ވަޒަންކުރެވޭނީ، ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެފަހު ތާރީޚަށް ފަހުގައެވެ. މި ފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.

19 ޛުލްޤަޢިދާ 1435

15 ސެޕްޓެންބަރު 2014
ހޯދާ