މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު - މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

ކައުންސިލްގެ ނަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

މަޤާމު

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، މެޑިކަލް ނުވަތަ ޑެންޓަލް ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް

ބޭނުންވާ ޢަދަދު

1 (އެކެއް)

މެމްބަރުކަމުގެ ދައުރު

5 (ފަހެއް) އަހަރު

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

(ހ) ދިވެހިރާއްޖޭގައި މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުން؛ 

(ށ) މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛

(ނ) މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށްޓަކައި ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން؛ 

(ރ) ދިވެހިރާއްޖޭގައި ހިންގާ ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ތަމްރީނުދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ޝަރުޠުތައް ކަނޑައެޅުމާއި، އެ ތަންތަނުން ހިންގާ ކޯސްތައް އެކްރެޑިޓްކުރުން؛

(ބ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުން ރަޖިސްޓަރީ ކުރުމާއި، އެމީހުންގެ ރަޖިސްޓަރީ ބާޠިލުކުރުން؛

(ޅ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކޮށްދިނުމާއި، ބާޠިލުކުރުން؛ 

(ކ) މެޑިކަލް ޕްރެކްޓިޝަނަރުންނާއި ޑެންޓަލް ޕްރެކްޓިޝަނަރުން އެމީހުންގެ މަސައްކަތްކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން؛ 

(އ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެމީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އެކަންކަން ތަންފީޛުކުރުމާއި، ގަވާއިދުން އެމީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުންދިޔުން؛ 

(ވ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުން އެމީހުންގެ ވަޒީފާ އަދާކުރާ ކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(މ) ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިޙާންތަކަށާއި، އެނޫންވެސް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން؛

(ފ)  ކައުންސިލްގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ތަޢާރުޟުނުވާނެ ގޮތެއްގެމަތިން، ކޮމިޓީތަކާއި ބޯޑުތައް އުފެއްދުން؛

(ދ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އައު އުސޫލުތައް ތަޢާރުފުކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރުމަށްޓަކައި އުސޫލުތައް ތަޢާރުފުކުރުމާއި، މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ އުސޫލުތަކަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ކަށަވަރުކުރުން؛

(ތ) ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛

(ލ) ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުން ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލުން ކުރުމަށް ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުން؛

(ގ) ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުން؛

(ޏ)  ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛

(ސ) ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން؛

(ޑ) މުޖްތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚްލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން؛

(ޒ) މީގެ އިތުރުންވެސް މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން؛

(ޓ) ކައުންސިލްގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ނިސްބަތްވާ ކައުންސިލަށް އެމީހެއްގެ ފަންނީ ޢިލްމާއި ތަޖުރިބާގެ އަލީގައި، މިނިވަންކަމާއި، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއި މުޙްތަރިފްކަމާ އެކުގައި ޚިދުމަތްކުރުން އަދި އޭނާއާ ޙަވާލުކުރެވޭ ކަންކަން އެއްވެސް މީހެއް ނުވަތަ އިދާރާއެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ނެތި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛

(ޔ) އެއްވެސް މެންބަރެއްގެ އަމިއްލަ މަޞްލަޙަތެއް ނުވަތަ ދައުރެއްއޮތް މައްސަލައެއް ކައުންސިލުން ބަލާހިނދު، އެ މައްސަލަ ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެންނުވެ އަދި ކައުންސިލުން ބަލާ މައްސަލައަކީ އެފަދަ މަޞްލަޙަތެއް ނުވަތަ ދައުރެއްއޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭ ހިނދު، އެ މައްސަލައަކީ އޭނާއާ ގުޅުމެއްއޮތް މައްސަލައެއްކަން ކައުންސިލްގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު އެއްކިބާވެ ހުރުން؛

(ޕ) އިސްވެ ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވީ ކައުންސިލްގެ ރައީސަށް ކަމުގައިވާނަމަ، ކައުންސިލްގެ ނައިބު ރައީސަށް އެކަން އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އޭނާ އެއްކިބާވުން؛

ބޭނުންވާ ދާއިރާ

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، މެޑިކަލް ނުވަތަ ޑެންޓަލް ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް ކަމުގައިވުން.

މެންބަރުކަމުގެ ޝަރުޠު

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މެޑިކަލް ނުވަތަ ޑެންޓަލް ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް ކަމުގައިވުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެންބަރުކަމުގެ ސިފަތައް

  1. ދިވެހި ރައްޔިތެއްކަމުގައި ވުން.
  2. ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުން.
  3. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  4. ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  5. ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރި އެއްނަމަ، އެ ފަންނުގެ މަސައްކަތްތެރި އެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  6. ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  7. ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  8. ޞިއްޙީ ޚިދުމަތްދޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  9. ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  10. ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  11. ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ތައުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް (މެޑިކަލް / ޑެންޓަލް ޕްރޮފެޝަން އިން ހޯދާފައިވާ ސެޓްފިކެޓް)

އެމް.ބީ.ބީ.އެސް ޑިގްރީ - 20 މާކުސް

ސްޕެޝަލިސްޓް ޑިޕްލޮމާ - 25 މާކުސް

ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލެންޓް ސެޓިފިކޭޓް - 30 މާކުސް

ސަބް ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލެންޓް ސެޓިފިކޭޓް - 40 މާކުސް

 

 

މަސައްކަތުގެ ތަޖުރިބާއަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރާ 7 އަހަރާ ދެމެދު - 5 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރާ 10 އަހަރާ ދެމެދު - 10 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރާ 12 އަހަރާ ދެމެދު - 15 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުން މަތި - 20 މާކުސް

ތަޖުރިބާއަށް މާކުސް ދިނުމުގައި ރިޢާޔަތް ކުރާނީ މި އިއުލާނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ފެތޭ ލިޔުންތަކަށެވެ.

 

މެމްބަރުކަމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ލިބިފައިވާ ތަޢުލީމު (40 އިންސައްތަ)
  2. ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (20 އިންސައްތަ)
  3. އިންޓަރވިއު (40 އިންސައްތަ)

މާކުސް ދިނުމާއި އިންޓަވިއު ކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

  1. ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
  2. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް ޢައްޔަންކުރާނީ، މިނިސްޓްރީން ޢާންމުކޮށް އިޢުލާންކުރުމުން ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ކޮށްގެން އެންމެ މަތީ މާކުސް ލިބޭ ފަރާތެކެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3. މެމްބަރުކަމަށްއެދޭ ފަރާތަށް ލިބިފައިވާ ތަޖުރިބާ ބަޔާންކޮށްދިނުމަށް ޓަކައި މެމްބަރުކަމަށް އެދޭ ފަރާތް އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

4.މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ

5.މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީ ވެފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

7. ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 22 މޭ 2022 ގެ 14:00 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014331 ނުވަތަ 3014330 އެވެ.

28 އޭޕްރިލް 2022
ހޯދާ