ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

އިނާމު ކަނޑައެޅިފައިވާ މަސައްކަތް:     ކާބަފައިންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ މިނިއޭޗަރ  އުފެއްދުން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ގިންތިން، ދިވެހި ޤައުމީ ތަރިކައާއި، ދިވެހި ސަގާފަތް ދިރުވައި އާލާކުރުމުގެ ދާއިރާއިން، ކާބަފައިންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ މިނިއޭޗަރ (އަސްލު އެތި ނުވަތަ ތަން ނަކަލުކޮށް، ކުދިކޮށް ހަދާފައިވާ ނަމޫނާ) އުފައްދާ ފަރާތްތަކަށް އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މި އިނާމު ދެވޭނީ، މި އިނާމަށް އެދި ހުށަހަޅާ ތަކެތީގެ ތެރެއިން 1 ވަނައަށް އަންނަ އުފެއްދުމެއް އުފައްދާ ފަރާތަށެވެ. މި އިނާމަށް ޝަރުޠުހަމަވާނީ، އެންމެ ދަށްވެގެން ޖުމުލަ 70 އިންސައްތަ މާކުސް ހާސިލު ކުރެވިގެންނެވެ. މި އިނާމު ދިނުމަށް ވަނަ ހޮވާނީ މި އިނާމަށް އެދި މަދުވެގެން 3 ފަރާތަކުން ތަކެތި ހުށަހަޅާފައިވާނަމައެވެ.

މި އިނާމަށް ހުށަހަޅާ އުފެއްދުމަކީ މީގެ ކުރިން ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ބާއްވާފައިވާ މުބާރާތަކަށް ނުވަތަ މައުރަޒަކަށް ނުވަތަ ފެއަރއަކަށް ހުށަހަޅާފައިވާ އުފެއްދުމަކަށް ވެގެންނުވާނެއެވެ. އަދި މި އިނާމަށް ހުށަހަޅާ އުފެއްދުމަކީ، މި އިނާމަށް އިޢުލާނުކުރެވުނުފަހުން އުފައްދާފައިވާ އުފެއްދުމެއްކަމުގައި ވާންޖެހޭނެއެވެ. މި އިނާމަށް ވާދަކުރުމަށް ހުށަހަޅާ ތަކެތީގެ މިލްކުވެރި ފަރާތަކީ އެތަކެތި އުފައްދައި ހުށަހެޅި ފަރާތެވެ.

އިނާމަށް ވާދަކުރުމަށް ހުށަހަޅާ މިނިއޭޗަރ އުފެއްދުމުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށެވެ. މި މިންގަނޑުތަކަށް ނުފެތޭ ތަކެތި، މި އިނާމަށް ވަނަ ހޮވުމުގައެއް ނުހިމެނޭނެއެވެ.

  1. ހިފާގެންގުޅެން ފަސޭހައެއްޗަކަށްވުން.
  2. ދެމެހެއްޓެނެވި އެއްޗަކަށްވުން.
  3. ރައްކާތެރި ގޮތަކަށް ހަދާފައިވާ އެއްޗަކަށްވުން.
  4. މަޢުލޫމާތު ލިބިގަނެވޭނެ އެއްޗަކަށްވުން.
  5. އެއިން އާމްދަނީ ލިބޭނެފަދަ އެއްޗަކަށްވުން. (މާސް ޕްރޮޑަކްޝަން)
  6. ތިމާވެށްޓާ ރައްޓެހި، ރާއްޖެއިން އެކްސްޕޯޓްކުރުން ހުއްދަ ތަކެތިން އުފައްދާފައިވާ އެއްޗަކަށްވުން.
  7. އާސާރީ އެއްޗެއްގެ ނުވަތަ ތަނެއްގެ މިނިއޭޗަރ އަކަށްވުން.
  8. މިނިއޭޗަރގެ ކޮޑިމިން 216 (666) ކޮޑި އިންޗިއަށްވުރެ ބޮޑު ނުވުން.
  9. އުފައްދާފައިވާ މިނިއޭޗަރގެ މަޢުލޫމާތު ހިމެނޭ ލިޔުންކޮޅެއް ދިވެހިބަހުންނާއި އިނގިރޭސިބަހުން އެ އެތީގައި ނުވަތަ އެއާއެކު ހިމެނުން

މި އިނާމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ދިރާސާކޮށް، އިނާމު ޙައްޤުވާ ފަރާތްތައް ކަނޑައަޅާނީ، މި ޑިޕާޓްމަންޓުން އެކުލަވައިލާ ފަންނީ ކޮމިޓީއަކުންނެވެ. މި އިނާމު ދޭނެ ފަރާތެއް ކަނޑައެޅުމަށްޓަކައި މާކުސް ދެވޭނެ ގޮތް ތިރީގައި މިވަނީއެވެ.

މާކުސް ދެވޭ ކަންތައް

މާކުސް (%)

  1. މިނިއޭޗަރއިން އަސްލު ސިފަ ފެންނަ މިންވަރު

50

  1. މިނިއޭޗަރއާއެކު ހިމަނާފައިވާ މަޢުލޫމާތު ދެވިފައިވާ ގޮތާއި މަޢުލޫމާތުގެ ޞައްޙަކަން

10

  1. އުފެއްދުމުގެ (މަސައްކަތުގެ) ފަށުވިކަން

40

ވީމާ، މި އިނާމަށް އެދޭ ފަރާތްތަކުން، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، ހުށަހަޅާ އުފެއްދުމާއެކު، 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ. މި ފޯމު، މި ޑިޕާޓްމަންޓާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް (www.heritage.gov.mv)  އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް، މި ޑިޕާޓްމަންޓުގެ ނަންބަރު 3323206 ފޯނަށް ގުޅުން އެދެމެވެ.

01 ޖުލައި 2014
ހޯދާ