މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
އެމްޓީޑީސީގެ ޗެއާމަންކަމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ބޭފުޅުން އައްޔަން ކުރުމަށް ހަމަޖެހިފައިވާ އުސޫލު.

އެމްޓީޑީސީގެ ހިންގާ ގަވާއިދުގެ 72 ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތުން، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވައިލެވިގެންވަނީ އެމްޓީޑީސީގެ ޙިއްސާދާރެއްގެ ހައިސިއްޔަތުން ދިވެހި ސަރުކާރު ތަމްސީލުކުރުމަށް މިކުންފުނީގެ ބޯޑަށް ސަރުކާރުން އައްޔަން ކުރައްވާ 4 (ހަތަރެއް) ޑިރެކްޓަރުންނާއި އަދި ޢާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ހިއްސާދާރުން އިންތިޚާބުކުރައްވާ 5 (ފަހެއް) ޑިރެކްޓަރުންގެ މައްޗަށެވެ.  އަދި އެމްޓީޑީސީގެ ހިންގާ ގަވާއިދުގެ 89 ވަނަ މާއްދާ އާއި 93 ވަނަ މާއްދާގައިވާގޮތުން މިކުންފުނީގެ ޗެއާމަންކަމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލަކީ، އެމްޓީޑީސީގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ދިވެހި ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރައްވާފައިވާ 4 (ހަތަރެއް) ޑިރެކްޓަރުންގެ ތެރެއިން ޑިރެކްޓަރެއް ކުންފުނީގެ ޗެއާމަންކަމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ޑިރެކްޓަރުންގެ ބޯޑުގެ އަޣުލަބިއްޔަތުން އައްޔަންކުރުމެވެ.  

އެހެންކަމުން އެމްޓީޑީސީގެ ޗެއަމަންކަމުގެ މަގާމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބޭފުޅުން އައްޔަންކުރުމުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލަކީ، އެމްޓީޑީސީގެ ހިންގާ ގަވާޢިދާއި އަދި ކޯޕަރޭޓު ގަވަރނަންސް ކޯޑުގައި ކަނޑައެޅިފައިވާގޮތުގެ މަތިން، ސަރުކާރުގެ ފަރާތުން އެމްޓީޑީސީގެ ބޯޑަށް އައްޔަން ކުރައްވާ 4 (ހަތަރެއް) ޑިރެކްޓަރުންގެ ތެރެއިން ޗެއާމަންކަމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަން ކުރުމަށް ހުށަހަޅުއްވާ ބޭފުޅުންގެ ނަންފުޅުތައް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުއްވުމުން، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަންސް އެންޑް ރެމިއުނަރޭޝަންސް ކޮމެޓީއިން އެނަންފުޅުތައް ދިރާސާކުރެއްވުމަށްފަހު ކޮމެޓީއިން ނިންމެވިގޮތް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅުއްވައެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއްގައި ކޮމިޓީގެ ނިންމެވުމާމެދު މަޝްވަރާކުރެއްވުމަށްފަހު ބޯޑުގެ އަޣުލަބިއްޔަތުން ކުންފުނީގެ ޗެއާމަންކަމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރުމަށް ނުވަތަ އައްޔަން ނުކުރުމަށް ފާސްކުރައްވައެވެ. އަދި ސަރުކާރުގެ ފަރާތުން އެމްޓީޑީސީގެ ޗެއާމަންކަމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކުރުމަށް ހުށަހަޅުއްވާފައިވާ ބޭފުޅުންނަކީ އެމަޤާމުތަކަށް އައްޔަންކުރުމަށް އެކަށީގެންނުވާ ފަރާތްތަކެއްކަމަށް ޑިރެކްޓަރުންގެ ބޯޑަށް ފެނިވަޑައިގެންފި ހާލަތެއްގައި އެމަޤާމުތަކަށް އައްޔަންކުރުމަށް އައު ނަންފުޅުތަކެއް ފޮނުއްވައިދެއްވުމަށް ސަރުކާރުގައި ދެންނެވެއެވެ.

ވީމާ އެމްޓީޑީސީގެ ޗެއާމަންކަމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުކަމަށް ބޭފުޅުން އައްޔަން ކުރުމަށް ހަމަޖެހިފައިވާ އުސޫލު އެންމެހައި ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާނު ކުރަމެވެ.

15 ޖޫން 2014
ހޯދާ