ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ކޯވިޑް-19 އާ ގުޅިގެން މުވައްޒަފުންގެ ވަޒީފާގެ ޙާލަތާގުޅޭ ކަންކަން ނިންމުމާ ގުޅޭ

އިޢުލާން

 

ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކުޑަކުރުމާއި، މުސާރައާއި ޢިނާޔަތް ނުދޭގޮތަށް (ނޯޕޭ ލީވްގެ ގޮތުގައި) މުވައްޒަފުން ފޮނުވާލުމާއި، ވަޒީފާއިން ވަކިކުރުންފަދަ ކަންކަން، ވަޒީފާދޭ ފަރާތްތަކުން މިދުވަސްކޮޅު ކުރަމުންގެންދާތީ، މުވައްޒަފުންގެ ޝަކުވާތައް މިއޮތޯރިޓީއަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ލިބެމުން އާދެއެވެ. އަދި ކަންހިނގަމުން އަންނަގޮތް މިއޮތޯރިޓީން ބެލިއިރު، މުވައްޒަފުންގެ ކަންކަން ބައެއްފަރާތްތަކުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން، ސަރުކާރުން ލޯނު ދޫކުރުމާއި އެނޫންވެސް ގިނަގުނަ ލުއިތައް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖައްސައިދެއްވުމަށް ވަނީ ނިންމާފައެވެ. މިޢިނާޔަތް ދިނުމުގައި، މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް، މުވައްޒަފުންގެ ޙައްޤުތައް ފުރިހަމަޔަށް އަދާކޮށްދޭ ފަރާތްތަކަށް ސަރުކާރުން އިސްކަން ދެއްވާނެއެވެ.

ވީމާ، މިދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފާއާގުޅުންހުރި ކަންކަން ނިންމެވުމުގެ ކުރިން، އެކަންކަމާ ގުޅޭގޮތުން މިއޮތޯރިޓީއާއެކު މަޝްވަރާކުރެއްވުމަށާއި، އެއްވެސް މުވައްޒަފަކާމެދު ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދަންނަވަމެވެ.

އަދި ވަޒީފާދޭ އެއްވެސް ފަރާތަކުން، 01 މާރިޗު 2020 އިން ފެށިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ޙާލަތަށް ބަދަލެއް ގެނެސްފައިވާނަމަ، އެފަރާތްތަކުން އެކަންކަން ނިންމެވިގޮތުގެ ތަފްޞީލް، މި އޮތޯރިޓީގެ ވެބްސައިޓް (https://lra.gov.mv/downloads) ގައިވާ ޝީޓްގައި ފުރިހަަމަކުރެއްވުމަށްފަހު، 15 އެޕްރީލް 2020 ގެ މެންދުރު 12:00 ގެ ކުރިން، މިއޮތޯރިޓީގެ އީމެއިލް [email protected] އަށް ފޮނުވައިދިނުމަށް ދަންނަވަމެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް މުވައްޒަފުންގެ ވަޒީފާއަށް ބަދަލެއް ގެންނަނަމަ، އިސްވެދެންނެވުނު ގޮތުގެމަތިން ޢަމަލުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި އޮތޯރިޓީގެ ނަންބަރު 7208282 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 މާރިޗު 2020
ހޯދާ